ޚަބަރު

22 އަހަރަށްފަހު ގއ. ނިލަންދޫއަށް ޒަމާނީ އިންޖީނުގެއެއް


ގއ. ނިލަންދޫގައި އައު އިންޖީނުގެއާއި ފެނަކައިގެ އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވާ، ޚިދުމަތް ދޭން ފަށައިފިއެވެ.

ނިލަންދޫ އައު އިންޖީނުގެއާއި، ފެނަކަ އޮފީސް އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އައު އިންޖީނުގެ ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޖީނުގެއާއި ފެނަކައިގެ އޮފީސް އިމާރާތ ބައްލަވިލައްވާފައެވެ.

މީހުން ނޫޅޭ ސަރަހައްދުތަކަށް އިންޖީނުގެތައް ބަދަލުކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ގއ. ނިލަންދޫގައި 22 އަހަރުފަހުން މިވަނީ އަައު އިންޖީނުގެއެއް ހުޅުވާފައެވެ. ކުރިން އެރަށުގައި ހުރި އިންޖީނުގެ އެކި ފަހަރު މަތިން 23 ތަނަކަށް ބަދަލުކޮށްފައިވެއެވެ. އޭރުވެސް އިންޖީނުގެ ބަދަލުކޮށްފައި ވަނީ މީހުން ދިރިއުޅޭ ސަރަޙައްދުތަކަށެވެ. އެހެންނަމަވެސް އިންޖީނުގޭގެ އަޑު ގަދަވުމާއި، އަރާ ދުމުން ރައްޔިތުންނަށް އެތައް ތަކުލީފެއް ދިޔައީ ކުރިމަތިވަމުންނެވެ.

ރައްޔިތުންގެ މި ކަންބޮޑުވުމަށް ޙައްލެއް ހޯދައިދީ، 22 އަހަރު ވަންދެން ރައްޔިތުން އުފުލި ތަކުލީފަށް ނިމުން ގެނެސްދިނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުންނެވެ. 1000 އަކަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅޭ ނިލަންދޫގައި އައު އިންޖީނުގޭގެ ބިންގާ އަޅާފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.


ރަށުގެ އައު އިންޖީނުގޭގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ވިދާޅުވީ، މިފަދަ އައު ޒަމާނީ އިންޖީނުގެތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކޮށްފައިވާކަމަށެވެ. އަދި ކުރިއާއި ޚިލާފަށް މިހާރު ކަރަންޓު ކެނޑުމުގެ މައްސަލަތައް މަދުކަމަށާއި، ރަށަކުން ކަރަންޓު ކެނޑުނުނަމަވެސް ޒިންމާދާރުކަމާއެކު ކަރަންޓު ފޯރުކޮށްދެވިގެންދާކަމަށެވެ.

މިގޮތުން ނިލަންދޫއަށް އިޝާރަތްކުރައްވާ ސައީދު ވިދާޅުވީ، ކޯވިޑް-19ގެ ދަތި ޙާލަތުގައިވެސް ކަރަންޓް ކެނޑުނަ ނުދިނުމަށްޓަކައި ކުރެވުނު މަސައްކަތުގެ ދަށުން އެރަށުން ކަރަންޓު ކެނޑިފައި ނުވާކަމަށެވެ.

ނިލަންދޫގައި އަލަށް އިމާރާތް ކުރި އިންޖީނުގެއަކީ ކުރީގެ އިންޖީނުގެއާ ބަލާއިރުވެސް ޖާގައިގެގޮތުން ތަނަވަސް އިމާރާތެކެވެ. މިގޮތުން އިންޖީނުގެ ކުރީގެ ބޮޑުމިނަކީ 78 އަކަމީޓަރެވެ. ނަމަވެސް އައު އިންޖީނުގެ ބޮޑުމިނަކީ 179 އަކަމީޓަރެވެ. ކުރިން މިރަށުގައި ހުރީ 550 ކިލޯވޮޓުގެ ޖެންސެޓް ކެޕޭސިޓީއެކެވެ. ނަމަވެސް އައު އިމާރާތުގައި 1050 ކިލޯވޮޓުގެ ކެޕޭސިޓީގެ އިންޖީނު ވަނީ ބަހައްޓަފައެވެ.

ޢައު އިންޖީނުގެ ޑިޒައިން ކޮށްފައިވަނީ 400 ކިލޯވޮޓުގެ 3 ޖަނަރޭޓަރ ސެޓް ބެހެއްޓޭގޮތަށްކަމަށް ފެނަކައިން ވިދާޅުވެއެވެ. އައު އިންޖީނުގޭގައި ޑެގް ރޫމް، ކޮންޓްރޯލް ރޫމް، ވޯކް ޝޮޕް، ސްޓޯރ، ޕޭންޓްރީ، ފާޚާނާ، ޗިމްނީ، ޑޭ ޓޭންކް، އަދި ޑީސަން ޓޭންކް ހުރެއެވެ.

ގއ. ނިލަންދޫގެ އައު އިންޖީނުގޭގެ މަސައްކަތް ކޮށްފައިވަނީ "ކިއު ވަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް"އާއި ޙަވާލުކޮށްގެންނެވެ. މި މަސައްކަތަށް 6 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.