ޚަބަރު

ފެހެންދޫގައި 50 ފޫޓަށްވުރެ އުސް ޢިމާރާތެއް ނޭޅޭނެ، އެއީ ރަށުގެ މަލަ ގެއްލިދާނެތީ


ބ.އަތޮޅުގައި އާބާދީގެ ގޮތުން އެންމެ މަދު ބަޔަކު ދިރިއުޅޭ ފެހެންދޫގައި ޢިމާރާތްކުރެވޭނެ އެންމެ އުސްމިނެއް ކަނޑައަޅައި ކައުންސިލުން ފާސްކޮށްފިއެވެ. އެންމެ އުސްކޮށް އެރަށުގައި ޢިމާރާތެއް އެޅޭނީ 50 ފޫޓަށެވެ.

އާބާދީ މަދުނަމަވެސް ލޯކަލް ޓޫއަރިޒަމްގައި ބ.އަތޮޅުގައި އެންމެ ކުރީގައި އޮތް އެއް ރަށަކީ ފެހެންދޫއެވެ. އެރަށް އޮންނަ ސަރަހައްދަކީ ހިތްގައިމު ސާފު ރީތި މޫދަކާ ދޮންވެލި ތުނޑިތައް އޮންނަ ސަރަހައްދެކެވެ. ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ފުޅާވާން ފެށުމާއެކު ބ.އަތޮޅުން އެންމެ ޑިމާންޑު ބޮޑުވެގެން ދިޔަ އެއްސަރަހައްދަކީ ފެހެންދޫ ހިމެނޭ ސަރަހައްދެވެ. އެއީ ގޮއިދުއާއި ފެހެންދުއާއި ފުޅަދޫއެވެ.

މީގެ ކުރިން މި ވިޔަފާރި ފުޅާކުރުމަށް އެރަށަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ލަފާ ފުރޭނެ ރަނގަޅު ބަނަދަރެއް ނެތުމެވެ. މިވިޔަފާރި އެރަށުގައި ފެށުމަށް ބޭނުންވި އެތައްބަޔަކު މުދާ ބޭލޭނެ ގޮތެއް ނެތުމުން އެކަން އޭރުނުކޮށް މަޑުޖައްސާލިއެވެ. އެހެންނަމަވެސް މިސަރުކާރުން އެރަށުގައި ތަރައްޤީ ކުރި ބަނދަރާއެކީ ރަށުގެ އިޤްތިސާދު ބާރު ދުވެލީގައި ކުރިއަރަމުންދާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. ކަންމިހެން އޮތުމާ ގުޅިގެން ރަށަށް އިންވެސްޓް ކުރުމަށް މީހުންގެ ޝައުގުވެރިކަން އުފެދެމުންދާކަމަށް ފެހެންދޫ ކައުންސިލުން ވިދާޅުވެއެވެ.

ރާއްޖޭގައި ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ފުޅާވެފައި އޮތް ގިނަ ރަށްރަށުގެ މަލަމަތިން ކުރިން ފެންނަ ހުރި ގަސްތަކުގެ ބަދަލުގައި މިހާރު ފެންނަނީ އުސް ޢިމާރާތަކެވެ. ފެހި ރީތި ގަސްތަކެއް މަލަމަތިން ފެންނަ ފެހެންދޫ ކައުންސިލާ ރައްޔިތުންގެ އޮތް ކަންބޮޑުވުމަކީ ދުރު މުސްތަޤުބަލުގައި ރަށުގެ މަލަ ގެއްލި އުސް ޢިމާރާތްތައް ފެނުމުގެ ބިރެވެ. އެހެންވެ ރަށުގެ މަލަ ގެއްލިދާނެތީ ކައުންސިލުން ނިންމީ އެރަށުގައި ޢިމާރާތެއް އެޅޭނެ އެންމެ އުސް މިނަކީ 50 ފޫޓްކަމުގައެވެ.

ފެހެންދޫ ކައުންސިލްގެ ޖަލްސާއިން މިކަން ވަނީ ފާސްކޮށް އާންމުކޮށް އަންގާ އިއުލާންވެސް ކޮށްފައެވެ. ފެހެންދޫ ކައުންސިލްގެ ނާއިބު ރައީސް އަލީ ޝައުފާން ވިދާޅުވީ ކައުންސިލުން މި ގޮތަށް ނިންމީ ގެސްޓް ހައުސްތަކާއި އާންމުގެ ގެތައް ޢިމާރާތް ކުރުމުގައި 50 ފޫޓަށްވެރެ އުސްނުކުރެވޭ ގޮތަށެވެ.

"50 ފޫޓަށް ކަނޑައެޅީމަވެސް އެބަ ނެގޭ 5 ބުރިއަށް މިހާރުވެސް އެރަށުގައި އެބަދޭ ބަޔަކު ހަދަމުން 5 ބުރީގެ ޢިމާރާތެއް. އެތަނުގައިވެސް ހުންނަނީ 48 ވަރަކަށް ފޫޓް، އެއިމާރާތް މަލަމަތިން ނުފެނޭ ކުރިއަށް އޮތްތަނުގައި މި ވިޔަފާރި ފުޅާވަމުންދާ މިނަށް ބަލާނަމަ މިއަށްވުރެވެސް އުސްވެދާނެ އިމާރާތްތައް. އެހެންވީމާ ރަށުގެ ރީތިކަން ގެއްލިގެން ގޮސްދާނެކަމުގެ ބިރު އޮތީމަ މިގޮތައް ނިންމީ" ކައުންސިލްގެ ނާއިބު ރައީސް އަލީ ޝައުފާން ވިދާޅުވިއެވެ.

މިހާރުވެސް އެރަށުގައި 46 ރޫމް ހިމެނޭގޮތައް 4 ގެސްޓްހައުސްއެއް އަންނަނީ ހިންގަމުންނެވެ. އަދި އިތުރު ދެ ގެސްޓްހައުސް އެޅުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.

އިތުރު ފާރާތްތަކުންވެސް ޝައުގުވެރިކަން ފާޅުކުރަމުންދާއިރު، ކައުންސިލުން މި ނިންމި ނިންމުމާ ގުޅިގެން މި ވިޔަފާރިއަށް އަސަރެއް ކުރާނެކަމަށް ނުބެލެވޭކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.