ޚަބަރު

ހޯރަފުށީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ


ހއ. ހޯރަފުށީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ވިދާޅުވެއްޖެއެވެ.

ހޯރަފުށީ މަގުތަކުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 08 އޭޕްރީލު 2021 ގައެވެ.

ހޯރަފުށީގެ މަގުތައް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް އެމް.ޓީ.ސީ.ސީން މިދިޔަ އަހަރުގެ މެދުތެރޭގައި ވަނީ ފަށާފައެވެ. މިއީ ހޯރަފުށީގައި މިހާތަނަށް ކުރިއަށްގެންދާ މަގުހެދުމުގެ ފުރަތަމަ މަޝްރޫއެވެ. ހޯރަފުށީގެ ކައުންސިލުން ފާހަގަކުރާ ގޮތުގައި، މަގުހެދުމުގެ މަސައްކަތަކީ ރަށަށް މިވަގުތު ބޭނުންވާ އުމްރާނީ ތަރައްޤީގެ އެންމެ މުހިންމު މަޝްރޫއެވެ.

2000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ހޯރަފުއްޓަކީ ބިމުގެ ގޮތުންވެސް ބޮޑު ރަށެކެވެ. 74 ހެކްޓަރުގެ ހޯރަފުށީގެ ބޮޑު ސަރަޙައްދެއްގައި އޮތީ މީހުން އާބާދުވެފައެވެ. ރަށުގެ މަގުތަކަކީ އަޑިގުޑަން މަގުތަކެކެވެ. އަދި ވިއްސާރައިގައި ފެންބޮޑުވުމާއި، ފެންނުހިނދި މަގުތައް ޗަކަވެ އޭގެ ދަތިކަންވެސް ކުރިމަތިވެއެވެ.

މަގުހެދުމުގެ މަސައްކަތުގެ ދަށުން، ތާރުއަޅަން ފެށުމުގެ ކުރިން ކުރަންޖެހޭ މުހިންމު މަސައްކަތްތައް މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި ވަނީ ނިންމާފައެވެ. އެގޮތުން ކޭބަލް އަދި ޔުޓީލިޓީ ޖަންކްޝަންތައް ހެދުމާއި، ކާސްޓިން މަސައްކަތްތަކާއި، ފެން ހިންދާ ނިޒާމުގެ މަސައްކަތްތައްވެސް ވަނީ ކޮށްފައެވެ.

މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން އެންމެ ފުރަތަމަ މަސައްކަތް ކުރީ މިއަހަރުގެ ޖުލައި މަހުގެ ފަހު ހަފްތާގައި ތާރު އަޅަން ފެށުމަށެވެ. ނަމަވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން ތާރުއެޅުމުގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.

މި މަޝްރޫޢުގެ މަސައްކަތް މިހާރު ކުރިއަށްގޮސްފައިވާ ހިސާބަށް ބަލާއިރު، ތާރު އެޅުމުގެ މަސައްކަތުގެ %90 މަސައްކަތް ނިމިފައިވާކަމަށް މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ. އަދި މުޅި މަޝްރޫޢުގެ ގާތްގަނޑަކަށް %72 މަސައްކަތް ނިމިފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ދަށުން ހޯރަފުށީގެ 5.3 ކިލޯމީޓަރުގެ މަގު އަންނަނީ ތަރައްޤީކުރަމުންނެވެ. މީގެތެރޭގައި 11 މަގެއް ހިމެނޭއިރު، ރަށުގައި އެންމެ ގިނަބަޔަކު ބޭނުންކުރާ ރަށުގެ މައި 6 މަގުވެސް ހިމެނެއެވެ. މިއީ އާއްމު ޚިދުމަތްތައް ރަށުގައި ޤާއިމުވެފައި ހުރި މަގުތަކެވެ.

ހޯރަފުށީ މަގު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 71.9 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫޢުގައި މަގުތަކުގެ 5303 މީޓަރުގެ ސަރަޙައްދުގައި ތާރު އެޅުމާއި، ސަބްބޭސް ހެދުމާއި، އޭބީސީ ފަށަލަ އެޅުމާއި ޕޭމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

އަދި ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުތަކުގައި ނިޝާން ހަރުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.