ޚަބަރު

ފަރެސްމާތޮޑާ އެއަރޕޯޓަށް ރޭގަނޑު ފްލައިޓް ޖެއްސޭގޮތަށް ލައިޓްހަރުކޮށް، ޓެސްޓުުކޮށްފި


ފަރެސްމާތޮޑާ އެއަރޕޯޓްއަށް ރޭގަނޑު ފްލައިޓް ޖެއްސޭގޮތަށް ލައިޓްހަރުކޮށް، ޓެސްޓުުކޮށްފިއެވެ. ފަރެސްމާތޮޑާ އެއަރޕޯޓްގައި މިހާރު ކުރަމުން ދަނީ އެއަރޕޯޓް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތަކެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ކުރަނީ ރާއްޖޭގައި ޑޮމެސްޓިކް ގިނަ އެއަރޕޯޓްތައް މިހާރު ތަރައްޤީކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމް.ޓީ.ސީ.ސީންނެވެ.

މި އެއަރޕޯޓަކީ މިހާރު އެންމެ ބޮޑަށް މަސައްކަތް ނިމި، ޚިދުމަތް ފެށުމާއި އެންމެ ގާތްވެފައިވާ އެއަރޕޯޓެވެ.

އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރާ މި އެއަރޕޯޓުގެ އިމާރާތްތަކާއި ބޮޑެތި ހުރިހާ މަސައްކަތްތައް ނިމި، އެއަރޕޯޓްގައި މިހާރު ކުރަމުންދަނީ އޮޕަރޭޝަނަށް ގެނައުމަށްޓަކާ ކުރަންޖެހޭ އެންމެފަހުގެ މަސައްކަތްތަކެވެ.

މި މަޝްރޫޢުގެ ދަށުން ރަންވޭއާއި އެއަރޕޯޓްގެ ފަޔަރ ބިލްޑިންގއާއި، އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ. އަދި ޓަރމިނަލްގެ ސްޓްރަކްޗަރގެ މަސައްކަތްތައްވެސް ވަނީ ނިމިފައެވެ. މިހާރު ކުރިއަށްދަނީ ޓަރމިނަލްގެ އެތެރޭގެ މަސައްކަތެވެ.

ހުކުރު ދުވަހު ވަނީ އެއަޕޯޓްގެ އެއަރ ޓްރެފިކް ކޮންޓްރޯލް ޓަަވަރުގެ ރާޑަރާއި އަދި ރަންވޭގެ ލައިޓިން ސިސްޓަމްތައް ދިއްލާ ޓެސްޓުކޮށްފައެވެ. މި އެއަރޕޯޓް ހުޅުވާއިރުވެސް، ރޭގަނޑު އެއަރޕޯޓަށް ފްލައިޓް ޖެއްސޭނެ ވަސީލަތްތައް ޤާއިމުކޮށް ފުރިހަމަވެފައި ހުންނާނެއެވެ.

އެއަރޕޯޓްގެ ޚިދުމަތް ފެށުމަށް ބޭނުންވާ، މެޝިނަރީއާއި އިކުއިޕްމަންޓްތައް ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

މި މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީން މަޢުލޫމާތުދެއްވާގޮތުގައި އަންނަ ފެބްރުއަރީމަހު ޚިދުމަތަށް ގެނެވޭވަރަށް، ފަރެސްމާތޮޑާ އެއަރޕޯޓްގެ މަސައްކަތްތައް ނިންމުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

ފަރެސްމާތޮޑާ އެއަރޕޯޓްގައި ޤާއިމުކޮށްފައިވަނީ 1200 މީޓަރު ދިގު ރަންވޭއެކެވެ. މި މަޝްރޫޢުގެ ދަށުން ރަންވޭގެ އިތުރަށް ޓެކްސީވޭއަކާއި، އޭޕްރަންއަކާއި، ފަޔަރ ޕެޑް އަދި ފަޔަރ ރޯޑެއް ޤާއިމުކުރުމާއި، ފަޔަރ ބިލްޑިން އިމާރާތް ވަނީ ތަރައްޤީކޮށްފައެވެ.

144.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢުގެ ދަށުން އެއަރޕޯޓާއި ފަރެސްމާތޮޑާ ގުޅާލާ ކޯޒްވޭގެ މަސައްކަތްތައްވެސް މިހާރު ވަނީ ފަށާފައެވެ. މިއާއެކު އެއަރޕޯޓް ކޯޒްވޭއާއި، ކޯޒްވޭއާއި ގުޅޭ މަގުތައްވެސް ހަދާނެއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީކުރަނީ އެ ރަށު ފަޅުތެރޭ އޮތް ކުދި ރަށްތަށް ހިއްކައިގެންނެވެ. އެއަރޕޯޓްގެ ޢަމަލީ މަސައްކަތްތައް ފެށީ 2021 ވަނަ އަހަރުގެ ކުރީކޮޅުއެވެ.