ޚަބަރު

އުނގޫފާރު މަގުތަކުގައި ފެން ހިންދާ ޓޭންކު ހަރުކޮށްފި


ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން މަގުތަކުގައި ފެން ހިންދާ ޓޭންކުތައް ހަރުކޮށް ނިމިފައިވާކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީއިން ވިދާޅުވެއްޖެއެވެ.

އުނގޫފާރު މަގުތަކުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމް.ޓީ.ސީ.ސީއާއި ޙަވާލުކުރުމަށް ނިންމާ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 31 އޮކްޓޫބަރު 2021 ގައެވެ.

އުނގޫފާރަކީ ރ. އަތޮޅުގެ އަތޮޅުވެރިކަން ކުރާ ރަށްކަމުގައިވާތީ، އަތޮޅުގެ ހުރިހާ ރަށަކުންހެން ގިނަ ބަޔަކު ތަޢުލީމު އުނގެނުމާއި، ޞިއްޙީ ފަރުވާއާއި، ބެންކިންގ ޚިދުމަތްފަދަ ކަންކަން ލިބިގަތުމަށް ކޮންމެ ދުވަހަކުހެން ރަށަށް އަރައި ފައިބައި ހަދައެވެ. ނަމަވެސް ރަށުގައި ދިރިއުޅޭ ރައްޔިތުންނާއި، އެކި ބޭނުންތަކަށް ރަށަށް އަންނަ ފަރާތްތަކުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރަށުގެ މަގުތަކުގައި ޙާލަތު ދަށްވުމެވެ.

މިކަމަށް ޙައްލެއް ގެނައުމުގެ ގޮތުން އުނގޫފާރު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްގެން އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ވަރަށް ބާރު ދުވެލީގައި ދަނީ ކުރަމުންނެވެ.

މި މަޝްރޫޢުގެ ދަށުން މަސައްކަތް ގޮސްފައިވާ ހިސާބަށް ބަލާއިރު، ފެން ހިންދާ ޓޭންކް ހަރުކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި ސެޓްލްމެންޓް ޓޭންކު ހަރުކުރުމުގެ މަސައްކަތުގެ ގާތްގަނޑަކަށް 55 އިންސައްތަ ނިމިފައިވާކަމަށް އެމް.ޓީ.ސީ.ސީއިން ވިދާޅުވެއެވެ.

އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން އެ ރަށުގެ މައި 5 މަގެއްގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިގެންދާނެއެވެ. އޭގެ ތެރޭގައި އެތެރޭގެ 4 މަގަކާއި، ބަނދަރުމަގު ހިމެނެއެވެ. މި މަޝްރޫޢަށް 21.6 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ސްކޯޕަށް ބަލާއިރު، 7511.70 އަކަ މީޓަރުގެ ދުއްވާ ސަރަަޙައްދެއްގައި ސަބްގްރޭޑް، ސަބްބޭސް އަދި ތާރު އެޅުމުގެ މަސައްކަތް ކުރުމާއި، 2291.75 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުން ހިމެނެއެވެ. އަދި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

އުނގޫފާރު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ރަށުގެ 14 މަގެއްގައި ތާރުއެޅުމުގެ މަސައްކަތް މިދިޔަ އޮކްޓޫބަރުމަހުގެ ތެރޭގައި އެމް.ޓީ.ސީ.ސީއިން ވަނީ ނިންމާލާފައެވެ.

އުނގޫފާރު މަގުތައް ހެދުމުގެ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކޮށްފައިވަނީ ޢާއްމު ޚިދުމަތްތައް ހޯދުމަށް އެންމެ ގިނައިން ބޭނުންކުރަމުންދާ ރަށުގެ ބޮޑެތި މަގުތަކެވެ. އަލަށް ތަރައްޤީކުރާ މަގުތަކާއެކު މުޅި މަޝްރޫޢު އެއްކޮށް ނިމޭއިރު ރަށުގެ 17 މަގެއް ތާރުއަޅާ ތަރައްޤީކުރެވިގެންދާނެއެވެ.