ޚަބަރު

ފްލައިދުބާއީގެ ދަތުރުތަކަށް އައްޑޫއިން ގިނަ ތައްޔާރީތަކެއް


ފްލައިދުބާއީ އައްޑޫސިޓީއަށް ފަށާ ސީދާ ދަތުރުތަކަށް ގިނަ ތައްޔާރީތަކެއްވަމުންދާކަމަށް އައްޑޫސިޓީގެ މޭޔަރ ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ

ފްލައިދުބާއީގެ ސީދާ ދަތުރުތައް އައްޑޫއަށް ފެށުމަށް ހަމެޖެހިފައިވަނީ އަންނަ ފެބަރުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އައްޑޫސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވީ، ދެކުނުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ދިމާވެފައިވާ އެއް ގޮންޖެހުމަކީ އައްޑޫގައި ފަތުރުވެރިކަމަށް ހުރި އެނދުތަކުގެ އަދަދު މަދުވުމެވެ. އެހެންކަމުން އެ ސިޓީގައި 8000 އެނދު ތަރައްޤީކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ. މި މަސައްކަތުގެ ތެރެއިން ފަތުރުވެރިކަމުގެ ޚާއްސަ ސަރަހައްދުތައް ކަނޑައަޅާ، އެ ބިންތަކުގައި ގެސްޓް ހައުސްއާއި، ސިޓީ ހޮޓާތައް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް މޭޔަރ ވިދާޅުވިއެވެ.

މޭޔަރ ވިދާޅުވީ، އައްޑޫސިޓީގައި ފަތުރުވެރިންނަށް ދެވެންހުރި ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްތައްވެސް ކުރަމުންދާކަމަށެވެ. އެގޮތުން، ފަތުރުވެރިންނަށް ޚާއްސަ ބީޗް ސަރަހައްދެއް އައްޑުސިޓީގައި ނެތުމުގެ މައްސަލަ ހައްލުކޮށް، ފޭދޫއާއި ހިތަދޫގައި ފަތުރުވެރިންނަށް ޚާއްސަ ބީޗު ސަރަހައްދެއް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާކަން މޭޔަރ ފާހަގަކުރެއްވިއެވެ.

މި ބީޗްތައް ތަރައްޤީކުރުމުގެ މަސައްކަތް މިމަސް ނިމުމުގެ ކުރިން ނިމޭނެކަމަށް މޭޔަރ ވިދާޅުވިއެވެ. މީގެއިތުރުން، ރެސްޓޯރެންޓްތަކާއި، ޑައިވިން ޚިދުމަތްދޭ ތަންތަން އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަމަށް މޭޔަރ ވިދާޅުވިއެވެ. އަދި ރަށުތެރެ ސާފުކުރުމާއި، އައްޑޫސިޓީގެ މަގުތަކުގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް މޭޔަރ ވިދާޅުވިއެވެ.

އައްޑޫގައި ފަތުރުވެރިންނަށް ދަތުރުފަތުރު ކުރުމުގައި ހުރި ދަތިތައް ފާހަގަކުރައްވަމުން މޭޔަރ ވިދާޅުވީ، ފަތުރުވެރިންނަށް ދަތުރުފަތުރުގެ ނިޒާމް އިތުރަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ފަތުރުވެރިންނަށް ޚާއްސަކޮށްގެން އާރް.ޓީ.އެލް ބަހުގެ ޚިދުމަތްތައް ދިނުމުގެ މަޝްވަރާވެސް ކުރަމުންދާކަމަށެވެ. އަދި އައްޑުސިޓީގައި ބަސް ސްޓޭންޑްތައް ބެހެއްޓުމާއި، ބަހުގެ ޚިދުމަތަތްތަކުގެ މަޢުލޫމާތު ފަތުރުވެރިންނަށް ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އައްޑު މޭޔަރ ވިދާޅުވިއެވެ.

މޭޔަރ ވިދާޅުވީ، އަންނަ އަހަރުވެގެން ދާނީ ދެކުނުގެ ފަތުރުވެރިކަން އައު އުސްމިންތަކަށް ގެންދެވޭނެ އަހަރެއްކަމަށެވެ. އެގޮތުން، ދެކުނުގެ ފަތުރުވެރިކަން، ދުނިޔޭގެ ފަތުރުވެރިންގެ މަޤުބޫލު މާކެޓްތަކުގައި އިޝްތިހާރުކުރުމަށް ކުރުމަށް ރާވާފައިވާކަމަށް މޭޔަރ ވިދާޅުވިއެވެ.

"ކައުންސިލުންވެސް ހުށައަޅައިގެންން މިއުޅެނީ މިހާރު އައްޑޫ ވަކި މަންޒިލެއްގެ ގޮތުގައި މާކެޓްކުރުމަށް ޑެސްޓިނޭޝަން މެނޭޖްމަންޓް އޮފީހެއް ހަދައިގެން. އޮފީހަށް ވަކި ބަޖެޓަކާއެކު، ވަކިން މަސައްކަތްކުރެވޭ ތަނެއްގެ ގޮތަށް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރަމުން" މޭޔަރ ޢަލީ ނިޒާރު ވިދާޅުވިއެވެ.

ދެކުނުގެ ފަތުރުވެރިކަން ވަކި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަށް މޯލްޑިވްސް މަރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީއާއި ގުޅިގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ފެއަރތަކުގައި އަންނަ އަހަރުން ފެށިގެން ބައިވެރިވާނެކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.

ޔޫ.އޭ.އީގެ ބަޖެޓް އެއަރލައިން ފްލައިދުބާއީން ދަނީ އަންނަ ފެބްރުއަރީމަހުގެ 4 ވަނަ ދުވަހުން ފެށިގެން އެ އެއަރލައިނުގެ ސީދާ ދަތުރުތައް އައްޑޫއަށް ފެށުމަށް ތައްޔާރުވަމުންނެވެ. މި ދަތުރުތައް ފެށުމާއެކު، ދުވާލަކު އެއްފަހަރު ދުބާއީން އައްޑޫއަށް ދަތުރުކުރާނެއެވެ. މިއާއެކު އައްޑޫސިޓީއާއި ދުނިޔޭގެ 250 މަންޒިލަކާއި އައްޑޫ ގުޅާލަދޭނެކަމަށް ކަމާބެހޭ އިދާރާތަކުން ވިދާޅުވެއެވެ.