ޚަބަރު

އަންނަ އަހަރު ރާއްޖޭގެ އިޤްތިޞާދު 6.6 އިންސައްތަ ކުރިއަރާނެ - އައިއެމްއެފް


މިއަހަރު ނިމޭއިރު ރާއްޖޭގެ އިޤްތިސާދީ ދުވެލި ހުންނާނީ 10.5 އިންސައްތައިގައި ކަމަށާއި، އަންނަ އަހަރު ރާއްޖޭގެ އިޤްތިސާދު 6.6 އިންސައްތަ ކުރިއަރާނެ ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އައި.އެމް.އެފްއިން ލަފާކޮށްފިއެވެ.

އައި.އެމް.އެފްއިން މިކަން ހާމަކޮށްފައިވަނީ، ރާއްޖޭގެ އިޤްތިޞާދީ ހާލަތު ދެނެގަތުމަށް އައިއެމްއެފްގެ ވަފުދެއް ރާއްޖެއަށް ކުރި ދަތުރަށްފަހު އެ ވަފުދުގެ ރިޕޯޓް އައި.އެމް.އެފްގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑަށް ހުށަހެޅުމުން އެ ބޯޑުން މަޝްވަރާކުރުމަށް ފަހު އެ ފަރާތްތަކުން ދެކޭގޮތާއެކު ނެރުނު ބަޔާނުގައެވެ.

މި ބަޔާނުގައި އައި.އެމް.އެފްގެ އެގްޒެކެޓިވް ބޯޑުން ވަނީ ކޯވިޑް-19 ޕެންޑަމިކުން އަރައިގަނެ އިޤްތިޞާދު ކުރިއެރުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް މަރުޚަބާ ކިޔައިފައެވެ. އެގޮތުން ރާއްޖެއިން އިޤްތިޞާދީގޮތުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށްފައިވެއެވެ. މި މަސައްކަތްތަކާއެކު، ފަތުރުވެރިކަމަށް ލިބެމުންދާ ކުރިއެރުންތަކާއެކު ރާއްޖޭގެ އިޤްތިޞާދު އިއާދަވަމުންދާއިރު، ފަތުރުވެރިކަމާއި ގުޅުންހުރި އެހެން ސިނާއަތްތައް ކަމުގައިވާ ދަތުރުފަތުރު އަދި ވިޔަފާރީގެ ސިނާއަތަށްވެސް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށްވަނީ ލަފާކޮށްފައެވެ.

ހަކަތައިގެ އަގުތަކާއި، ކާބޯތަކެތީގެ އަގުތައް އުފުލެމުން ދިިޔުމާއި، އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބާއެކު ޚަރަދުކުރުންތައް އިތުރުވާނެތީ، އިންފްލޭޝަން ރޭޓު 4.9 އިންސައްތައަށް އަރާނެ ކަމަށް އައި.އެމް.އެފްއިން ލަފާކުރެއެވެ.

އައި.އެމް.އެފްގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން ވަނީ ދިވެހި ސަރުކާރުގެ ފަރާތުން 2023 ވަނަ އަހަރު ޖީ.އެސް.ޓީއާއި ޓީ.ޖީ.އެސް.ޓީ ބޮޑުކުރުމަށާއި، ސަބްސިޑީސް ރީފޯމްކުރުމަށް ނިންމި ނިންމުމަކީ ސަރުކާރުގެ މާލީ ސިޔާސަތު ހަރުދަނާކުރުމަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެއްކަން ފާހަގަކޮށްފައެވެ. އަދި ދައުލަތުގެ ޚަރަދުތަކާއި، ދަރަނި މެނޭޖްކުރުމުގައި ހަރުދަނާ ފިޔަވަޅުތައް ޤާއިމުކުރުމަށް ވަނީ ލަފާދީފައެވެ.

ކުރިމަގުގައި އަތުވެދާނެ އިޤްތިޞާދީ ލޮޅުމަކަށް ތައްޔާރުވެގެން ތިބުމަށް ރާއްޖޭގެ މާލީ ސިޔާސަތުތައް ހަރުދަނާކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމް.އެމް.އޭއަށް ޑައިރެކްޓަރުން ވަނީ ލަފާދީފައެވެ.

ރާއްޖެއަކީ ތިމާވެށީގެ ގޮތުން ނާޒުކު ޤައުމަކަށްވުމުން، މި ދާއިރާއިން އިންވެސްޓުމަންޓަށް އިތުރުކޮށް، އިޤްތިޞާދީގޮތުން ކުރިމަގުގައި ކޮށްފާނެ އަސަރަކަށް ތައްޔާރުވުން މުހިއްމު ކަމަށް ޑިރެކްޓަރުން ދެކެއެވެ. އަދި މި މަސައްކަތަށް ބައިނަލްއަޤްވާމީ އެހީ ދޭ ޖަމިއްޔާތަކުގެ އެހީތެރިކަން މިހާރަށްވުރެ ބޮޑަށް ބޭނުންވާނެކަންވެސް ޑިރެކްޓަރުން ފާހަގަކުރިއެވެ.

އައި.އެމް.އެފް މިޝަނެއް މިދިޔަ ޖޫންމަހުގެ 21 އިން 29 އަށް ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ. އެ ދަތުރަށްފަހު ނެރުނު ބަޔާނުގައިވެސް ވަނީ ކޯވިޑް-19 އަށްފަހު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ރަނގަޅުވެ، ޤައުމުގެ އިޤްތިޞާދު ކުރިއަރަމުންދާކަން ފާހަގަކޮށްފައެވެ. އަދި އިޤްތިޞާދު ރަނގަޅުކުރުމަށް އެޅުނު އެންމެ މުހިންމު ފިޔަވަޅަކީ ދައުލަތުން ގެންގުޅުނު ހަރުދަނާ ސިޔާސަތުތަކާއި، ރައްޔިތުންނާ ހަމައަށް ވެކްސިން ފޯރުކޮށްދިނުން އަވަސްކުރުންކަން ފާހަގަކޮށްފައިވެއެވެ.