ޚަބަރު

"ނަލަ ދުވާފަރު"ގެ ނަމުގައި ކުނި މެނޭޖްކުރުމުގެ ޚާއްސަ ކެމްޕޭނެއް


އެމް.ޑަބްލިޔު.އެސް.ސީ އިން "ނަލަ ދުވާފަރު" ގެ ނަމުގައި ކުނި މެނޭޖްކުރުމުގެ ކެމްޕޭނެއް ރ. ދުވާފަރުގައި ފަށައިފިއެވެ.

މިއީ ދުވާފަރުގައި ދެމުން ގެންދާ ކުނި މެނޭޖްކުރުމުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ރައްކާތެރި ގޮތެއްގައި ކުނި ނައްތާލައި ދުވާފަރުގެ ރައްޔިތުން މިކަމަށް އަޚުލުވެރި ކުރުމަށް، އިފްތިތާޙުކުރެވުނު ކެމްޕޭނެއްކަމަށް އެކުންފުނިން ވިދާޅުވެއެވެ.

މިކެމްޕޭން އިފްތިތާޚް ކޮށްދެއްވީ ދުވާފަރުގައި އިއްޔެ ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރު ޙަސަން ޝާޙު އެވެ. މި ރަސްމިއްޔާތުގައި ދުވާފަރު ކައުންސިލާއި, މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން އެކުންފުނީގެ އެގްޒެކެޓިވް މެނޭޖުމަންޓް ޓީމާއި, މުވައްޒަފުން އަދި ރަށުގެ ރައްޔިތުންވެސް ވަނީ ބައިވެރިވެފައެވެ.

"ނަލަ ދުވާފަރު" ކެމްޕޭންގެ މައިގަނޑު މަޤްސަދަކީ ދުވާފަރު ނަލަ، ސާފު ރަށެއްގެ ގޮތުގައި ބޭއްވުމާއި އަދި ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމަށް އިރުތަށް ފަސޭހަ ކޮށްދިނުންކަމަށް އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވެއެވެ. މި ކެމްޕޭނުގެ ތެރެއިން، ކުނީގެ ބާވަތްތައް ވަކިކުރުމަށް ޚާއްސަ ޑަސްބިންތަކެއް، ދުވާފަރުގެ ކޮންމެ ގޭބިސީއަކަށް ހަވާލުކުރެވިގެން ދާނެއެވެ. އަދި ދުވާފަރުގެ ރައްޔިތުންގެ މެދުގައި ކުނި މެނޭޖްކުރުމުގެ އުސޫލްތަކަށް އިތުރަށް އަހުލުވެރިކުރުމަށް، ޑޯ-ޓު-ޑޯ ކެމްޕެއިންވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

"ނަލަ ދުވާފަރު" ކެމްޕެއިންގެ ތެރެއިން ރަށުގެ ގޮނޑުދޮށް ސާފުކުރުމުގެ ޚާއްސަ ޕްރޮގްރާމެއްވެސް ކުރިއަށްގެންގޮސްފައިވެއެވެ. މި ޕްރޮގްރާމްގައި އެމް.ޑަބް.ލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހާއި، ކުންފުނީގެ އިސްވެރިންނާއި، މުވައްޒަފުންނާއި، ދުވާފަރުގެ ކައުންސިލާއި މުއައްސަސާތަކާއި އަދި ދުވާފަރުގެ ރައްޔިތުންވެސް ވަނީ ބައިވެރިވެފައެވެ.

މިކެމްޕޭނާއި ގުޅިގެން ދުވާފަރުގެ ކުޑަކުދިންނަށް އަމާޒުކޮށްގެން މިއަދު ހަވީރު "ކުޑަކުދިންނާއެކު އެމް.ޑަބްލިޔު.އެސް.ސީ" ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވީ އެކުންފުނީގެ އަމާޒަކީ ރައްކާތެރި އަދި ދެމެހެއްޓެނެވި ގޮތެއްގައި ދުވާފަރުގައި ކުނި މެނޭޖްކޮށް ސާފު މާޙައުލެ ދުވާފަރުގެ ރައްޔިތުނަށް ފޯރުކޮށްދިނުމެވެ. އެމް.ޑަބްލިޔު.އެސް.ސީން އަންނަނީ ފެނާއި ނަރުދަމާގެ ޚިދުމަތުގެ އިތުރުން ކުނި މެނޭޖްކުރުމާއި، ކަރަންޓް، އަދި މަސްވެރިންނަށް ބޭނުންވާ އައިސްގެ ޚިދުމަތްވެސް ދުވާފަރުގައި ފޯރުކޮށްދެމުންނެވެ.