ޚަބަރު

ކަމަދޫ ބަނދަރުގެ އެއްގަމުތޮށީގެ މަސައްކަތް މިމަހަށް ނިންމަނީ


ބ. ކަމަދޫގައި ބަނދަރަށް އިތުރު ކުރާ ބައިގެ އެއްގަމު ތޮށީގެ މަސައްކަތް މި މަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް އުއްމީދުކުރާކަމަށް އެ ރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ. ކަމަދޫ ބަނދަރު މަރާމާތުކޮށް ބޮޑު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްގެންނެވެ.

ބަނދަރުގެ މަސައްކަތާ ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއާއި ވާހަކަދައްކަމުން ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު ވިދާޅުވީ، ބަނދަރުގެ މަސައްކަތް ދާ ހަލުވިމިނަށް ބަލާނަމަ މިމަހުގެ ތެރޭގައި އެއްގަމު ތޮށީގެ މަސައްކަތް ނިންމާލެވޭކަމަށެވެ. އެ މަސައްކަތް ކުރުމަށް ބޭނުންވާ ގަލުގެ ފަހު ޝިޕްމަންޓް މިހާރު އެރަށަށް ގެންގޮސްފައިވާކަމަށް އެމް.ޓީ.ސީ.ސީ އިން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ދަށުން ކަމަދޫގައި ކުރިން އޮތް 400 ފޫޓުގެ ބަނދަރުގެ އެއްގަމު ތޮށި ނަގާ އާތޮށްޓެއްވަނީ ލާފައެވެ. ޕެޓްރޯލާއި ފެން އެޅުމަށް ޚާއްސަކޮށްފައި އޮންނަ އިރުމަތީ ހުރަސްތޮށީގެ މަސައްކަތްވެސް ވަނީ ނިންމާލާފައެވެ.

މިހާރު އެރަށުގައި އޮތް ބަނދަރު ކުޑަވެ އެކަމަށް ހައްލު ގެނައުމުގެ ގޮތުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން އެރަށު ބަނދަރަށް 150 ފޫޓު އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގެ ދަށުން 25،404 އަކަމީޓަރުގެ ސަރަހައްދު ފުންކުރުމާއި 180 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 826 މީޓަރުގެ ރިވެޓްމަންޓްޖެހުމާއި، 346 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އޮޑިފަހަރު އަޅާ ވާ އެއްސުމަށް 70 މޫރިންގް ހަރުކޮށް ކޮޅުވެއްޓިތަކަށް ކައިރިކުރެވޭ ގޮތަށް 11 މީޓަރުގެ ރޭމްޕެއް ހަދައި 1730 އަކަމީޓަރުގެ ދުވާރު ހަދާނެއެވެ. އަދި ބަނދަރު ހިމެނޭ ސަރަހައްދުގައި 17 މަގުބައްތި ޖެހުމާއި ނެރުބައްތި ޖެހުން މި މަސައްކަތުގެ ދަށުން ކުރާނެއެވެ.

ކަމަދޫގައި ކުރިން އޮތް ބަނދަރު ކުޑަވުމުގެ ސަބަބުން ލަފާފުރުމުގެ ދަތިކަން އެރަށް އޮތީ ކުރިމަތިވެފައެވެ. އަދި މިކަމުގެ ސަބަބުން ރަށުގެ އިޤްތިޞާދަށްވެސް ނޭދެވޭ އަސަރު ކުރާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. އެއީ އެރަށަކީ ޕެޓްރޯލާ ޑީސެލް ބަނދަރު ކައިރިން ލިބޭ ރަށަކަށްވުމުން އެ ޙިދުމަތް ހޯދުމަށް އަންނަ އޮޑިދޯނިފަހަރު އެޅުމަށް ނުވަތަ މަޑުކޮށްލުމަށް ފަޅު ކުޑަވުމުން ޖާގަނުލިބޭތީއެވެ. އަދި ގެސްޓްހައުސް ވިޔަފާރި ފުޅާކޮށް ކުރުމަށްވެސް މިކަމުގެ ސަބަބުން އުނދަގޫތަކާ ކުރިމަތިވާކަމަށް ކައުންސިލުން ވިދާޅުވެއެވެ.

ކަމަދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އެމް.ޓީ.ސީ.ސީއާ ހަވާލުކުރީ 47.01 މިލިއަން ރުފިޔާއަށް 400 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.