ޚަބަރު

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ޤައުމީ ފެންވަރުގައި މިއަހަރު ކޮޅުފުށީގައި


ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް މ. ކޮޅުފުށީގައި ވަމުން އެބަދެއެވެ.

އެއްބައިވަންތަކަމުގެ ދުވަސް ރަސްމީކޮށް މިއަހަރު ފާހަގަ ކުރުމަށް ސަރުކާރުން ނިންމަވާފައިވަނީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ރަށެއް ކަމަށްވާ މުލަކައަތޮޅު ކޮޅުފުށީގައެވެ.

މިދުވަސް ފާހަގަ ކުރުމަށް މ. ކޮޅުފުށީގައި ކުރިއަށް ގެންދާ ހަރަކާތްތައް ޝަރަފުވެރި ކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހެވެ. އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރި ވުމަށްޓަކައި އެމަނިކުފާނު މާދަމާ ހެނދުނުގެ ވަގުތެއްގައި ކޮޅުފުށްޓަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކޮޅުފުށީގައި ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި މާދަމާ ހެނދުނު އެރަށުގައި ބާއްވާ ރަސްމީ ޖަލްސާގެ އިތުރުން ކޮޅުފުށީގައި ހަދާފައިވާ ސުނާމީ ބިނާ ރަސްމީކޮށް ހުޅުވުން އޮންނާނެއެވެ. މީގެ އިތުރުން އެއްބައިވަންތަކަމުގެ ދުވަހުގެ އަތުގުޅާލުން މާދަމާގެ ހަވީރު އޮންނާނެއެވެ.

ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް ސަރުކާރުން ރަސްމީ ގޮތެއްގައި ފާހަގަކުރަނީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި އެކި ގޮތްގޮތުން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވުމުގައި ދިވެހި ރައްޔިތުން ދައްކާފައިވާ އެއްބައިވަންތަކަން ފާހަގަ ކުރުމުގެ ގޮތުންނެވެ.

މިއަހަރު ސަރުކާރުން ރަސްމީކޮށް މި ދުވަސް ފާހަގަކުރާ ކޮޅުފުށްޓަކީ ސުނާމީގައި އެންމެ ބޮޑެތި ގެއްލުން ލިބުނު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އެގޮތުން ކޮޅުފުށީގައި މީހުން ދިރިއުޅެމުންދިޔަ ހުރިހާ ގެތަކެއް އެއްކޮށް ސުންނާފަތިވެ އެރަށުގެ 19 މީހަކު ވަނީ މި ކާރިސާގައި ނިޔާވެފައިއެވެ.