ޚަބަރު

ވެމްކޯގައި ޚިދުމަތް ހޯދާ ބައެއް ފަރާތްތަކުން ބިލު ނުދައްކާތާ 3 އަހަރު


ވެމްކޯއިން ޚިދުމަތް ހޯދުމަށްފަހު ފައިސާ ނުދައްކާ ފަރާތްތަކުގެ ތެރޭގައި 3 އަހަރުވެފައިވާ ފަރާތްތައްވެސް ހިމެނޭކަމަށް އެ ކޯރޕަރޭޝަނުން ވިދާޅުވެއްޖެއެވެ. ބައެއް ފަރާތްތަކުން ފީ ނުދައްކާތާ ތިން އަހަރު ވެފައި ވާކަމަށް ވެމްކޯއިން ބުނެފިއެވެ.

ވެމްކޯއިން ދެމުންދާ ކުނި ނެގުމުގެ ޚިދުމަތް ހޯދުމަށްފަހު ޤަވާއިދުން ބިލަށް ފައިސާ ނުދައްކާ މައްސަލައަކީ އެކޯރޕަރޭޝަނަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަމުން ވެމްކޯގެ ކޮމަރޝަލް ސަރވިސްގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޝިނާން ވިދާޅުވީ 2017 ވަނަ އަހަރު ވެމްކޯގެ ޚިދުމަތް ފެށިގެން އައިސް 2021 ވަނަ އަހަރާ ހަމަޔަށް ވެމްކޯގައި ރަޖިސްޓްރީވެފައިވާ ބައެއް ފަރާތްތަކުން 3 އަހަރުގެ ބިލަށް ފައިސާ ނުދައްކާ އެބަހުރި ކަމަށައެވެ.

"އަޅުގަނޑުމެން ޕޭމަންޓް ނުދައްކާ ފަރާތްތަކަސް ޚިދުމަތް އެބަ މެދު ކަނޑާލަން. މީގެ ކުރީގައި އަޅުގަނޑުމެން ރަޖިސްޓްރޭޝަން ވެގެން ވަކި ހިސާބަކަށް ދިޔައިރުވެސް ޚިދުމަތް މެދުކަނޑައެއްނުލަން. އެހެން ގޮސް ގާތްގަނޑަކަށް ބައެއް ގޭބީސީތަކުން 3 އަހަރުގެ ބިލް އެބަހުރި ބަލްކުކޮށް" ޝިނާން ވިދާޅުވިއެވެ.

ޝިނާން ވިދާޅުވީ، ވެމްކޯގެ ރަޖިސްޓްރޭޝަނަށް ބަދަލުތަކެއް ގެނެވި މި ކަން ހަރުދަނާގޮތެއްގައި ކުރަން ފެށުމުން ވެމްކޯގައި ރަޖިސްޓްރީވެފައިވާ ފަރާއްތަކުގެ ތެރެއިން 80 އިންސައްތަ މީހުން ފީ ބަރާބަރަށް ދައްކާމަކަށެވެ.

މާލެއިން ވެމްކޯގެ ޚިދުމަތް ހޯދުމަށް ރަޖިސްޓްރީވެފައި ވަނީ ގާތްގަނޑަކަށް 15000 މީހުން ކަމަށް އެ ކޯރޕަރޭޝަނުން ވިދާޅުވެއެވެ. އަދި މާލޭގެ ގޭބިސީތަކުގެ ތެރެއިން 35000 ނުވަތަ 40000 ގޭބީސީއަކީ ރަޖިސްޓްރީ ނުވާ ފަރާތްތައްކަންވެސް ވެމްކޯއިން ފާހަގަކުރެއްވިއެވެ. މާލެ، ވިލިމާލެ އަދި ހުޅުމާލޭއިން ޖުމްލަ 21000 ގޭބީސީ ރަޖިސްޓްރީވެފައި ވާކަމަށާއި، މި ގޭބީސީތަކުން ލިބެން ޖެހޭ ފައިސާ ގަވައިދުން ލިބޭކަމަށް ޝިނާން ވިދާޅުވިއެވެ.

ޝިނާން ވިދާޅުވީ، ވެމްކޯއިން ޕޭމަންޓް އޮޕްޝަންތަކެއް ހުޅުވާލާފައިވާނެ ކަމަށާއި، ބަލްކުކޮށް ފައިސާ ނުދައްކާ ބިލްތަކަށް އެއްފަހަރާ ފައިސާ ދައްކަން އުނދަގޫވާ ފަރާތްތަކަށް ބަހާލާގެން ފައިސާ ދެއްކޭނެ ގޮތްތަކެއްވެސް ހުޅުވާލާފައި ވާނެކަމަށެވެ.

ވެމްކޯގެ ޚިދުމަތް ހޯދާ ފައިސާ ނުދައްކާ ހުރުމުގެ ސަބަބުން މާލީގޮތުން ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހޭކަމަށް ފާހަގަކޮށް ޝިނާން ވަނީ ކުރިއަތް އޮތްތަނުގައި ކަމާބެހޭ ވުޒާރާތަކާއި މަޝްވަރާކުރެވި އެކަމަށް ހައްލެއް ހޯދޭނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި އެކަން ތަކުރާރު ވިޔަނުދީ އެންމެ އެކަށިގެންވާ ގޮތުގައި ވެމްކޯގެ ޚިދުމަތް ރައްޔިތުންނާއި ހަމަޔަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.