ޚަބަރު

ސްޓެލްކޯއިން ގުޅީގައި އޮޑިދޯނިފަހަރަށް ފެނުގެ ޚިދުމަތް ދޭން ފަށައިފި


ސްޓެލްކޯއިން ގުޅީގައި އޮޑިދޯނި ފަހަރަށް ފެނުގެ ޚިދުމަތް ދޭން ފަށައިފިއެވެ.

ގުޅީގައި ދޭންފެށި މި ޚިދުމަތާއެކު، ޒަމާނީ ފަސޭހަތަކެއް ލިބިގެންދާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. އެގޮތުން ހޮޓްލައިންއަށް ގުޅާ އޯޑަރު ދިނުމުން، ޕޭމަންޓް ލިންކް ފޯނަށް ލިބި، ފަސޭހައިން ޚިދުމަތަށް ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ.

މި ޚިދުމަތް ގުޅީގައި އިފްތިތާހު ކުރެވިގެންދިއުމާއެކު، ސްޓެލްކޯގެ މެނޭޖްމަންޓުން ވަނީ ގުޅީގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ދޯންޏަކަށް 1 ޓަނުގެ ފެން ހިލޭ ދިނުމަށް ނިންމާފައެވެ.

ގުޅީގެ ފެނުގެ ހޮޓްލައިން ނަމްބަރަކީ 7281221 އެކެވެ. ގުޅީގައި ރަޖިސްޓްރީކޮށްފައިވާ ދޯނިތަކުގެ އިތުރުންވެސް މި ޚިދުމަތް ބޭނުންވާ އެހެން އޮޑިދޯނި ފަހަރަށްވެސް މި ޚިދުމަތް އެ ރަށުން ފޯރުކޮށްދެވިގެންދާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.

ސްޓެލްކޯއިން ވިދާޅުވީ، އޮޑިދޯނިފަހަރަށް ފެން ވިއްކަމުން ގެންދާނީ 3 ބޭންޑަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން ބޭންޑް A އަށް 10 ރުފިޔާ، ބޭންޑް B އަށް 12 ރުފިޔާ ފަންސާސް ލާރި އަދި ބޭންޑް C އަށް 13 ރުފިޔާ ފަންސާސް ލާރީގެ މަގުން ޗާޖް ކުރެވިގެންދާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.

އޮޑި ދޯނިފަހަރަށް ފެން ވިއްކުމުގެ ޚިދުމަތް މިވަގުތު ސްޓެލްކޯއިން ދެމުން އަންނަ ރަށްތަކުގެ ތެރޭގައި ކ. ގުޅީގެ އިތުރުން، އދ. މަހިބަދޫއާއި ކ. ގާފަރު ހިމެނެއެވެ. މީގެ އިތުރުންވެސް ސްޓެލްކޯއިން ފެނުގެ ޚިދުމަތްދޭ އެހެން ރަށްތަކުގައިވެސް މި ޚިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް އެކުންފުނިން ދަނީ ވަމުންނެވެ.