ޚަބަރު

ތަރައްޤީވަމުން އަންނަ ޤައުމަކަށް ރާއްޖެ ބަދަލުވުމުގައި ޖަޕާނުގެ ޙިއްސާ ބޮޑު: އަސްލަމް


ތަރައްޤީވަމުން އަންނަ ޤައުމަކަށް ބަދަލުވުމަށް ރާއްޖެ ކުރި މަސައްކަތުގައި ޖަޕާނު ސަރުކާރަކީ ވަރަށް މުހިންމު ހިއްސާދާރެއް ކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ޖަޕާން ސަރުކާރުގެ އެހީގައި މާލޭގައި ވަށައި ތޮށި ލުމަށް ކުރިއަށްގެންދިޔަ މަޝްރޫޢުގެ މޮނިއުމަންޓް އުސްފަސްގަނޑުގައި އަލުން ބެހެއްޓުމަށް ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައެވެ.

ރައްކާތެރިކަމަށް، މާލޭގެ ވަށާ ލާފައިވާ ތޮއްޓަކީ ޖަޕާނު ސަރުކާރުގެ އެހީގައި 1987ވަނަ އަހަރު ޤާއިމުކުރި ތޮއްޓެކެވެ. މިއީ ރާއްޖޭގައި ޝޯ ޕްރޮޓެކްޝަން ނުވަތަ ގޮނޑުދޮށް ޙިމާޔަތްކުރުމަށް މިހާތަނަށްވެސް ހިންގާފައިވާ އެންމެ ބޮޑު މަސައްކަތެކެވެ. އެންމެ ޒަމާނީ ފެންވަރަށް "ޓެޓްރަޕޮޑް" ގައު ބޭނުންކޮށްގެން ލާފައިވާ ބޭރު ތޮއްޓަކީ، މޫސުމީ އެކި ކާރިސާތަކުން މާލެ ސަލާމަތްކޮށްދިން މަޝްރޫޢެކެވެ.

މި މުޅި މަޝްރޫޢު ނިންމުމަށް ގާތްގަނޑަކަށް 15 އަހަރު ހޭދަވިއެވެ. މި ޕްރޮޖެކްޓްވެގެންދަނީ ރާއްޖެއާއި ޖަޕާނުގެ ގުޅުން ތަމްޒުކޮށްދޭ އެންމެ ބޮޑު މަސައްކަތަށެވެ. މި ޕްރޮޖެކްޓްގެ ނިމުން ފާހަގަކޮށް، އޭރުގެ އަޑި ޕާކުގައި "ޓެޓްރަޕޮޑް"ގަލެއް ބައިންދާ ޚާއްސަ މޮނިއުމަންޓެއް ހެދިއެވެ. މި ގައު ނަގާފައިވަނީ މިދިޔަ ސަރުކާރުގައި، ސިނަމާލެ ބްރިޖްގެ މަސައްކަތަށެވެ. އޭގެ ފަހުން، މި ގައު އާއްމުކޮށް ފެންނަ ގޮތަށް ބަހައްޓާފައެއް ނުވެއެވެ.

ޖަޕާނާއި ރާއްޖޭގެ ގުޅުމަށް 55 އަހަރު ފުރުން ފާހަގަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗައިން މިވަނީ، މި ގާ އަލުން އާއްމުންނަށް ފެންނާނެގޮތަށް ބަހައްޓާފައެވެ. މިކަމަށްޓަކާ އުސްފަސްގަނޑުގައި ބޭއްވި ރަސްމިއްޔާތުގައި މިކަން ޝަރަފުވެރިކޮށްދެއްވީ ޖަޕާނު ސަރުކާރުގެ ސްޓޭޓް މިނިސްޓަރ ފޮރ ފޮރިން އެފެއަރސް ޓަކެއީ ޝުންސްކޭއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން މުޙައްމަދު އަސްލަމް ވިދާޅުވީ މާލޭގެ ވަށާލެވިފައިވާ ތޮއްޓަކީ ރާއްޖެއާއި ޖަޕާނުގެ ގުޅުމުގެ ރަމްޒުކަމަށެވެ. 1987ވަނަ އަހަރު މާލެއަށް ބޮޑު ރާޅު އަރާ ލިބުނު ގެއްލުމަކީ، މާލެއަށް ކުރިމަތިވި މޫސުމީ އެންމެ ބޮޑު ކާރިސާއެވެ. އެތައް ބަޔަކާއި މުދަލަށް ގެއްލުންވި ހާދިސާއެކެވެ. މިނިސްޓަރ ވިދާޅުވީ މާލެ ވަށާ ތޮށި ލުމުގެ މި ޕްރޮޖެކްޓަކީ ހަމައެކަނި އުމްރާނީ ތަރައްޤީ ނޫންކަމަށާއި، މިއީ މާލޭގެ ރައްޔިތުންގެ ދިރިއުޅުމާއި ގުޅިފައިވާ މަސައްކަތެއްކަމަށެވެ.

"މި މަސައްކަތް އެކަންޏެއް ނޫން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށުގައި ސްކޫލްތައްވެސް އެޅީ ޖަޕާނު ސަރުކާރުގެ އެހީގައި." އަސްލަމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޖަޕާނު ސަރުކާރުގެ ސްޓޭޓް މިނިސްޓަރ ފޮރ ފޮރިން އެފެއަރސް ޓަކެއީ ޝުންސްކޭ ވިދާޅުވީ، މިކަމުން ފެނިގެން ދަނީ ރާއްޖޭގެ ސަރުކާރުން ޖަޕާނުގެ އެހީ ބަލައިގެންފައިވާކަންކަމަށެވެ.

ޖަޕާންގެ ސްޓޭޓް މިނިސްޓަރ ވަނީ، 2011ވަނަ އަހަރު ޖަޕާނަށްް ކުރިމަތިބި ބިންހެލުމުގެ ހާދިސާގައި ޖަޕާނު ރައްޔިތުންނަށް ދިވެހިން ދީފައިވާ އެހީ ފާހަގަކުރައްވާފައެވެ. ޚާއްސަކޮށް ޓެލެތޯންއެއް ހިންގާ ލިބުނު މާލީ އެހީގައި ރާއްޖެއިންވަނީ ޖަޕާނަށް 690000 މަސްދަޅު، އެހީގެ ގޮތުގައި ފޮނުވާފައެވެ.

ރާއްޖެއާއި ޖަޕާނާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1967ވަނަ އަހަރުއެވެ. މިއަހަރު ދެ ޤައުމުގެ ގުޅުމަށް 55އަހަރު ވަނީ ފުރިފައެވެ.