ޚަބަރު

މާލޭގެ ރައްޔިތުންނަށް ވަޢުދުވީ 5000 ގޯތި މިއަހަރު މެދުތެރޭގައި ހަވާލުކުރާނަން: ރައީސް


މާލޭގެ ރައްޔިތުންނަށް މި ސަރުކާރުން ދޭން ވަޢުދުވެފައިވާ 5000 ގޯތި ކަނޑާ، އިން ވަކިކޮށް މިއަހަރުގެ މެދުތެރޭގައި ޙަވާލުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ވެރިކަން ކުރާ މައި ޕާޓީ، އެމް.ޑީ.ޕީގެ ޕްރައިމަރީ އިންތިޚާބުގެ ކެމްޕެއިންގައި ނ. ވެލިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ނ. ވެލިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ބޯހިޔާވަހިކަމުގެ ވަޢުދަކީ މި ސަރުކާރުން ވީ އެންމެ ބޮޑު ވަޢުދުކަމަށެވެ. އެ ވަޢުދާއެއްގޮތަށް 16،000 އަށްވުރެ ގިނަ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ ތެރޭގައި ފްލެޓާއި، ރޯހައުސްތަކާއި، ގޯތި ދިނުމުގެ މަޝްރޫޢުތައް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ މާލޭ ސަރަޙައްދުގައި އެކަނިވެސް 8782 ފްލެޓާއި 5000 ގޯތި ދިނުމުގެ އަމަލީ މަސައްކަތް ކުރިއަށްދާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުން މާލޭގެ ރައްޔިތުންނަށް ވީ ވަޢުދާ އެއްގޮތަށް 5000 ގޯތި ކަނޑާ، އިން ވަކިކޮށް މިއަހަރުގެ މެދުތެރޭ ޙަވާލުކުރައްވާނެކަމުގެ ޔަޤީންކަން މި ޖަލްސާގެ ތެރެއިން ދެއްވާފައެވެ.

"މާލޭ ސަރަޙައްދުގައި އެކަނި 8782 ފްލެޓާއި 5000 ގޯތި ދިނުމުގެ އަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ އެ ދަނީ ކުރިއަށް. މިއަހަރުގެ މެދުތެރެއަށް އަންނައިރު މާލޭގެ ރައްޔިތުންނަށް އަޅުގަނޑުމެން ވީ ވަޢުދާއެއްގޮތަށް 5000 ގޯތި ކަނޑާ، އިން ވަކިކޮށް އަޅުގަނޑުމެން ޙަވާލުކުރާނަން" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި 2018 ވަނަ އަހަރު އިންތިޚާބުކުރި ސަރުކާރުގެ ވެރިއަކަށްހުރެ ރައްޔިތުންނަށް ބޭނުންވެފައިވާ ވަރަށް ގިނަ އަސާސީ ޚިދުމަތްތަކަކާއި، ތަރައްޤީގެ އެތައް މަޝްރޫޢުތަކެއް ހިންގަމުން އަންނަކަމަށް ވިދާޅުވިއެވެ.

މި މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކުރެވޭ އެއްކަމަކީ މީހުން ބިނާކުރުމަށްޓަކާ ކުރެވޭ މަސައްކަތްތައްކަން ފާހަގަކުރައްވާ، އެމަނިކުފާނު ވަނީ އައު ޚިދުމަތްތެރި ޖީލެއް މި ޤައުމަށް އުފަންކުރުމަށް މި ސަރުކާރުން ކުރާ މަސައްކަތްތަކުގެ ބައެއް ތަފާސް ހިސާބު ހިއްސާކުރައްވާފައެވެ.

"ތައުލީމީ ދާއިރާއަށް ބަލާއިރު މިހާތަނަށް ސްކޫލުތަކުގެ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަށްޓަކާ 1578 ކްލާސްރޫމް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެޅިއްޖެ. 85 މަލްޓި ޕަރޕަސް ހޯލު ނިންމާ ބޭނުން ހިފަން ފަށައިފި. އަދި ސްކޫލަތަކަށް ބޭނުންވެފައި ހުރި އިތުރު ސްޓާފް ރޫމްތަކާއި، މުވައްޒަފުން މަސައްކަތްކުރާނެ އޮފީސްތަކާއެކު 509 އިމާރާތެއް ސްކޫލްތަކުގައި އަޅުގަނޑުމެންނަށް ޤާއިމުކޮށްދެވިއްޖެ. ހަމަމިއާއެކުގައި ސަރުކާރުގެ ހިލޭ ޑިގްރީގެ ދަށުން 16،000 އަށްވުރެ ގިނަ ދަރިވަރުން މިހާރުވެސް ކިޔަވަމުން އެބަދޭ. 6519 ދަރިވަރުން ފަސްޓް ޑިގްރީ ނިންމާ އެތިބީ އެއަށްވުރެ މަތީ ހަރުފަތަކަށް ދިއުމަށްޓަކާ މަސައްކަތް ފަށާފައި" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ތަޢުލީމީ ދާއިރާގެ އިތުރުން ރާއްޖޭގެ ޞިއްހީ ދާއިރާއަށްވެސް އިންޤިލާބީ ބަދަލުތަކެއް ސަރުކާރަށް ގެނެވިފައިވާކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން އެކަން ޤަބޫލުކުރައްވާނެކަމަށެވެ. އެގޮތުން 5 ޓަރޝަރީ ހޮސްޕިޓަލު ތަރައްޤީކުރުމުގެ މަސައްކަތާއި، އަތޮޅު ހޮސްޕިޓަލްތަކާއި ރަށްރަށުގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ ސާމާނު ހަމަކޮށް، ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތައް ރައީސް ފާހަގަކުރެއްވިއެވެ.