ޚަބަރު

ރ. ވާދޫގައި ސަރުކާރުން ބިނާކުރި އައު މިސްކިތް ހުޅުވައިފި


ރ. ވާދޫގައި ސަރުކާރުން ތަރައްޤީކުރި އައު މިސްކިތް ހުޅުވައިފިއެވެ. އެކަމަށްޓަކާ މިއަދު އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މިސްކިތް ރަސްމީކޮށް ހުޅުވައިދެއްވާފައިވަނީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރެވެ.

ވާދޫގައި އަލަށް ބިނާކުރި މިސްކިތަށް ދީފައިވަނީ "މަސްޖިދް އުޘްމާން ބިން ޢައްފާން" މި ނަމެވެ. އޭސީކޮށްފައިވާ މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެއްކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މި މިސްކިތް ފަރުމާކޮށްފައިވަނީ އަންހެނުންނަށާއި ފިރިހެންނުންނަށްވެސް ނަމާދުކުރެވޭނެހެންނެވެ. އަދި މިސްކިތާއެކު ހިނަވާގެއެއްވެސް ވަނީ ތަރައްޤީކޮށްފައެވެ.

މި މިސްކިތް ބިނާކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. އެހެންނަމަވެސް މަޝްރޫޢު ނިންމަން ހަމަޖެހިފައިވާ ތާރީޚަށް އޭރުގެ ކޮންޓްރެކްޓަރ ނިންމިފައެއް ނުވެއެވެ. އެހެންކަމުން އިސްލާމިކް މިނިސްޓްރީން ވަނީ ކޮންޓްރެކްޓަރާއެކު ވެފައިވާ އެއްބަސްވުން ބާޠިލުކޮށްފައެވެ.

އެއަށްފަހު މިސްކިތުގެ ނުނިމިހުރި މަސައްކަތްތައް ނިންމާފައިވަނީ، ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްގެންނެވެ. އެކުންފުންޏާ މި މަސައްކަތް ޙަވާލުކުރީ މިއަހަރުގެ ޖުލައި 6 ގައެވެ.

ކުރިން މި މަޝްރޫޢު ހިންގި ކޮންޓްރެކްޓަރަށް ދެއްކި 1 މިލިއަން ރުފިޔާއާއެކު މުޅި މި މަޝްރޫޢަށް ޖުމްލަ 5.2 މިލިއަން ރުފިޔާ ޚަރަދުވެފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ހިމެނިވަޑައިގަންނަވާގޮތަށް މިނިސްޓްރީގެ ޓީމުން ވާދޫއަށް ކުރަމުންދާ ދަތުރުފުޅުގެ ތެރެއިން އެރަށު ކައުންސިލުގެ މެންބަރުންނާއި ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ގުޅުންހުރި ދާއިރާތަކުން އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމާގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.