ޚަބަރު

ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް ހިތްހަމަޖެހޭ ވަަރަށް މަސައްކަތްތަކެއް ކުރެވިއްޖެ: ރައީސް


ކޯވިޑް-19ގެ ޙާލަތާއި، ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް، ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދުމަށްޓަކާ ހިތްހަމަޖެހިވަޑައިގަންނަވާ ވަރަށް މަސައްކަތްތަކެއް ކޮށްދެވިއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، މި ސަރުކާރަށް 4 އަހަރު ފުރި، 5 ވަނަ އަހަރު ގުނަމުންދާއިރު ރައްޔިތުންނަށްޓަކާ ވީ ވަޢުދުތައް ފުއްދުމަށްޓަކާ މިހާތަނަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެކަމަށެވެ. އަދި ރާއްޖެއަށް އަލުން އަނބުރާ ހަމަޖެހުން ގެނެވިއްޖެކަމުގެ ހިތްހަމަޖެހުން އެމަނިކުފާނަށް އެބައޮތްކަމަށެވެ.

ރައީސް ވިދާޅުވީ، ކޯވިޑް-19ގެ ސަބަބުންނާއި ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށާއި، ރާއްޖޭގެ އިޤްތިޞާދަށްވެސް ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ޤާއިމުކޮށްދިނުމަށް މުހިއްމު މަސައްކަތްތަކެއް ކުރެވި، ކާމިޔާބީތަކެއް ޙާޞިލުކުރެވިއްޖެކަމަށެވެ. އަދި މިގޮންޖެހުންތަކާއެކުވެސް ކުރެވުނު މަސައްކަތްތަކާމެދު ހިތްހަމަޖެހިވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެ ކުރިމަތިވި ކޯވިޑް-19 އާއި ޔޫކްރެއިން ހަނގުރާމައާއެކުގައިވެސް އަޅުގަނޑު ހިތްހަމަޖެހޭ ވަރަށް މަސައްކަތްތައް ކުރިއަށްގެންދެވިފައި ހުރިކަމަށް އަޅުގަނޑު ޤަބޫލުކުރަން. މިކަންކަން ކޮށްދިނުމުގައި އަޅުގަނޑުގެ ވަޒީރުންގެ މަޖިލީހާއި އެސް.އޯ.އީތައް ހިންގަވަން ތިއްބެވި ބޭފުޅުން އުފުލި ބުރަ މަސައްކަތް އަޅުގަނޑު މިވަގުތު ފާހަގަކޮށްލަން. ޗެލެންޖުތަކާއެކީގައިވެސް އެބޭފުޅުންގެ ބުރަ މަސައްކަތާއެކުގައި ހަމަ ގާތްގަނޑަކަށް ބޮޑުބައެއް މިވަނީ އަތޮޅުތަކުގައި ފެށި ނިމުމަކާ ހިސާބަށް ގޮސްފައި. އަދި ނުނިމިހުރި މަސައްކަތްވެސް ކުރިއަށް އޮތް 2 އަހަރެއްހާ ދުވަހުގެ ތެރޭގައި މުޅިން ނިންމާލެވޭނެކަމުގެ ޔަޤީންކަން އެބައޮތް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކޯވިޑްގެ ސަބަބުން ލިބުނު އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމަށް ކުރެވުނު މަސައްކަތްތަކުން އަރައިނުގަނެވި އުޅެނިކޮށް ރަޝިއާ ޔޫކްރެއިން ހަނގުރާމަ ފެށުމާއެކު ބޮޑެތި ގޮންޖެހުންތަކަކާއި ރާއްޖޭގެ އިޤްތިޞާދު ކުރިމަތިލާންޖެހުނުކަމަށެވެ. އަދި ކުރިމަތިވި އުނދަގޫތަކުން އަރައިގަތުމަށް އިތުރަށް މަސައްކަތްތަކެއް ކުރަންޖެހުނުކަމަށެވެ. އަދި އެކުރެވުނު މަސައްކަތްތަކާއެކު އަހަރު ނިމުމަމާގާތްވެފައިވާއިރު، ރާއްޖޭގެ އިޤްތިޞާދީ ކުރިމަގު ފެންނަނީ ރަނގަޅަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މުސްތަޤުބަލު ފެންނަނީ އުޖާލާކޮށް. އަހަރު ނިމިގެންދާއިރު ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މިދަނީ ރަނގަޅުވަމުން. މިހާރު ރާއްޖޭގެ އިޤްތިޞާދު ކޯވިޑް-19ގެ ކުރިން އޮތް ހިސާބަށް އަލުން އަނބުރާ ގާތްގަނޑަކަށް ވާޞިލުވެވިއްޖެ. 2022 ނިމޭއިރުގައި %12.3 އިން އިޤްތިޞާދު ކުރިއަރާނެކަމަށް ލަފާކުރެވޭ. އަދި 2023 ވަނަ އަހަރުގެ އަންދާޒާއަކީ %7.6 އަށް ކުރިއަރާނެކަމަށް. އިޤްތިޞާދު ރަނގަޅުވި މައިގަނޑު ސަބަބަކީ ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވުން" ރައީސް ވިދާޅުވިއެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްޤީއަށާއި، އަސާސީ ޚިދުމަތްތައް ޤާއިމުކޮށްދިނުމަށް ސަރުކާރުން ފާއިތުވި 4 އަހަރު ތެރޭގައި ކުރެވުނު ބައެއް މުހިއްމު މަސައްކަތްތަކުގެ ތަފާސްހިސާބު ހިއްސާކުރައްވާފައެވެ.

އެގޮތުން ސާފު ބޯފެނާއި ނަރުދަމާ އެންމެންނަށް ފޯރުކޮށްދިނުމުގެ 141 މަޝްރޫޢެއް މިހާރުވެސް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ. އަދި 144 ރަށެއްގައި 313 ޖަނަރޭޓަރު އަލަށް ބެހެއްޓިފައިވާކަމަށާއި، 77 އިންޖީނުގެއެއްގެ އޮފީސް އިމާރާތުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށެވެ. ލަފާފުރުން ޙައްލުކުރުމަށް 44 ރަށެއްގެ ބަނދަރު ނިމި، 37 ރަށެއްގައި މަސައްކަތް ކުރިއަށްދާކަމަށާއި، 31 ރަށެއްގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން 7 ރަށެއްގެ ބިން އިތުރުކުރުމުގެ މަސައްކަތް ނިމި، 8 ރަށެއްގެ ބިން އިތުރުކުރުމުގެ ޢަމަލީ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޞިއްޙީ ދާއިރާއާއި ގުޅުންހުރި 31 މަޝްރޫޢެއް ނިމިފައިވާއިރު، މީގެ ތެރޭގައި ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކާއި އަތޮޅު ހޮސްޕިޓަލްތަކާއި ޓަރޝަރީ ހޮސްޕިޓަލްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތައް މީގެ ތެރޭގައި ހިމެނޭކަން ރައީސް ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ މާލެއާއި އަތޮޅުތަކުގައި 16،000 އާއިލާއަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ ތެރޭގައި މާލޭ ސަރަހައްދުގައި އެކި ކެޓެގަރީގެ 8700 ފްލެޓާއި، އަތޮޅުތަކުގައި 4436 ފްލެޓާއި ރޯހައުސް އެޅުމުގެ މަސައްކަތް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ގެދޮރުވެރިޔާ ލޯނު ސްކީމުގެ ތެރެއިން 183 މީހަކަށް 158 މިލިއަން ރުފިޔާ މިހާތަނަށް ދެވިފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.