ޚަބަރު

ޓެކްނޮލޮޖީ ކުރިއެރިޔަސް އިންސާނުންގެ ޚިދުމަތް ހުއްޓާލެވޭކަށް ނޯންނާނެ: ފަޒްނާ


ޓެކްނޮލޮޖީ ކިތަންމެ ވަރަކަށް ތަރައްޤީވެ ކުރިއެރިޔަސް ޚިދުމަތްކުރަން ޖެހެނީ އިންސާނުންނަށްވީތީ، އިންސާނުންގެ ހުނަރުތައް ތަރައްޤީކުރުމުގައި ތަޢުލީމީ ދާއިރާއިން އަބަދުވެސް ހުށިޔާރުވެ ތިބެން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާގެ ވާހަކަފުޅުގައިވަނީ ދުނިޔެއަށް އަންނަމުންދާ އިންޤިލާބީ އެކި ބަދަލުތަކާއެކު ސަމާލުކަންދޭންވީ ބައެއްކަންކަމަށް ވަރަށް ތަފްސީލީ ގޮތެއްގައި އަލިއަޅުއްވާލައްވާފައެވެ.

6 ވަނަ ޓީޗަރސް ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވީ، މިވޭތުވެގެންދިޔަ މާޒީގައި ޓެކްނޮލިޖީގެ ދާއިރާއިން އިންސާނުން ވަރަށް ބޮޑަށް ކުރިއަރާފައިވާކަމަށެވެ.

އެގޮތުން ކުނިކަހާ މެޝިނުން ފެށިގެން ޙަރަމްފުޅުގައި މުސްޙަފް އުފުލުމަށްވެސް މެޝިން ބޭނުންކުރަމުންދާ ދިއުން މިސާލަކަށް ނަންގަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ޓެކްނޮލޮޖީގެ ދާއިރާ ކިތަންމެ ވަރަކަށް ކުރިއެރިނަމަވެސް ޚިދުމަތް ލިބިގަތުމަށް ތިބީ އިންސާނުންކަމަށެވެ. އިޙްސާސްތަކެއްވާ އިންސާނުންނަށް ޚިދުމަތްކުރުމަކީ މެޝިނަކަށް ކުރެވޭނެކަމެއް ނޫންކަން ފާޙަގަކުރައްވާ އެކަމަނާ ވިދާޅުވީ، އެހެންކަމުން މިއަދުގެ ދަރީންނަކީ ޖަޒްބާތީ ތޫނުފިލިކަމުގައި ހުނަރުވެރިކުދިންނަށް ހަދަންޖެހޭކަމަށެވެ.

"އަޅުގަނޑަށް ވިސްނޭކަމަކީ އެކި ޒަމާނުގައި ސިނާޢަތްތަކަށް އެކިއެކި ބަދަލުތައް އައިކަމުގައިވިޔަސް އަޅުގަނޑުމެން، ދަމަހައްޓަންޖެހޭ އަގުތަކަށް ބަދަލެއް ނާންނާނެކަން. ވީމާ އެއަގުތައް ބެލެހެއްޓުމަށް، ދެމެހެއްޓުމަށް ބޭނުންވާ ހުނަރުތަކާއި ސިފަތަކަށް އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭނެކަން. ސަބަބަކީ ސިނާޢަތްތައް ކުރިއަރައި ޑިޖިޓަލައިޒްވިޔަސް ޚިދުމަތް މިދެނީ ހަމަ އިންސާނުންނަށްކަމަށްވާތީ" ފަޒްނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވީ، ދުނިޔެއަށް އިންޤިލާބީ އެތައް ބަދަލެއް އައިކަމުގައިވީނަމަވެސް ބަދަލުނުވާނެ އެއްޗަކީ އިންސާނުންނަށްވީތީ ދަމަހައްޓަންޖެހޭ އަގުތަކެއްވާ ކަމަށެވެ. އެހެންކަމުން ސްކޫލް ނިންމާ މުޖުތަމަޢަށް ނިކުންނަ ދަރިވަރުންގެ ކިބައިގައި މިއަގުތައް އަށަގެންނެވުމުގައި ތަޢުލީމީ ދައިރާއިން މަސައްކަތްކޮށްދެއްވުމަށްވެސް އެކަމަނާވަނީ އެދިވަޑައިގަންނަވާފައެވެ.

"ބައެއް މާއްދާ ތަކުގައި ހިތުން ދަސްކުރާ ބައި ބޮޑުވާހަކަ އަދި ގިނަ ދަރިވަރުން ބިޒްނަސް ސްޓްރީމް ޚިޔާރުކުރާ ވާހަކަ، މިއީ ވަރަށް ބޮޑަށް ދެކެވޭ ވާހަކަތަކެއް. މިއީ ކަންއޮތްގޮތް ކަމަށްވާނަމަ މިކަންކަން ބަދަލުކުރެވޭނެ ގޮތްތަކެއް ވިސްނަންޖެހޭ. ސައިންސް އަދި ލިބަރަލް އާޓްސްގެ މައްދާތައް ކިޔަވަން ބާރުއަޅަންޖެހޭ. އަދި ހިތުދަސްކުރުމުގެ ބަދަލުގައި ކަންކަމާ ވިސްނާ، ދިރާސާ ކުރާ ދަރިވަރުންތަކެއް އުފެދެންޖެހޭކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭ" ފަޒްނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ސްކޫލް ނިންމާ މުޖުތަމަޢަށް ނިކުންނަ ދަރިވަރުންނަކީ ހަމައެކަނި ފޮތުގައި ހުންނަ މަޢުލޫމާތަށް އެކަނި ބަރޯސާވެގެން ބޮޑެތިވާ ކުދިންނަށްވުރެ ބޮޑަށް އަމިއްލަ ނަފްސަށް އިތުބާރުކޮށް އަމިއްލަ ވިސްނުމާއި ފިކުރު ބޭނުންކޮށް، އަނެކުންގެ އިޙްސާސްތައް ދެނެގަތުމަށް މަސައްކަތްކުރާ ކުދިންތަކަކަށް ހެދުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އަދި އަބަދުވެސް ތަޢުލީމީ ދާއިރާއިން ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއި އެއް ހަމައެއްގައި ސާބިތުވާންޖެހޭކަން އެކަމަނާވަނީ ފާހަގަކުރެއްވިއެވެ.

6 ވަނަ ޓީޗަރސް ކޮންފަރެންސް މިއަހަރު ބާއްވަނީ ކުޅުދުއްފުށި ސިޓީގައެވެ. މިކޮންފަރެންސް ފައްޓަވާ ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. މިރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ފަރާތުން ވަނީ އެކަމަނާއަށް ޚާއްސަ ހަނދާނީ ފިލައެއް އަރުވާފައެވެ.