ޚަބަރު

ހިތްގައިމު އޯޕީޑީއާއެކު ކުޅުދުއްފުށީ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް


ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ރާއްޖޭގެ އުތުރުން އެންމެ ގިނަ ބަޔަކު ޞިއްޙީ ޚިދުމަތް ހޯދުމަށް އެންމެ ބޮޑަށް ބަރޯސާވާ ހޮސްޕިޓަލެވެ. އަދި އެންމެ ބާރު ބޮޑު އެއް ހޮސްޕިޓަލްވެސްމެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އޮންނަ ޑިމާންޑް އިތުރަށް ބޮޑުވެގެންދިޔައީ ޒޯން އެކެއްގައި އާރް.ޓީ.އެލް ފެރީގެ ޚިދުމަތް ތަޢާރަފުވީ ހިސާބުންނެވެ. މިއާއެކު އުތުރުގެ ހުރިހާ ރަށަކުންވެސް ގަވާއިދުން ޑޮކްޓަރަށް ދައްކަން އައުމުގެ އިންތިޒާމު ހަމަޖެހިގެންދިޔައެވެ. މި ހޮސްޕިޓަލަށް ޚިދުމަތް ހޯދަން އަންނަ އާއްމުންނަށް ފަސޭހަވާނެހެން ޒަމާނީ ޚިދުމަތްތަކަކަށް ބައްޓަންކުރުމަށްޓަކާ ހޮސްޕިޓަލުގެ ޖާގަ އިތުރުކޮށް، އައު ޙިދުމަތްތަކެއް ތަޢާރަފުކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އަތޮޅުތަކުގެ އެހެންގިނަ ހޮސްޕިޓަލްތަކާ ޚިލާފަށް ކުޅުދުއްފުށީ ހޮސްޕިޓަލުގައި ތަފާތު ބަލިތަކުގެ ސްޕެޝަލިސްޓުން އެބަތިއްބެވެ. އެތަނުގައި ނެތީ ޚިދުމަތް ދޭން ބޭނުންވާ އެކަށީގެންވާ ޖާގައެވެ. އޯޕީޑީއަށް އަލަށް އިތުރުކުރެވޭ ޖާގައާއެކު، ޚިދުމަތް ހޯދަން އާއްމުންނަށް ފަސޭހަވެ، ޖާގަ އިތުރުވެގެންދާނެއެވެ. އެ ހޮސްޕިޓަލުގެ މެނޭޖްމަންޓުގެ އުއްމީދަކީ އައު އަހަރާއެކު ލަސްތަކެއް ނުވެ ހޮސްޕިޓަލުގެ އޯޕީޑީ ޢިމާރާތާއެކު ޚިދުމަތް ފުޅާވެގެން ދިޔުމެވެ.

އާރްޓީއެލްއާއެކު އުތުރުގެ މައި ހޮސްޕިޓަލްކަމަށްވާ ކުޅުދުއްފުށީ ހޮސްޕިޓަލަށް ދައްކަން އަންނަ ބަލި މީހުންގެ ޢަދަދު ހަފްތާގެ ހުރިހާ ދުވަހަކުވެސް ވަރަށް ބޮޑަށް އިތުރުވެގެންދިޔަކަން އެ ހޮސްޕިޓަލުން ފާހަގަކުރައްވައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ހޮސްޕިޓަލުން ވިދާޅުވީ މިއަހަރުގެ މިހާތަނަށް އައިއިރު 94147 މީހަކު ހޮސްޕިޓަލުގެ އޯޕީޑީގެ ޚިދުމަތް ހޯދާފައިވާކަމަށެވެ. އެއީ އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 450 އާއި 500 އާއި ދެމެދުގެ އިތުރުވުމެއްކަމަށެވެ.

އެ ހޮސްޕިޓަލުން ވިދާޅުވީ، މީގެކުރިން ބާރު ބޮޑުވާ ބައެއް ދުވަސްތައް ހަފްތާ ތެރޭގައި އައިނަމަވެސް މިހާރު ހުރިހާ ދުވަހެއްގެ ގިނަ ވަގުތުތަކުގައި އޯޕީޑީ އޯވަރބުކް ވާކަމަށެވެ. ޚިދުމަތް ދިނުމަށް ކޮންސަލްޓޭޝަން ރޫމްތައް ނެތުމުގެ ސަބަބުން މިހާރު ޑޮކްޓަރުން ތިބެމެ، ޚިދުމަތް އެންމެ ބޭނުންވާގޮތަށް ނުދެވޭކަން އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.

އެހެންކަމުން އަލަށް ހުޅުވަން ތައްޔާރުވެފައިވާ އޯޕީޑީގެ ޢިމާރާތާއެކު މިހާރަށްވުރެ ހަރުދަނާގޮތެއްގައި ގިނަ ބަޔަކަށް ޚިދުމަތްދެވޭނެކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގެ އޯޕީޑީ ޢިމާރާތުގެ މަސައްކަތް ސަރުކާރުން ޙަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

އެކުންފުނިން ވިދާޅުވީ، މި މަސައްކަތުގެ ގާތްގަނޑަކަށް 98 އިންސައްތަ މިހާރު ނިމިފައިވާކަމަށެވެ. އެގޮތުން އޯޕީޑީގެ ސިވިލް މަސައްކަތްތަކާއި، އޭސީ ހަރުކުރުމުގެ އިތުރުން، ފިނިޝިންގގެ މަސައްކަތާއި، ފަރުނީޗަރު ހަމަކުރުމުގެ މަސައްކަތް ނިމިފައިވާކަން އެކުންފުނިން ފާހަގަކުރައްވާފައިވެއެވެ.

ކުޅުދުއްފުށި ހޮސްޕިޓަލުން ވިދާޅުވީ، މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ނެޓްވޯކިންގއާއި، ކިޔު ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަސައްކަތްތައް ނިމި އެމް.ޓީ.ސީ.ސީއިން ހޮސްޕިޓަލާއި، ޢިމާރާތް ޙަވާލުކުރަންވާއިރު ޚިދުމަތްދޭން ފެށޭވަރު ކުރުމަށް އެ ހޮސްޕިޓަލުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިހާރު ހުރި ވަޞީލަތްތަކާއެކުވެސް ޚިދުމަތް ވީއެންމެ އަވަހަކަށް ފެށުމަށް އެ ހޮސްޕިޓަލުން އަންނަނީ ތައްޔާރުވަމުންނެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށް އެ ހޮސްޕިޓަލުން މިހާރުވެސް ވަނީ ބައެއް ބަދަލުތައްއް އެޕޮއިންޓްމަންޓް ހެދުމުގެ އުޞޫލަށްވެސް ގެނެސްފައެވެ.

މިއާއެކު ދެހަފްތާއަށް އެޕޮއިންޓްމަންޓް ނެގުމުގެ ބަދަލުގައި ހޮސްޕިޓަލުން އެޕޮއިންޓްމަންޓް ދޫކުރާނީ 3 ދުވަހަށެވެ. އަދި އިތުރު އެއްދުވަހުގެ އެޕޮއިންޓްމަންޓް ހެއްދުމަށް ހުޅުވާލުމަށް ހޮސްޕިޓަލުން ވަނީ ނިންމާފައެވެ.

މިގެނެވުނު ބަދަލާއެކު އެޕޮއިންޓްމަންޓް ހެއްދުމަށްފަހު ޑޮކްޓަރަކަށް ދެއްކުމަށް ނާންނަ މީހުންގެ ސަބަބުން ކޮންމެހެން ބޭނުންވާ ފަރާތްތަކަށް އެޕޮއިންޓްމަންޓް ނުލިބޭ މައްސަލަ ޙައްލުވެގެންދާނެކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.