ޚަބަރު

ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމުގެ ފުރުސަތު އަދިވެސް އެބައޮތް: ރައީސް


ރާއްޖޭގައި ފަތުރުވެރިކަން އިތުރަށް ފުޅާކުރުމުގެ ފުރުސަތު އަދިވެސް އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ ރާއްޖޭގެ ޢާމްދަނީ އިތުރުކުރުމަށް ފަތުރުވެރިކަން މިހާރަށްވުރެ ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

2022 ވަނަ އަހަރަކީ އިޤްތިޞާދު ހަމައަކަށް އަޅުވާ ކޯވިޑްގެ ކުރީގެ ޙާލަތަށް ވާޞިލުވުމަށް ސަރުކާރުން މަސައްކަތް ކުރާ އަހަރުކަމަށް ސަރުކާރުން ވިދާޅުވެފައިވާއިރު، ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ކޯވިޑްގެ ކުރީގެ ޙާލަތުގައި އޮތް މިންވަރަށް އިޔާދަކުރެވިފައިވާކަމަށެވެ. ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް އަދިވެސް ފަތުރުވެރިކަން ފުޅާކުރެވޭނެކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަމަށް ވާޞިލުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލަށް އަލިއަޅުއްވާލައްވާފައެވެ.

"ރާއްޖޭގައި ޓޫރިޒަމް އެކްސްޕޭންޑް ކުރުމުގެ ފުރުސަތު އަދިވެސް ވަރަށް ބޮޑަށް އެބައޮތް. އަޅުގަނޑުމެންގެ ވެރިކަމުގައި ބަލަމުން މިއަންނަނީ، މިހާރު ދޫކުރެވިފައިވާ ބައިވަރު ރަށްރަށް އެބަހުރި، އެރަށްތައް ތަރައްޤީކުރުމަށް އިންވެސްޓަރުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދީގެން އެކަން ކުރުމަށް. ބައެއް މަދު ދާއިރާތަކަކުން އަޅުގަނޑުމެން ޓޫރިޒަމަށް އައު ރަށްތައް ނެރުނުނަމަވެސް، އެކަންވެސް ހިފަހައްޓައިގެން މިގެންދަނީ، ބާޒާރުގައި ބައިވަރު ރަށްތަކެއް ހުރީމަ." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކާއެކު ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް އަންނަނާނެކަމަށެވެ. ބައިނަލްއަޤުވާމީ ސްޓޭންޑަޑަށް އިތުރަށް ތަރައްޤީކުރަމުން އަންނަ އެއަރޕޯޓުތަކަކީވެސް މިދާއިރާ ކުރިއެރުވުމަށް މުހިއްމު ބައެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއި އައްޑޫ ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއެކު ދުރު މުސްތަޤުބަލަށް ވިސްނާއިރު ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ބަދަލެއް އަންނާނެކަމަށެވެ.

އިޤްތިޞާދު ކުރިއެރުވުމަށް ފަތުރުވެރިކަން އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާއިރު ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ކުރަމުންދާ މަސައްކަތްތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އަލިއަޅުއްވާލައްވާފައެވެ.

މިގޮތުން އަންނަ އަހަރު ފިއުލް ސަބްސިޑީ ކުޑަކޮށް މިހާރަށްވުރެ ބޮޑަށް ޑައިރެކްޓްކޮށް ސަބްސިޑީ ދިނުމާއި އާސަންދައިގެ ޚަރަދުތައް ކުޑަކުރުމަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާއިރު ޕޭ ހަރމަނައިޒޭޝަންއަށް ބަޖެޓުގައި ހިމަނާފައިވާ މިންވަރަށް އެ ޚަރަދުނުކޮށް ހިފަހައްޓަވާނެކަން ފާހަގަކުރެއްވިއެވެ. މިއާއެކު އަންނަ އަހަރުގެ ބަޖެޓުން 3.2 ބިލިއަން ރުފިޔާ ރައްކާކުރެވޭނެކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.