ޚަބަރު

ކުރެހުންތަކަށް ބަދަލުގެނެސް، 7 ހޮސްޕިޓަލް އަލުން ބީލަމަށް


ކުވެއިތް ފަންޑުގެ އެހީގައި 7 ރަށެއްގައި ތަރައްޤީކުރާ ހޮސްޕިޓަލްތައް ހެދުމަށް އަނެއްކާވެސް ބީލަމަށް ހުޅުވާލައިފިއެވެ

މީގެ ކުރިންވެސް ހޮސްޕިޓަލް އަޅާދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލިއެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން ވަނީ ކުވެއިތު ފަންޑުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލުތަކުގެ ބީލަމަށް ހުށައަޅާފައިވާ އަގުތަކަކީ މަޝްރޫޢުއަށް ކަނޑައެޅިފައިވާ ބަޖެޓަށްވުރެ ބޮޑެތި އަގުތަކެއްކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އަލުން މިމަޝްރޫޢުތައް އަލުން ބީލަމަށް ހުޅުވާލުމުގެ މަސައްކަތް ކުރަމުންދާކަން ކުވެއިތު ފަންޑަށް އަންގާފައިވާނެކަމަށް ފިނޭންސް މިނިސްޓްރީން މީގެކުރިން ވަނީ ހާމަކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން ބުދަދުވަހު ވަނީ ބީލަމަށް ބަދަލުތަކެއް ގެނައުމަށްފަހު ހދ .ހަނިމާދޫ، ށ.މިލަންދޫ، ނ. ވެލިދޫ، ކ.ތުލުސްދޫއާއި އދ.މާމިގިލީ އަދި ނ.ވެލިދޫގެ އިތުރުން ތ. ވިލުފުށީގައި އިމާރާތްކުރާ 30 އެނދުގެ ހޮސްޕިޓަލް އަޅިދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައެވެ.

ފިނޭންސް މިނިސްޓްރީ އިން ވިދާޅުވީ މައިގަނޑު ގޮތެއްގައި ބަދަލު ގެނެސްފައިވަނީ 7 ހޮސްޕިޓަލްގެ ކުރެހުންތަކަށްކަމަށެވެ. އަދި ކުރެހުމަށް ބަދަލު ގެނައުމުގެ ސަބަބުން އަގުތަކަށްވެސް ބަދަލްތަކެއްް އައްނާނެކަމަށް ފިނޭންސްއިން ވިދާޅުވެއެވެ.

ފިނޭންސް މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން މި މަސައްކަތަށް ޝަރުޠު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ، އައި.ސީ.ބީ އުޞޫލުގެ މަތިންނެވެ. ފިނޭންސް މިނިސްޓްރީން ވިދާޅުވީ ހޮސްޕިޓަލުތަކުގެ މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު 5 ޖެނުއަރީއާ ހިސާބަށް އޮންނާނެކަމަށެވެ.

މި ހޮސްޕިޓަލްތައް ތަރައްޤީކުރުމުގެ މަސައްކަތުގެ އިތުރުން ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށްޓަކާ ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހެލްތު މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 4 އަހަރުގެ ތެރޭގައި ޞިއްޙީ ދާއިރާގައި ހިމެނޭ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ ތެރެއިން 21 މަޝްރޫޢެއް ވަނީ ނިމިފައެވެ. މީގެ ތެރޭގައި ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުގެ ޖާގަ އިތުރުކުރުމަށް ހިންގި މަޝްރޫޢުތައް ހިމެނެއެވެ

ޞިއްޙީ ދާއިރާގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް ކުރާ މަސައްކަތުގެ ދަށުން އަންނަ އަހަރުގެ ބަޖެޓުގައިވެސް އެކި ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލުގެ އައު ޢިމާރާތް އެޅުމަށް 551 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. މީގެ އިތުރުން މުޅި ސިއްހީ ދާއިރާގެ މަޝްރޫތަކަށް ސަރުކާރުން ވަނީ 7 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައެވެ.