ޚަބަރު

ސްޓެލްކޯ ފްލެޓްތަކަށް ފައިސާދެއްކުމުގެ މުއްދަތު 25 އަހަރަށް އިތުރުކޮށްފި


ސްޓެލްކޯގެ މުވައްޒަފުންނަށް ދޫކޮށްފައިވާ ފްލެޓްތަކުގެ ކުލި ދެއްކުމުގެ މުއްދަތު 18 އަހަރުން 25 އަހަރަށް އިތުރުކޮށްދިނުމަށް ކުންފުނީގެ މެނޭޖްމަންޓުން ނިންމާފައިވާކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ޝަރީފް ވިދާޅުވީ، ސްޓެލްކޯގެ މުވައްޒަފުންނަށް ހިންގި އެންމެ ކާމިޔާބު ޕްރޮޖެކްޓަކީ ހައުސިންގ ސްކީމް ތަޢާރަފު ކުރުން ކަމަށެވެ.

ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ދޭން ފެށިތާ 73 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ އަޙްމަދު ޝަރީފް ވިދާޅުވީ، ސްޓެލްކޯއަކީ 73 އަހަރުގެ ކަރަންޓުގެ ސިނާއަތް ތަފާތު ނަންނަމުގައި އައިސް އުފަންކޮށްދިން ދަރިއެއް ކަމަށެވެ. އެގޮތުން ތަޢާރަފް ކުރި ހައުސިން ސްކީމްގެ ދަށުން ކުންފުނީގެ 360 މުވައްޒަފަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން ސްޓެލްކޯއިން ތަރައްޤީކުރި ފްލެޓްތައް މިދިޔަ އޮގަސްޓްމަހުގެ ތެރޭގައި ވަނީ މުވައްޒަފުންނާ ޙަވާލުކޮށްފައެވެ. ސްޓެލްކޯގެ ޓަވަރުތަކަށް ނަން ދީފައި ވަނީ "ބްލޫ ރިޖް"ގެ ނަމުންނެވެ. މި މަޝްރޫޢަކީ 692 މިލިއަން ރުފިޔާއަށް މަޝްރޫއެކެވެ.

1 ކޮޓަރީގެ އެޕާޓްމަންޓަކަށް ކުރިން މަހު ކުލީގެ ގޮތުގައި ދައްކަން ޖެހެނީ 5622 ރުފިޔާއެވެ. އަދި 2 ކޮޓަރިޔާ މެއިޑް ރޫމް ހިމެނޭ ފްލޭޓް ތަކަށް ދައްކަން ޖެހޭ މިންވަރު އުޅުނީ 10356 ރުފިޔާއާއި 10652 ރުފިޔާއާ ދެމެދުގައެވެ. އަދި މެއިންޓެއިންސް ފީގެ ގޮތުގައި އިތުރު 1000 ރުފިޔާ ދައްކަންޖެހެއެވެ.

މިއާއެކު ފްލެޓް ލިބި އެޑްވާންސް ޕޭމަންޓް ނުދެއްކި ބައެއް ސްޓާފުން ތިބިކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ، މި ހިނގާ ޑިސެމްބަރު މަހުގެ ނިޔަލަށް އެޑްވާންސް ޕޭމަންޓް ނުދެއްކިވާ މުވައްޒަފުންގެ އެޑްވާންސް ޕޭމަންޓް ޕްރައިމެރީ އެމައުންޓުގެ ތެރެއަށް ހިމަނައިގެން ކުރިއަށްގެން ހަމަޖެހިފައިވާކަމަށެވެ.

މީގެ އިތުރުން މުވައްޒަފުންގެ މުސާރައާއި، މުވައްޒަފުންގެ ފްލެޓުތަކަށް ދައްކަންޖެހޭ ކުލީގެ އަގު ކުޑަ ކުރުމަށްޓަކާ ސްޓެލްކޯގެ މެނޭޖްމަންޓުން މަޝްވަރާ ކުރުމަށް ފަހު މިހާރު ވާނީ 18 އަހަރުގެ ބަދަލުގައި 25 އަހަރަށް ބަދަލުކޮށް ފްލެޓަށް ދައްކަން ޖެހޭ ކުލީގެ ޢަދަދު ކުޑަ ކޮށްފައެވެ.

"މުވައްޒަފުންގެ މުސާރައާއި މުވައްޒަފުން ފްލެޓަށް ދައްކަންޖެހޭ ކުލީގެ އަގު ކުޑަ ކުރުމަށްޓަކައި މަޝްވަރާ ކުރުމަށްފަހުގައި މިހާރު މެނޭޖްމަންޓުން ވާނީ 18 އަހަރު ދުވަހުގެ ބަދަލުގައި 25 އަހަރަށް ބަދަލުކޮށް، މުވައްޒަފު ދައްކަންޖެހޭ ޢަދަދު ކުޑަކޮށްފައި. މިކަން މެނޭޖްމަންޓުން ނިންމާ ބޯޑު ޕޭޕަރެއްގެ ގޮތުގައި މިހާރު ވާނީ ބޯޑަށް ހުށައަޅާފައި" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ސްޓެލްކޯގެ ބޯޑުން މިކަމަށް އެޕްރޫވަލް ލިބުމާއެކު ފްލެޓް ލިބުން މުވައްޒަފުންނަށް އަންގާނެކަމެވެ. އަދި މި ބަދަލު ބޭނުންވާ ފަރާތްތަކުން ލިޔުމަކުން އެކަން ސްޓެލްކޯއަށް އަންގަންވާނެކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ، މި ޕްރޮގްރާމްގެ ތެރޭގައި އެޑްވާންސް ޕޭމަންޓް ނުދެއްކި ވާ ފަރާތްތަކުން، އެކަމަށް ނޭދޭނަމަ، އެފަރާތަކާއެކު ހެދިފައިވާ އެގްރިމެންޓް ބާތިލްވެގެން ދާނެކަމަށެއެވެ.