ޚަބަރު

ހަނިމާދޫން ދޫކުރާ 200 ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން މިމަހު 16 ގައި


ހދ. ހަނިމާދޫން ދޫކުރުމަށް ހަމަޖެހިފައިވާ 200 ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން މިމަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.

ހަނިމާދޫން ދޫކުރާ 200 ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގޯތި ނަންބަރު ކަނޑައެޅުމަށް ބާއްވާ މި ގުރުއަތުލުން އޮންނާނީ މިމަހުގެ 16 ވާ ހޯމަ ދުވަހުގެ ރޭ 20:30 ގައި އެރަށު އިޖްތިމާޢީ މަރުކަޒުގައިކަމަށް ހަނިމާދޫ ކައުންސިލުން ވިދާޅުވެއެވެ.

ގުރުއަތުލުމަށް ބާއްވާ ބައްދަލުވުމަށް ވަޑައިގަންނަވާއިރު، ގޯތި ލިބޭ ފަރާތްތަކުން އައިޑީކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެނައުމަށާއި، ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި ފަރާތެއްކަން އެނގޭނެ ސިޓީއަކާއި ފޮނުވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލު ގެނައުމަށް ހަނިމާދޫ ކައުންސިލުން ވިދާޅުވެފައިވެއެވެ.

ބަންޑާރަ ގޯތި ދޫކުރުމަށް ގުރުނެގުމަށް ހަމަޖެހިފައި ވަނީ ކައުންސިލުން ޢާއްމުކޮށްފައިވާ "ހަނިމާދޫއިން ގޯތިލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓްގެ" ތަރުތީބުން ކޮންމެ ގޯއްޗަކަށް ދެވިފައިވާ ނަންބަރު ލިޔެފައިވާ ކަރުދާސްތައް އެކަމަށް ޚާއްސަ ކުރެވިފައިވާ އެއްޗަކަށް އެޅުމަށްފަހު ނެގޭ އެއްގަނޑުކޮޅުންނެވެ.

ހަނިމާދޫއިން ދިރިއުޅުމަށް 200 ބަންޑާރަ ގޯތި ދޫކުރުމަށް ނިންމާ، ގޯއްޗަށް އެދި ކުރިމަތިލުމަށް ހަނިމާދޫ ކައުންސިލުން ހުޅުވާލީ މިދިޔަ އަހަރު ފެބުރުއަރީ 20 ވަނަ ދުވަހުން ފެށިގެން އެ އަހަރުގެ މާރިޗު 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

ހަނިމާދޫއިން ދޫކުރުމަށް ނިންމާފައިވަނީ 3000 އަކަފޫޓުގެ 200 ގޯއްޗެވެ. އެރަށުން މީހުން ދިރިއުޅެން ބަންޑާރަ ގޯތި ދޫކުރަން ކައުންސިލުން ހުޅުވާލާފައި މިވަނީ ގާތްގަނޑަކަށް 12 ވަރަކަށް އަހަރު ފަހުންނެވެ.

ހއ. ހަތިފުށްޓާއި ހދ. ހޮނޑައިދޫއިން، ހަނިމާދޫއަށް ބަދަލުކުރި މީހުންނާއެކު، ރަށުގެ އާބާދީ 2000 އިން މައްޗަށް އަރައެވެ. ރާއްޖޭގެ ގިނަ ރަށްރަށެކޭ އެއްފަދައިން ހަނިމާދޫއަށްވެސް ބޯހިޔާވަހިކަމުގެ މައްސަލަ ވަނީ ކުރިމަތިވެފައެވެ. މިކަމަށް ލުޔެއް ހޯދުމަށް ހަނިމާދޫން މިފަހަރު ގޯތި ދޫކުރުމަށް ނިންމާފައިވަނީ ރަށުގެ 2 ސަރަޙައްދަކުންނެވެ. އެއީ ބޯޅަދަނޑުގެ އިރުމަތީ ފަރާތުންނާއި، ހަތިފުށީ ރައްޔިތުން އާބާދުވީ ސަރަޙައްދުގެ އިރުމަތީ ފަރާތުންނެވެ.

ހަނިމާދޫން މިފަހަރު ދޫކުރާ މި 200 ގޯތިވެސް ޚާއްސަކޮށްފައިވަނީ ރަށުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް އެކަންޏެވެ. މިގޮތަށް ކަނޑައެޅި މައިގަނޑު ސަބަބަކީ ރަށުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ މީހުންގެ ޢަދަދު އިތުރުވުމާއެކު އެކަމަށް ލުޔެއް ހޯދައިދިނުމަށްކަމަށް އެ ރަށު ކައުންސިލުން ވިދާޅުވެއެވެ.