ޚަބަރު

1033 ބައިވެރިންނާއެކު ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް ބުރާސްފަތި ދުވަހު


ބުރާސްފަތި ދުވަހު ފަށާ ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ޕަބްލިކް ސާރވިސް މީޑިއާ، ޕީއެސްއެމް ހަމަޖައްސައިފިއެވެ. މިއީ ޤުރުއާން ކިޔެވުމުގެ 35 ވަނަ ޤައުމީ މުބާރާތެވެ.

މިކަމުގެ އެއްބަސްވުމުގައި ޕީއެސްއެމްއިން ސޮއިކުރެއްވީ ޑިރެކްޓަރ، ޕީއެސްއެމް ކަނެކްޓް އެންޑް ޑިޖިޓަލް ބްރޯޑްކާސްޓް ނެޓްވޯކް އޮޕަރޭޝަންސް އިބްރާހީމް އިޤްބާލެވެ. އަދި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އިބްރާހިމް ޢަބްދުލް ކަރީމްއެވެ.

ބުރާސްފަތި ދުވަހު ފަށާ 35 ވަނަ ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ، އެހެން އަހަރުތަކާއި ޚިލާފަށް ޤުރުއާން ފެސްޓިވަލާއެކު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. އެ ފެސްޓިވަލް ކުރިއަށްދާނީ ދީނީ އަދި ޢިލްމީ އެކި ހަރަކާތްތަކާއެކު "މަހުރަޖާނުލް ޤުރްއާން"ގެ ނަމުގައެވެ. މިއަހަރުގެ މުބާރާތުގެ ކިޔެވުން އަދި ފެސްޓިވަލްވެސް އޮންނާނީ ކިންގް ސަލްމާން މިސްކިތުގައެވެ. އެގޮތުން މިސްކިތުގެ ދެ އޮޑިޓޯރިއަމްގައި، އެކި ގޮފިތަކުގެ ކިޔެވުން އެކުއެކީގައި ކުރިއަށްދާނެއެވެ. އަދި މުބާރާތުގެ ކިޔެވުން ޕީއެސްއެމްގެ މުންނާރު ޗެނަލްއިން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ، ޤުރުއާނަށް ލޯބިޖައްސާ، ޤުރުއާނުގެ ޢިލްމަށް ޝަޢުގުވެރި މުޖުތަމަޢުއެއް ބިނާކުރުމަށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި 1033 ބައިވެރިން ބައިވެރިވެއެވެ.

މީގެތެރޭގައި ސްކޫލްތައް، އަތޮޅުތަކުގެ ކައުންސިލްތައް، ކްލަބް ޖަމިއްޔާ ޖަމާތްތައް، ކުންފުނިތައް ޤުރުއާން ކްލާސްތައް، މުވައްސަސާތައް އަދި އަމިއްލަގޮތުން ބައިވެރިވާ ބައިވެރިންނާއި ޙާފިޡުން ޤުރުއާން ކިޔަވާނެއެވެ. އެގޮތުން ބަލައިގެން ކިޔެވުމުގެ ގޮފީގައި 603 ބައިވެރިން، ނުބަލާ ކިޔެވުމުގެ ގޮފީގައި 416 ބައިވެރިން، އަދި 14 ޙާފިޡުންގެ ހުށައެޅުން އޮންނާނެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ރިސޯސް ކޯޑިނޭޓަރ ޢަލީ ވަޙީދު ވިދާޅުވީ 35 ވަނަ ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރަތް ފެށުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭގަކަމަށެވެ. އަދި މުބާރާތުގެ ކިޔެވުން އޮންނާނީ 23 ޑިސެމްބަރުން ފެށިގެން 31 ޑިސެމްބަރުގެ ނިޔަލަށެވެ.

ފުރަތަމަ 3 ދުވަހު ކުރިއަށްދާނީ މާލެ ސަރަޙައްދުން މުބާރާތުގައި ބައިވެރިވާ ބައިވެރިންގެ ކިޔެވުންކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ޤުރުއާން މުބާރާތް ކުރިއަށްދާއިރު، ސަލްމާން މިސްކިތުގެ ގޯތިތެރޭގައި 10 ސްޓޯލް ހުންނާނެއެވެ. މި ސްޓޯލްތަކުގައި ދީނީ، އަދަބީ ފޮތް ވިއްކުމާއި، ދީނީ މަޢުލޫމާތާ ޤުރުއާނުގެ ޢިލްމު އޮޅުންފިލުވަދިނުން ހިމެނެއެވެ. އަދި މުޞްޙަފު ފޯރުކޮށްދިނުމާ، ޤުރުއާނުގެ ތާރީޚްތަކާބެހޭ މަޢުލޫމާތުވެސް ފޯރުކޮށްދޭނެއެވެ. މީގެއިތުރުން ޤުރްއާނާއި، މަދަހަ ކިއުމުގެ ހުނަރު ދައްކާލުމާ، މުބާރާތަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ޓީޝާޓު ވިއްކުންވެސް ކުރިއަށްދާނެއެވެ.

މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާގައެވެ.