ވިޔަފާރި

ޗައިނާ ހުޅުވާލުމުން ފަތުރުވެރިން އެންމެ ދާން ބޭނުންވާ މަންޒިލަކަށް ރާއްޖެ ވާނެ: ސަފީރު


ޗައިނާ ހުޅުވާލުމުން ފަތުރުވެރިން އެންމެ ދާން ބޭނުންވާ މަންޒިލަކަށް ރާއްޖެ ވެގެންދާނެކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ ލިޒިން ވިދާޅުވެއްޖެއެވެ.

ސަފީރު މިހެން ވިދާޅުވެފައިވަނީ ބައިނަލްއަޤްވާމީ ދަތުރުފަތުރަށް ޗައިނާ ހުޅުވާލުމަށް ތައްޔާރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮވިޑާ ގުޅިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ޗައިނާއިން މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ވަނީ ލުއިދޭން ފަށާފައެވެ. ޗައިނާގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެ ޤައުމަށް އެތެރެވުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަރަންޓީނު އަންނަ ޖަނަވަރީމަހުގެ 8 ވަނަ ދުވަހުން ފެށިގެން އުވައިލަން އެ ޤައުމުން މިހާރު ވަނީ ނިންމާފައެވެ.

ޗައިނާއަށް އެތެރެވާއިރު ފުރިހަމަކުރަންޖެހޭ ކަރަންޓީން ތިން އަހަރުގެ މުއްދަތަކަށް ފަހު އުވައިލާއިރު، މިއީ އެ ޤައުމުގެ ރައްޔިތުންނަށް އުފާވެރި ޚަބަރެކެވެ. އަދި، ގިނަ އަދަދެއްގެ ބަޔަކު ވަނީ ބޭރު ޤައުމުތަކަށް ދަތުރު ކުރުމަށް ތައްޔާރުވާން ފަށާފައެވެ.

ޗައިނާގެ ރައްޔިތުންނަށް ދަތުރުކުރުމަށް ލުއިދޭން ނިންމާފައިވާ މި ދަނޑިވަޅުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ ލިޒިން ވިދާޅުވީ، އެ ޤައުމުގެ ރައްޔިތުންނަށް ވަކި ހަމަތަކެއްގެ މަތިން ދަތުރުކުރުމުގެ ލުއިތައް ވަރަށް އަވަހަށް ދޭނެކަމަށެވެ. އަދި ޤަބޫލުކުރާ ގޮތުގައި ކުރިއެކޭވެސް އެއްގޮތަށް ޗައިނާގެ ފަތުރުވެރިން އެންމެ އަންނަން ބޭނުންވާ މަންޒިލްގެ ތެރޭގައި ރާއްޖެ ހިމެނިގެންދާނެކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ.

ކޯވިޑް19 ގެ ކުރިން ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރު ޗައިނާއިން ރާއްޖެއަށް 284029 ފަތުރުވެރިން އައިސް އެ ޤައުމު ހިމެނެނީ އެ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމުގެ ގޮތުގައެވެ. ނަމަވެސް ކޯވިޑް19 އާއިއެކު އެ ޤައުމުގައި ދަތުރުފަތުރުކުރުމަށް އެޅި ފިޔަވަޅުތަކާއި ހެދި މިވީ 3 އަހަރުގެ ތެރޭގައި ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން އައިސްފައެއް ނުވެއެވެ.

ޗައިނާ ހުޅުވާލުމާއިއެކު އެ ޤައުމުން ރާއްޖެއަށް ފަތުރުވެރިން ގެނައުމުގެ މަސައްކަތް ކުރާނެކަމަށް މީގެކުރިން ޓޫރިޒަމް މިނިސްޓްރީންވެސް ވަނީ ބުނެފައެވެ. ޗައިނާގެ ފަތުރުވެރިންގެ މެދުގައި އަދިވެސް އެންމެ މަޤްބޫލު މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ.

ޗައިނާގައި އެންމެ ފުޅާ ދާއިރާއެއްގައި އޮންލައިން ޓްރެވަލް އެޖެންޓުކަމުގެ ޙިދުމަތްދޭ، ސީ-ޓްރިޕުން، ޗައިނާ އައުޓްބައުންޑު ޓޫރިޒަމް ރިސަރޗު އިންސްޓިޓިއުޓް އާއި ގުޅިގެން މިއަހަރު ވަނީ ޗައިނާ ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލު މަންޒިލްތައް ހިމަނައިގެން ރިޕޯޓެއް ނެރެފައެވެ. ޗައިނީސް ހައި- އެންޑު އައުޓްބައުންޑް ކަސްޓަމައިޒްޑު ޓްރެވަލް ރިޕޯޓުގައިވާގޮތުން ރާއްޖެއަކީ ޗައިނާ ފަތުރުވެރިންގެ މެދުގައި 4 ވަނަ އަށް އެންމެ މަޤްބޫލް މަންޒިލެވެ.