ޚަބަރު

ޒަމާނީ ތަޞައްވުރާއެކު ފަރެސްމާތޮޑާ އެއަރަޕޯޓަށް ހިތްގައިމު ޓަރމިނަލެއް


ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސަރުކާރުން ތަރައްޤީކުރަމުންދާ އެއަރޕޯޓުތަކުގެ ތެރެއިން އެންމެ އަވަހަށް މަސައްކަތް ނިންމާ ހުޅުވުމަށް ތައްޔާރުވެފައިވަނީ ގދ. ފަރެސްމާތޮޑާ އެއަރޕޯޓެވެ.

ޒަމާނީ ހިތްގައިމު ޓަރމިނަލަކާއެކު ތަރައްޤީކުރާ މި އެއަރޕޯޓުގެ މަސައްކަތް އަންނަ ފެބަރުއަރީ މަހުގެ ތެރޭގައި މުޅިން ނިންމާލުމަށް، މި މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީއިން ވަނީ އަމާޒު ހިފާފައެވެ.

ގދ. ފަރެސްމާތޮޑާ ފަޅުހިއްކައިގެން ތަރައްޤީކުރާ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2021 ވަނަ އަހަރުގެ ކުރީކޮޅުއެވެ. މި އެއަރޕޯޓް ތަރައްޤީކުރަނީ ފަރެސްމާތޮޑާ ފަޅުތެރޭގައި އޮތް ކުދި ފަޅު ރަށްތަކެއް ގުޅާލާ، 19.9 ހެކްޓަރުގެ ބިމެއް ހިއްކައިގެނެވެ.

މި އެއަރޕޯޓް ތަރައްޤީކުރަނީ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެންނެވެ. ރާއްޖޭގައި އާއްމުކޮށް ފެންނަ ހުންނަ ޑޮމެސްޓިކް އެއަރޕޯޓުތަކުގެ ޓަރމިނަލްތަކާ ޚިލާފަށް، ފަރެސްމާތޮޑާ އެއަރޕޯޓުގައި ތަރައްޤީކުރާ ޓަރމިނަލް ހިތްގައިމުވެފައި ތަފާތެވެ. މުޅި ޓަރމިނަލް ފަރުމާކޮށްފައިވަނީ ޒަމާނީ ސިފަތަކެއް ދައްކުވައިދޭފަދަ ގޮތަކަށެވެ.

މިޓަރމިނަލްގެ ސްޓްރަކްޗަރގެ މަސައްކަތްތައް ވަނީ ނިމިފައިއެވެ. އަދި މިހާރު ކުރިއަށްދަނީ ޓަރމިނަލްގެ އެތެރޭގެ ފިނިޝިންގގެ މަސައްކަތްކަމަށް އެމް.ޓީ.ސީ.ސީން މަޢުލޫމާތުދެއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓާއި ގުޅޭގޮތުން ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ، ފަރެސްމާތޮޑާ އެއަރޕޯޓްގެ މަޝްރޫޢު ޑިޒައިން ހަދާފައިވާނީ ޒަމާނާއި އެއްގޮތަށް ބަދަލުގެނެސް، އެއަރޕޯޓުން ދަތުރުކުރާ ފަރާތްތަކަށް ހިތްގައިމު ތަޖުރިބާތައް ކޮށްލެވޭ ފަދަ ގޮތަކަށްކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކަށް އައީ ޒަމާނާއެކު ބަދަލުތަކެއްވެސް އަންނާނެއޭ. އެހެންވީމަ އެންމެ ފުރަތަމަ އެޅި ޑޮމެސްޓިކް އެއަރޕޯޓަތަކުގައި ހުރި ޓަރމިނަލްތަކާއި ދެން އައި ޖެނެރޭޝަންގެ ޓަރމިނަލްތަކާއިވެސް ތަފާތޭ. ދެން މިހާރު މިއަންނަނީ ތިން ވަނަ ޖެނެރޭޝަންގެ ބަދަލުތައް" މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ރާއްޖޭގެ އެހެން ޑޮމެސްޓިކް އެއަރޕޯޓުތަކާއި އަޅާބަލާއިރު މިއެއަރޕޯޓް ޚާއްސަވާ ގިނަ ސަބަބުތަކެއް އެބަހުރި ކަމަށެވެ. އޭގެ ތެރެއިންވެސް އެންމެ ޚާއްސަކަމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވީ، ޓަރމިނަލުން ފެންނަ އާކިޓެކްޗަރަލް ފަންނުގެ ހުނަރެވެ.

މިއެއަރޕޯޓުގައި ޒަމާނީ ފެންވަރަށް ތަރައްޤީކުރާ ޓަރމިނަލްގައި ފަސިންޖަރުންނާއި މުވައްޒަފުންނަށް ކެވޭނެ ގޮތަށް ރެސްޓޯރެންޓެއް ފަދަ އައުޓްލެއް ހުރުމަކީ ޚާއްސަވާ ސަބަބެއްކަމަށްވެސް އަސްލަމް ފާހަގަކުރެއްވިއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީކުރަނީ އެ ސަރަހައްދުން ބޮޑު ބައެއް ހިއްކައިގެން ކަމުން އެެއަރޕޯޓާއި ފަރެސްމާތޮޑާ ގުޅާލުމަށް ނިންމާފައިވަނީ ކޯޒްވޭއަކުންނެވެ. މި ކޯޒްވޭގެ މަސައްކަތްވެސް އަންނަ ޖޫންމަހުގެ ނިޔަލަށް އެއްކޮށް ނިންމުމަށް އެމް.ޓީ.ސީ.ސީން ވަނީ އަމާޒު ހިފާފައެވެ.

ސަރުކާރުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ ފަރެސްމާތޮޑާގެ ރައްޔިތުންނާއި، އެ ސަރަޙައްދުގެ ރައްޔިތުންގެ އުއްމީދުތަކާގުޅިފައިވާ މުހިއްމު މަޝްރޫޢެކެވެ.

ރައްޔިތުން ތިބީ މަސައްކަތް ނިންމާ އެއަރޕޯޓަށް ފްލައިޓް ޖައްސާނެ ދުވަހެއްގެ އިންތިޒާރުގައެވެ. އަދި މިއީ ދަތުރުފަތުރުގެ ލުއިފަސޭހަކަމުގެ އިތުރުން، އެ ސަރަޙައްދުގައި ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާވެ، އާމްދަނީ ހޯދޭނެ އިތުރު މަގުތައް ފަހިވެގެންދާނެކަމެއްގެގޮތުގައި އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން ދެކެއެވެ.

ރާއްޖޭގެ ކޮންމެ ރަށަކުން ލޯންޗެއްގައި 30 މިނެޓުން ދަތުރުކޮށް ދެވޭހާ ކައިރީގައި އެއަރޕޯޓެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ މުހިއްމު ވަޢުދެކެވެ. މި އަމާޒަށް ވާޞިލުވުމަށްޓަކާ ދަތުރުފަތުރުގެ ފަސޭހަ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއަރޕޯޓްތައް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.