ޚަބަރު

ކެނދިކުޅުދޫއާއި ހިންނަވަރު ހޮސްޕިޓަލުގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްފި


ނ. ކެނދިކުޅުދޫއާއި ޅ. ހިންނަވަރުގައި ސަރުކާރުން ތަރައްޤީކުރާ ހޮސްޕިޓަލުގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްފިއެވެ. މި ދެ ހޮސްޕިޓަލުގެ މަޝްރޫޢަކީވެސް ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ހިންގުމަށް ނިންމާފައިވާ ދެ މަޝްރޫޢެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ނ. ކެނދިކުޅުދޫއާއި ޅ. ހިންނަވަރުގައި ސަރުކާރުން ތަރައްޤީކުރާ ހޮސްޕިޓަލުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެކަމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، އެ މިނިސްޓްރީ ސްޓޭޓް މިނިސްޓަރ އަޙްމަދު އާދިލެވެ.

ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ކުރިއަށްގެންދާ މި ދެ މަޝްރޫޢުގެ ދަށުން ކެނދިކުޅުދޫއާއި ހިންނަވަރުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 30 އެނދުގެ ދެ ހޮސްޕިޓަލެވެ. މި މަޝްރޫޢުގެ ދަށުން، މިއިން ކޮންމެ ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލުގެ އިމާރާތާއި، އެކަމަޑޭޝަން ބިލްޑިންގއާއި، އިދާރީ މަސައްކަތްތަކަށް ޚާއްސަ ސަރވިސަސް ބިލްޑިންގއެއް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ދެ މަޝްރޫޢުގެ ތެރެއިން ، ނ. ކެނދިކުޅުދޫ 30 އެނދުގެ ހޮސްޕިޓަލު މަޝްރޫޢަށް ޖުމްލަ 193 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. އަދި ޅ. ހިންނަވަރު 30 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތަށް ޖުމްލަ 185 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. މި ދެ ހޮސްޕިޓަލުގެ މަސައްކަތްވެސް ސާސްއީ ކޮންސްޓްރަކްޝަނާއި ޙަވާލުކޮށްފައިވަނީ 18 މަސް ދުވަހުން މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.

އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާއިރު، މިއަހަރުގެ ބަޖެޓުގައިވެސް އެންމެ ބޮޑު ޢަދަދެއް ކަނޑައެޅިފައިވާ އެއް ދާއިރާއަކީ ޞިއްޙީ ދާއިރާއެވެ. އެގޮތުން މި ދާއިރާއަށް އެކަނިވެސް 5 ބިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓުގައި ވަނީ ކަނޑައަޅާފައެވެ.

ރައްޔިތުންނާ އެންމެ ގާތުން ޞިއްޙީ ޚިދުމަތް ލިބޭނެކަން ކަށަވަރުކުރުމުގެގޮތުން، 132 ރަށެއްގެ ހޮސްޕިޓަލް ނުވަތަ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމަށް މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ޞިއްޙީ ދާއިރާއަށް ބޭނުންވާ އުމްރާނީ ތަރައްޤީ ގެނައުމާއި، ވަޞީލަތްތައް މުއްސަނދިކޮށް ޚިދުމަތް ފުޅާކޮށް ފެންވަރު ރަނގަޅުކުރުން ހިމެނޭއިރު މި މަސައްކަތަށް އެކަނިވެސް 551 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެ.