ވިޔަފާރި

ސަވާދީއްތަ ދަތުރަށް ތަރުޚީބު ބޮޑު، ދިވެހި ދެމަފިރިންވެސް އެމީހުންގެ އޮޑީގައި ދަތުރަށް


އަންނަ އަހަރު ބާއްވާ ”ސަވާދީއްތަ ޔޮޓް ރެލީ“ ގައި މިހާތަނަށް 10 އަކަށްވުރެ ގިނަ ޔޮޓް ބައިވެރިވެފައިވާކަމަށް މި އިވެންޓް އިންތިޒާމްކުރާ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމް.އައި.ޓީ.ޑީ.ސީއިން ބުނެފިއެވެ. މިއީ މީގެ ފުރަތަމަ އެޑިޝަންއާއި އަޅާބަލާއިރު އިތުރު ޢަދަދެކެވެ.

ސަވާދީއްތަ ދަތުރަކީ 2000 އަހަރަށްވުރެ ގިނަ ދުވަސްވީ ދިވެހިރާއްޖޭގެ މުއްސަނދި އަދި ޒަމާންވީ ތާރީޚާއި ޘަޤާފަތް، ދުނިޔެއަށް ދައްކުވައި، ކޮމިއުނިޓީ ޓޫރިޒަމް ކުރިއެރުވުމަށްޓަކައި އެމް.އައި.ޓީ.ޑީ.ސީގެ ފަރާތުން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާ ބައިނަލް އަޤްވާމީ ޔޮޓް ރެލީ އެކެވެ. މި ޔޮޓް ރެލީގެ ފުރަތަަމަ ދަތުރު ބާއްވާފައިވަނީ މިއަހަރުއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމް.އައި.ޓީ.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރާއިދު ވަނީ މި ދަތުރުގެ ޙިޔާލު އެންމެ ފުރަތަމަ އެ ކުންފުންޏަށް އައި ގޮތުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. ރާއިދު ވިދާޅުވީ، ރެލީ ބޭއްވުމުގެ ވިސްނުން އައީ މުލިއާގެއަށް 100 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް ވިދާޅުވި ވިދާޅުވުމަކާއި ގުޅިގެންކަމަށެވެ.

"އަޅުގަނޑުމެންނަށް މި ޚިޔާލު އެންމެ ބޮޑަށް އައި އެއް ހިސާބަކީ މުލިއާގެއަށް 100 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވި ފަތުރުވެރިކަން ސިންދަފާތުކުރުމުގެ ވަރަށް މުހިންމު މެސެޖެއް. އެއީ ރާއްޖޭގެ ކަލްޗަރ، ހިސްޓްރީ މިކަންކަން ދައްކުވައިދެވޭނެ ގޮތެއް އެބަ ބޭނުންވެއޭ އިނގޭތޯ. ދެން އެއީ އެމަނިކުފާނު ގޮވާލެއްވި ވަރަށް ބޯލްޑް ގޮވާލެއްވުމެއްކަމަށް އަޅުގަނޑުމެން ދެކުނީ" ރާއިދު ވިދާޅުވިއެވެ.

ސަވާދީއްތަ ދަތުރުގެ ފުރަތަމަ ދަތުރު ބާއްވާފައިވަނީ މިއަަހަރުގެ ފެބްރުއަރީ މަހުގެ 5 އިން 21 ވަނަ ދުވަހަށެވެ. މި ޔޮޓް ރެލީގައި ރާއްޖޭގެ އުތުރުގެ 4 އަތޮޅެއްގެ މީހުން ދިރިއުޅޭ 9 ރަށަކާއި އަދި 2 ފަޅުރަށައް ވަނީ ބައިވެރިން ޒިޔާރަތްކޮށްފައެވެ. މި ދަތުރުގައި ރާއްޖެއިން ބޭރުގެ 7 ޔޮޓަކުން 23 ފަތުރުވެރިން ވަނީ ބައިވެރިވެފައެވެ.

މި ދަތުރުގެ ކާމިޔާބީއަށް ބެލުމަށްފަހުގައި އަންނަ އަހަރު މީގެ 2 ވަނަ ދަތުރު ބާއްވަން އެމް.އައި.ޓީ.ޑީ.ސީއިން އަންނަނީ ތައްޔާތުވަމުންނެވެ.

ރާއިދު ވިދާޅުވީ، 2 ވަނަ ދަތުރު ކުރިއަށްދާނީ އަންނަ އަހަރުގެ މާރިޗު 1 އިން 18 އަށްކަމަށެވެ. ފުރަތަމަ އެޑިޝަން ރާއްޖޭގެ އެންމެ އުތުރުން ފަށައި ނިންމާލާފައިވަނީ ނ. ލަންދޫއަށެވެ. އަދި 2 ވަަނަ އެޑިޝަން ފަށާނީ ނ. ލަންދޫއިންކަމަށް ރާއިދު ވިދާޅުވިއެވެ. އަދި ދަތުރު ނިންމާލާނީ އދ. މާމިގިއްޔަށެވެ.

ރާއިދު ވިދާޅުވީ، މިއަހަރު މުޅިން އަލަށް މި ދަތުރުގައި ދިވެހި ވަރަށް ޒުވާން ދެމަފިރިންވެސް އެމީހުންގެ އޮޑިއާއިއެކު ބައިވެރިވާނެކަމަށެވެ. ދިވެހި ޒުވާނުންވެސް މި ދަތުރުގެ ތެރެއަށް އަންނަމުންދާކަމަށާއި، އެމީހުންވެސް ރާއްޖޭގެ ރަށްތައް ބަލާލަން ބޭނުންވާކަމަށް ރާއިދު ވިދާޅުވިއެވެ.

"ފެބްރުއަރީއާއި ހަމައަށް އަޅުގަނޑުމެން ރެޖިސްޓްރޭޝަން ނަގަމުން ގެންދާނަން. މިފަހަހަރު އަޅުގަނޑު ހަމަ ވަރަށް އުފަލާއިއެކު ފާހަގަކުރަން މިހާރު 10 އަކަށްވުރެ ގިނަވެއްޖެ މިފަހަހަރު ބައިވެރިވާ އޮޑި. އޭގެތެރޭގައިވެސް މުހިންމު ފަރާތްތަކުގެ ތެރޭގައި ފުރަތަމަ ރެލީގައި އައި ފަރާތެއް ތަކުރާރުކޮށް 2 ވަނަ ރެލީއަށްވެސް އެބަ އާދޭ. އޭގެއިތުރުން ދުނިޔޭގައި ވަރަށް މަޝްހޫރުކަމެއް ސަރކަމް ނެވިގޭޓްކުރުމަކީ. އެއީ އެކަނި ދުނިޔެވަށާ ދުއްވުން. އެގޮތުން އެންމެ ދުރުމަގުން ދުނިޔެ ވަށާ ދުއްވުމަށް ފުރަތަމަ މަސައްކަތްކުރާ މެލޭޝިއާގެ ފަރާތް އޭނަގެ ދަތުރު ފެށިގެންދާނީ ދިވެހިރާއްޖެއިން ސަވާދިއްތަ ދަތުރުގެ ތެރެއިން" ރާއިދު ވިދާޅުވިއެވެ.

ސަވާދީއްތަ ދަތުރުގެ އެންމެ މުހިންމު އެއް މަޤްޞަދަކީ ރާއްޖޭގެ ލޯކަލް ޓޫރިޒަމް ޕްރޮމޯޓްކުރުމެވެ. އަދި ފަތުރުވެރިންނަށް ރާއްޖޭގެ ސަޤާފަތާއި ދިވެހިންގެ ކެއުންބުއިމާއި ދިވެހިންގެ އާއްމު ދިރިއުޅުން ދައްކާލުމެވެ.

ސަވާދީއްތަ ދަތުރުގެ 2 ވަނަ ދަތުރުގައި ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ހިމެނެނީ ނ. ލަންދޫ، ޅ. ހިންނަވަރު، ބ. ގޮއިދޫ، އއ. ތޮއްޑޫ، އއ. ރަސްދޫ، އއ. އުކުޅަސް، އދ. ދަނގެތި، އދ. ދިގުރަށް އަދި އދ. މާމިގިލިއެވެ. މި ރެލީ ޕްރޮމޯޓްކުރުމަށް މިހާތަނަށް ދުބާއީ، އަބޫދާބީ، އޮމާން، މޮންޓެނީގްރޯ، މެލޭޝިއާ އަދި ތައިލޭންޑްގައި ހަރަކާތްތަކެއް ހިންގާފައިވާކަމަށް އެމް.އައި.ޓީ.ޑީ.ސީއިން ބުނެއެވެ.