ޚަބަރު

ތިމަރަފުށީ އެއަރޕޯޓު މަގުގައި ތާރުއެޅުމުގެ މަސައްކަތް ފަށައިފި


ތ.ތިމަރަފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެ ރަށު އެއަރޕޯޓަށް ދާން އޮންނަ މަގުގައި ތާރުއެޅުމުގެ މަސައްކަތް ފަށައިފިއެވެ. ތިމަރަފުށީ މަގުތައް ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރް.ޑީ.ސީއާއި ހަވާލުކޮށްގެންނެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ތިމަރަފުށީގެ މައި މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް އާރް.ޑީ.ސީއާއި ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 21 ޑިސެމްބަރު 2019 ގައެވެ.

މި މަޝްރޫޢުގެ ދަށުން ތިމަރަފުށީ އެއަރޕޯޓަށް ދާން އޮންނަ މަގު ހިމެނޭހެން މައި 9 މަގެއްގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން އެއަރޕޯޓަށް ދާން އޮންނަ މައި މަގުގައި ތާރުއެޅުމުގެ މަސައްކަތް އާރް.ޑީ.ސީން ވަނީ ފަށާފައެވެ. އަދި އެ މަގުގައި ތާރުއެޅުން ފިޔަވާ ދެން ކުރަންޖެހޭ މައިގަނޑު އެހެން ހުރިހާ މަސައްކަތްތަކެއްވެސް ނިމިފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ތިމަރަފުށީގައި ތާރުއެޅުމަށް ހަމަޖެހިފައިވާ މަގުތައް:

◼️ އެއަރޕޯޓް މަގު : 1241 މީޓަރު
◼️ ބަނދަރު މަގު : 456 މީޓަރު
◼️ ބީޗް ރޯޑް : 381 މީޓަރު
◼️ ހަވީރީ ހިނގުން : 535 މީޓަރު
◼️ ސޯސަން މަގު: 695 މީޓަރު
◼️ ނޫރާނީ ހިނގުން: 290 މީޓަރު
◼️ ގަދަ ހަމްދީ ހިނގުން : 302 މީޓަރު
◼️ ހުސްނުހީނާ މަގު : 55 މީޓަރު
◼️ ބުރެވިމާ ގޯޅި: 55 މީޓަރު

މި 9 މަގު ހިމެނޭހެން ރަށުގެ މުޅި ޖުމްލަ 4 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ ދަށުން މަގުތަކުގައި ތާރު އެޅުމުގެ އިތުރުން، ސައިޑް ވޯކްތައް ހެދުމާއި ކެރިއޭޖްވޭތައް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، ސްޕީޑް ބްރޭކަރުތަކާއި މަގުމަތީ ނިޝާންތައް ބެހެއްޓުމުގެ އިތުރުން މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

މުޅި މި މަޝްރޫޢަށް 75 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.