ޚަބަރު

ވެލިދޫއާއި ޅޮހީގެ ބަނދަރާއި، ދެއްވަދޫ ގޮނޑުދޮަށް ޚިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއަށް


ނ. ވެލިދޫއާއި އެއަތޮޅު ޅޮހީ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތާއި، ގއ. ދެއްވަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފިއެވެ.

މި 3 މަޝްރޫޢުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާ ހަވާލުކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގެ ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ ޝިފާޢު ޢަލީއެވެ.

މިމަޝްރޫޢުތަކުގެ ތެރެއިން ނ.ވެލިދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްފައިވަނީ 500 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. އަދި މިމަޝްރޫޢަށް ގާތްގަނޑަކަށް 50 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ދަށުން މިހާރު އޮތް ބަނދަރުން 67020 ކިއުބިކް މީޓަރު ފުންކުރުމާއި، ބަނދަރަށް އިތުރުކުރެވޭ ބައިން 19513 ކިއުބިކް މީޓަރު ފުންކުރުމާއި، 2414 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 12 މީޓަރުގެ ބްރޭކްވޯޓަރ ޖެހުމާއި، 151 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 167 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި، 155 މީޓަރުގެ ސްކޯރިންގ އެޕްރޮން ޖެހުމާއި، 10 މޫރިންގ ބޮއި ހަރުކުރުން ހިމެނެއެވެ.

މީގެ އިތުރުން 121 އަކަ މީޓަރުގެ ރޭމްޕެއް ހެދުމާއި، 120 މީޓަރުގެ ކޮންކްރީޓް ޖެޓީ ހެދުމާއި، 2 ނެވިގޭޝަން ލައިޓް ހަރުކުރުމުގެ އިތުރުން 22 މަގު ބައްތި ހަރުކުރުމާއި 2433 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުން މި މަޝްރޫޢުގައި ހިމެނެއެވެ.

ނ. ޅޮހީ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްފައިވަނީ 640 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. އަދި މި މަޝްރޫޢަށް ގާތްގަނޑަކަށް 68 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ދަށުން 66701.94 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 2205 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 281 މީޓަރުގެ ބްރޭކްވޯޓަރ ޖެހުމާއި، 40 މީޓަރުގެ ސަބްމާޖް ބްރޭކްވޯޓަރ ޖެހުމާއި، 95 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 366 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި، 366 މީޓަރުގެ ސްކޯރިންގ އެޕްރޮން ޖެހުމާއި، 50 މީޓަރުގެ ގްރޮއިން ޖަހާ، 10 މޫރިންގ ބޮއި ހަރުކުރުން ހިމެނެއެވެ.

މީގެ އިތުރުން 121 އަކަ މީޓަރުގެ ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޖެޓީ ހެދުމާއި، 2 ނެވިގޭޝަން ލައިޓް ހަރުކުރުމުގެ އިތުރުން 19 މަގު ބައްތި ހަރުކުރުމާއި 1720 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުން މި މަޝްރޫޢުގައި ހިމެނެއެވެ.

އެމް.ޓީ.ސީ.ސީއާއި ގއ. ދެއްވަދޫ ގޮނޑުދޮށް ޚިމާޔަތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 210 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މިއީ ދަޢުލަތުން ގާތްގަނޑަކަށް 24 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ދެއްވަދޫ އުތުރު، އިރުމަތި އަދި ދެކުނު ފަރާތު ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެގޮތުން 120 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓެއް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބޮޑު ހިލައިގެ 11 ވައި-ގްރޮއިން (ޖުމްލަ 400 މީޓަަރު) ޤާއިމުކުރުމާއި ގޮނޑޮދޮށް ވެލިން މުއްސަނދިކުރުމުގެ މަސައްކަތް މި މަޝްރޫޢުގެ ދަށުން ކުރެވިގެންދާނެއެވެ.