ޚަބަރު

ދިއްފުށީގެ ހޭޅިފަށް ސަރަހައްދު ހިމާޔަތްކުރުމަށް ގަސް އިންދުމުގެ ޚާއްސަ ޕްރޮގްރާމެއް


ދިވެހިރާއްޖޭގެ ފަޅުތަކާއި ހޭޅިފަށް ހިމާޔާތްކުރުމަށް ޚާއްސަ ޕްރޮގްރާމެއް އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން، އާކް އިން "ސޭވް ޕްލެނެޓް އަރތް" އާއެކު ފަށައިފިއެވެ.

މި ޕްރޮގްރާމް ފަށާފައިވަނީ މާލެ އަތޮޅުގެ ރަށްތަކުގެ ތެރެއިން ރަށް ގިރުމުގެ މައްސަލަ އެންމެ ބޮޑަށް ފާހަގަވެފައިވާ އެއް ރަށް ކަމުގައިވާ ދިއްފުށީގެ ހޭޅިފަށް ސަރަހައްދު ހިމާޔަތް ކުރުމަށް ގަސްއިންދުމުގެ ޚާއްސަ ޕްރޮގްރާމަކާއެކުގައެވެ.

މި ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައިވަނީ ތިމާވެށީ ހިމާޔަތްކުރުމަށް ވަކާލާތުކުރާ މޫދު ބުޅާ ޑައިވް ސެންޓަރ، އަލޯހާ އުފާ، ބީޗް ކަލްބް، ކްލަބް ކާފު، އެސްޑީއެމް ފާރމިންގް އަދި ދިއްފުށީ ކައުންސިލްގެ އިދާރާ އާއި ގުޅިގެންނެވެ.

މި ޕްރޮގްރާމްގެ ތެރެއިން ދިއްފުށި ސްކޫލުގެ އެލް.ކޭ.ޖީއިން ފެށިގެން ގްރޭޑް 10 ގައި ތަޢުލީމު ހާސިލުކުރަމުންދާ ކޮންމެ ދަރިވަރަކަށް ގަހެއް އިންދުމުގެ ފުރުޞަތު ފަހިކޮށްދީފައިވެއެވެ.

މިގޮތުން 280 އަށްވުރެ ގިނަ ދަރިވަރުން ރާއްޖޭގައި އާންމުކޮށް ހޭޅިފަށުގައި ހެދޭ ގަސްތަކުގެ ތެރެއިން ކުރެދި، މަގޫ، ކާނި، ހިރުނދު، ބޯށި އަދި ދިވެހި ރުއް ހިމެނޭ ގޮތަށް 300 ގަސް ސްކޫލުގެ ކުރިމަތީގައިވާ ހޭޅިފަށް ސަރަހައްދުގައި އިންދާފައިވާކަމަށް އާކް އިން ބުނެއެވެ.

މި ހަރަކާތުގެ ތެރެއިން ހޭޅިފަށުގައި ގިނަ އަދަދަކަށް މިފަދަ ގަސްތަކާއި ރުއް އިންދުމުގެ ސަބަބުން، ގަދަ ވައިންނާއި އުދައެރުންފަދަ ގުދުރަތީ ކާރިސާތަކުން ރަށް ގިރާ ސަރަހައްދު ހިމާޔަތްކޮށްދޭގޮތުގެ މަޢުލޫމާތު ދަރިވަރުންނަށް ވަނީ ފޯރުކޮށްދީފައެވެ. އަދި ހޭޅިފަށުގައި ހެދޭ ގަސްތަކުގެ އޮށްތަކާއި، އޮޔާ ލައްގާ މޫދު ވިނަ ފަދަ ގުދުރަތީ ތަކެތި ހޭޅިފަށުގައި ބެހެއްޓުމުގެ މުހިންމުކަންވެސް ދަރިވަރުންނާއި ހިއްސާކުރެވުނެވެ.

މީގެ އިތުރުން، ތިމާވެއްޓަށް އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް މައްސަލަކަމުގައިވާ ޕްލާސްޓިކް ޕޮލިއުޝަންއާ ގުޅޭގޮތުން ހޭލުންތެރިކުރުވުމަށް މައިކްރޯ ޕްލާސްޓިކް އަދި 'ނަރޑަލް ހަންޓް' ގެ ހަރަކާތެއް ކުރިއަށް ގެންގޮސް، 5 މިލިމީޓަރަށްވުރެ ކުދިކޮށް ހިމުންވެފައިވާ ޕްލާސްޓިކް ގޮނޑުދޮށުން ހޮވަން ދަސްކޮށްދީފައިވެއެވެ.

3 ދުވަހަށް ކުރިއަށް ދިޔަ މި ހަރަކާތްތަކުގައި ގްރޭޑް 6-10ގެ ދަރިވަރުންނަށް އަމާޒުކޮށްގެން "އޯޝަން އެވެއާނަސް" ޕްރޮގްރާމެއްވެސް ވަނީ ހިންގާފައިވެއެވެ.

މި ޕްރޮގަރާމުގައި ފަރުތަކާއި ފަޅުތައް ހިމާޔަތްކުރުމުގެ މުހިންމުކަމުގެ މަޢުލޫމާތު ދަރިވަރުންނާއި ހިއްސާކޮށް، ފަރުތައް ބަލާލުމަށާއި، ފީނުމާއި ސްނޯކަލްކުރުމުގެ އިތުރުން، ކަމަށް ޝައުގުވެރިވާ ކުދިން "ޑިސްކަވަރ ޑައިވް" ޕްރޮގްރާމް މެދުވެރިކޮށް ޑައިވިންގއަށް ތަޢާރަފްކުރުމަށް ޚާއްސަ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

ހަމައެއާއެކު، ކުދިންގެ މެދުގައި މޫދަށް އިތުރަށް ލޯބި ޖެއްސުމުގެ މަޤުޞަދުގައި، މިދާއިރާގައި މަސައްކަތްކުރުމަށް ރާއްޖޭގައި ހުންނަ ގިނަ ފުރުޞަތުތަކުގެ މަޢޫލޫމާތު ހިއްސާކޮށް، "ސްޓޭންޑް އަޕް ޕެޑަލް" ބޯޑިންގް އަދި ސެއިލިންގ ފަދަ ތަފާތު މޫދު ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުޞަތުވެސް ދަރިވަރުންނަށް ފަހިކޮށްދީފައިވެއެވެ.