ޚަބަރު

އޭދަފުށިން 1200 ޓަނުގެ ކުނި ބޭރުކޮށްފި


ރަށްރަށުގައި ހުރި ކުނީގެ މައްސަލަ ޙައްލުކޮށް ރަނގަޅު ގޮތުގައި ކުނި މެނޭޖްކުރުމަށް ގިނަ ކައުންސިލްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިކަމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ ރަށްރަށުގައި ހުރި ކުނި މެނޭޖްކުރާ މަރުކަޒުތައް އެންމެ އެކަށީގެންވާ ގޮތުގައި ނުހިނގުމާއި ސަރަޙައްދީ ކުނި މެނޭޖްކުރާ މަރުކަޒުތައް އަދިވެސް އެދެވޭ ގޮތެއްގައި އޮޕަރޭޝަނަށް ނުގެނެވުމެވެ.

މީގެ ސަބަބުން ރަށްރަށުގައި ކުނި ޖަމާވެ ގިނަވުން ނޫންގޮތެއް އަދި ނެތެވެ. މިކަމަށް ޙައްލެއް ގެނެސްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު ކައުންސިލް ތަކުން އަންނަނީ ރަށްރަށުގައި ހުރި ކުނި މެނޭޖްކުރެވޭނެ މަގު ވަގުތީގޮތުން ހޯދަމުންނެވެ. މިގޮތުން މަސައްކަތް ކުރަމުން އަންނަ އެއް ރަށަކީ ބ. އޭދަފުށްޓެވެ.

ބ. އަތޮޅު އޭދަފުށީގައި އުފެދޭ ކުނި ރަށުގައިި އެކަށީގެންވާ ގޮތެއްގައި މެނޭޖްކުރެވޭނެ ގޮތެއް އަދި ނެތެވެ. ސަބަބަކީ އެރަށުގައި ހުރި ކުނި މެނޭޖްކުރާ މަރުކަޒަށް ބޭނުންވާ ވަޞީލަތްތައް ނެތުމެވެ. އެމަރުކަޒަށް ބޭނުންވާ ވަޞީލަތްތަކާއި މެޝިނަރީޒް ގަތުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިނޭންސްއިން ކުރަމުންދާކަމަށް އެމިނިސްޓްރީއާއި ޙަވާލާދީ އޭދަފުށީ ކައުންސިލުން ވިދާޅުވެއެވެ. އަދި މިއަހަރުގެ މެދެއްހާ ހިސާބުގައި އެވަޞީލަތްތައް ލިބޭނެކަމަށް އޭދަފުށީ ކައުންސިލުން އުއްމީދުކުރެއެވެ.

މި މައްސަލައަށް ދައީމީ ޙައްލެއް ލިބުމުގެ ކުރިންވެސް ރަށުގައި ހުރި ޒަމާންވީ ކުނިތައް ބޭރުކުރުމަށް ކައުންސިލުން ވަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއާއި އެ މަސައްކަތް ޙަވާލުކޮށްގެން ކޮށްފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އޭދަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ފާތިޙް ވިދާޅުވީ، އޭދަފުށިގައި ހުރީ 5 އަހަރުވެފައިވާ ކުނި ފުންޏެއްކަމަށެވެ. އަދި މިކުނި ފުނީގެ ސަބަބުން އެކި މައްސަލަތައް ކުރިމަތިވަމުންދިޔުމާއި ގުޅިގެން ހައްލެއްގެ ގޮތުން ކައުންސިލްގެ ބަޖެޓުން ގާތްގަނޑަކަށް 6 ލައްކަ ރުފިޔާ ޚަރަދުކޮށްގެން މިކުނިފުނި މިހާރު ރަށުން ބޭރުކޮށްފައިވާކަމަށެވެ.

މިހާރު ކުރެވުނު މަސައްކަތުން ވެމްކޯއިން ޒަމާނުއްސުރެ އަންދަމުންގޮސްފައިވާ ކުނި ފުނި ފުރާނައިގެން ސާފުކޮށްފައިވާކަމަށްވެސް ކައުންސިލްއިން ވިދާޅުވެއެވެ.

މި މަސައްކަތާއި ގުޅޭގޮތުން ވެމްކޯއިން ވިދާޅުވީ، ކައުންސިލްގެ އެދުމުގެ މަތިން އޭދަފުށީގައި ހުރި ޒަމާންވީ ކުނި އެރަށުން ބޭރުކުރުމުގެ މަސައްކަތް މިއަދު އެއްކޮށް ނިމިފައިވާކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން އޭދަފުށިން 1200 ޓަނުގެ ކުނި ބޭރުކޮށްފައިވާކަމަށް ވެމްކޯއިން ވިދާޅުވެއެވެ. މި މަސައްކަތް ވެމްކޯއިން ފުރިހަމަކޮށްފައި މިވަނީ 7 ދުވަހުގެ ތެރޭގައެވެ.

ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ޖަމާވެފައިވާ ކުނި ރަށުން ބޭރުކޮށްފައި ވީނަމަވެސް އަދިވެސް އޭދަފުށީގައި ކުނީގެ ގޮތުގައި ގިނަ ޢަދަދެއްގެ ދަގަނޑު ހުރިކަން އެރަށު ކައުންސިލުން ފާހަގަކުރައްވައެވެ. އެހެންނަމަވެސް އެކުނި ބޭރުކުރެވޭނެ މާލީ ޤާބިލްކަން މިވަގުތު ކައުންސިލްގައި ނެތުމުން އެކަމުގައި ކައިރި ރިސޯޓުތަކުގެ އެހީއާއެކު ބޭރުކުރުމުގެ މަސައްކަތް އޭދަފުށީ ކައުންސިލުން އަންނަނީ ކުރަމުންނެވެ.

އޭދަފުށީގައި މިހާރުވެސް ގޭބިސީތަކުން ކުނި ނެގުމުގެ މަސައްކަތް ކުރަމުން އަންނަނީ ކައުންސިލުންނެވެ. ކޮންމެ ގޭބިސީއަކުން 100 ރުފިޔާ އަށް ކުނި ނަގައިދިނުމުގެ ޚިދުމަތް ކައުންސިލުން ފޯރުކޮށްދެއެވެ. މަސައްކަތުގައި ޙަރަކާތްތެރި ވަނީ ކައުންސިލްގެ 9 މުވައްޒަފުންކަމަށް އޭދަފުށީ ކައުންސިލުން ވިދާޅުވެއެވެ.

އެކަށީގެންވާ ކުނި މެނޭޖްކުރެވޭނެ ވަޞީލަތްތައް ރަށުގައި ޤާއިމުވުމުން ގޭބިސީތަކުން ކުނި ސެގްރިގޭޓުކޮށްގެން ނެގުމުގެ މަސައްކަތް ކުރުމަށް އެކައުންސިލުން އަންނަނީ ތައްޔާރުވަމުންނެވެ. އޭދަފުށީ ކައުންސިލުން އުއްމީދުކުރަނީ މިއަހަރުގެ މެދެއްހާތަނުގައި އެރަށުގެ ކުނި މެނޭޖްކުރާ މަރުކަޒުގައި ވަޞީލަތް ހަމަވެ އެދެވޭ ޚިދުމަތެއް ދެވެން ފެށުމެވެ.