ޚަބަރު

ހިޔާ ސަރަހައްދުގެ މޮބައިލް ކަވަރޭޖް ރަނގަޅުކުރުމަށް ޓަވަރތަކެއް ޖަހަނީ


ހިޔާ ފްލެޓްތަކުގެ އިމާރާތުގެ މަތީގައި ސެލިއުލަރ ޓަވަރުތަކެއް ޖެހުމަށް ދިރާގާއެކު ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ދިރާގާއެކު މިވެވުނު އެއްބަސްވުމުގެ ދަށުން ހިޔާ ފުލެޓުތަކުގެ ޓަވަރު 2 އަދި 3 ގެ އިމާރާތުގެ މަތީގައި ސެލިއުލަރ ރޫޕްޓޮޕް ޓަވަރުތަކެއް އިންސްޓޯލްކޮށް އޮޕަރޭޓްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޓަވަރުތަކުގެ ސަބަބުން ހިޔާ ސަރަޙައްދުގެ މޮބައިލް ކަވަރޭޖް މިހާރަށްވުރެ ރަނގަޅުވެގެންދާނެކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ހިމެނޭ ސަރަޙައްދުގައި ދިރިއުޅޭ އާބާދީ އިތުރުވަމުންދާއިރު، އެ ސަރަޙައްދުގައި ދެވޭ އަސާސީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ދިމާވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް އެޗް.ޑީ.ސީން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން އެކޯރޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ވަނީ ހިޔާގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކޮށް އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއަހާ އިތުރަށް ރަނގަޅުކުރެވިދާނެ ކަންކަން ވަނީ ދެނެގަނެވިފައެވެ.

ހިޔާ ފްލެޓު ސަރަހައްދާއި އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެނޫންވެސް ސަރަހައްދުތަކުގައި މޮބައިލް ކަވަރޭޖް ރަނގަޅުކޮށް އިތުރަށް ފުރިހަމަ ކުރުމުގެ ކަންކަން އެޗް.ޑީ.ސީން އަންނަނީ ކުރަމުންނެވެ. އަދި ހިޔާ ސަރަހައްދުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިންވެސް އެޗް.ޑީ.ސީން ވަނީ ހިޔާ ސަރަހައްދުގައި މުއާސަލާތީ ޚިދުމަތް ދޭ ހުރިހާ ފަރާތަކަށް ބޭނުން ކުރެވޭގޮތަށް 4 މުއާސަލާތީ ޓަވަރު ޤާއިމުކޮށްފައެވެ. މި ޓަވަރުތައް މެދުވެރިކޮށް ދިރާގު އަދި އުރީދޫގެ މޮބައިލް ކަވަރޭޖް ޚިދުމަތް މިހާރުވެސް އެ ސަރަހައްދުގައި ދަނީ ފޯރުކޮށްދެމުންނެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މުއާސަލާތީ އިންފްރާސްޓްރަކްޗަރ ގާއިމު ކުރުމުގެ އެންމެހާ ކަންކަމަކީ އެޗް.ޑީ.ސީގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަންކަމެކެވެ. އަދި މި މަހުގެ 13 ވަނަ ދުވަހު ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއިން ދޫކުރާ ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗަރ ލައިސަންސް ވަނީ ރަސްމީކޮށް އެޗް.ޑީ.ސީއަށް ލިބިފައެވެ. ހުޅުމާލޭގައި މުއާސަލާތީ އިންފްރާސްޓްރަކްޗަރ ފުޅާކޮށް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް މިފަދަ ހިދުމަތްތައް ދޭ ފަރާތްތަކާއެކު އެޗް.ޑީ.ސީން އަންނަނީ ކުރަމުންނެވެ.

ހުޅުމާލެއަކީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ސިޓީއަކަށް ހެދުމުގެ މަޝްރޫޢުގެ ދަށުން ހުޅުމާލޭގެ މުއާސަލާތީ ކަންކަން ހަރުދަނާ ކުރުމަކީ އެޗް.ޑީ.ސީގެ އަމާޒެކެވެ. މުއާސަލާތީ ޓަވަރުތަކުގެ އިތުރުންވެސް ސްމާޓް ސިޓީއަކަށް ވާސިލުވުމަށް ބޭނުންވާ ޑިޖިޓަލް އިންފްރާސްޓްރަކްޗަރގެ މައިގަނޑު އެއް އަސާސް ކަމަށްވާ އޯޕަން އެކްސެސް ނެޓުވޯކެއް އެޗް.ޑީ.ސީން ވަނީ ހުޅުމާލޭގައި ޤާއިމުކޮށްފައެވެ. އަދި، ހިޔާ ފްލެޓުތައް، ސްޓެލްކޯ، އެމް.އޭސީ.އެލް އަދި މިނޫންވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް މި ވިއުގަ މެދުވެރިކޮށް، ދިރާގު، އުރީދޫ، މީޑިއާނެޓު އަދި އާރު.އޯ.އެލްގެ ޚިދުމަތްތައް ދަނީ ފޯރުކޮށްދެމުންނެވެ.