ޚަބަރު

އާރްޓީއެލް ޅ.އަތޮޅުގެ ދަތުރުތަކުން އަގު ނަގަން ފަށައިފި


ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރް.ޓީ.އެލްގެ ޚިދުމަތް ޒޯން 2 ގައި ހިމެނޭ ޅ. އަތޮޅުގައި އަގުނަގައިގެން ދޭން ފަށައިފިއެވެ. ޅ. އަތޮޅުގައި އާރް.ޓީ.އެލް ފެރީގެ ޚިދުމަތުގެ ދަތުރުތައް 3 ރޫޓަކުން ކުރުމަށް އެމް.ޓީ.ސީ.ސީން ވަނީ ނިންމާފައެވެ.

އާރް.ޓީ.އެލްގެ ޚިދުމަތް ޒޯން 2 ގައި ހިމެނޭ ޅ. އަތޮޅަށް ފެށުމަށްޓަކާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ސްޕީޑް ފެރީތައް އެއަތޮޅަށް ފޮނުވާފައިވަނީ މިދިޔަމަހުގެ 16 ވަނަ ދުވަހުއެވެ. އަދި ނޮވެމްބަރު 17 އިން 20 އަށް އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ ފެރީތަކުގެ ޓެކްނިކަލް ޓެސްޓު ދަތުރުތަކެކެވެ.

މި ދަތުރުތަކަށްފަހު، އާއްމުން މި ޚިދުމަތަށް އަހުލުވެރިކުރުމުގެ ގޮތުން ހިލޭ ދަތުރުކުރުމުގެ ފުރުޞަތު ހުޅުވާލީ މިދިޔަމަހުގެ 21 ވަނަ ދުވަހުއެވެ. ކުރިން ހަމަޖައްސާފައިވަނީ މިދިޔަމަހުގެ 27 އާއި ހަމައަށް މި ދަތުރުތައް ކުރިއަށްގެންދިއުމަށެވެ. އަދި ނޮވެމްބަރު 28 އިން ފެށިގެން އަގު ނަގާގޮތަށެވެ. ނަމަވެސް އެ މުއްދަތު ފަހުން ޕްލޭނިންގ މިނިސްޓްރީން ވަނީ އިތުރުކޮށްދީފައެވެ. މި ޚިދުމަތުން އަގު ނަގަން ފަށާފައި މިވަނީ ހިލޭ ދަތުރުކުރުގެ ފުރުޞަތު ގާތްގަނޑަކަށް 3 ހަފްތާއަށް ދިނުމަށްފަހުއެވެ.


ޅ. އަތޮޅުގައި އާރް.ޓީ.އެލްގެ ޚިދުމަތަށް 2 ފެރީއެއް ބޭނުންކުރާއިރު، އަތޮޅުގެ 6 ރަށަކަށް މި ދަތުރުތައް ކުރާނެއެވެ.

އެގޮތުން ޅ. އަތޮޅުގައި 3 ރޫޓަކުން މި ދަތުރުތައް އެމް.ޓީ.ސީ.ސީން ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. ރޫޓް R1C1 ގެ ދަތުރުތައް އޮޅުވެލިފުށި، ކުރެންދޫ، ފެލިވަރު، މަޑިވަރު އަދި ނައިފަރަށް ކުރާނެއެވެ. R1C2 ރޫޓުގެ ތެރެއިން ހިންނަވަރު، ފެލިވަރު، މަޑިވަރު، އަދި ނައިފަރަށް ދަތުރުކުރާނެއެވެ. އަދި R1C3 ގެ ދަތުރުތައް ނައިފަރު، ކުރެންދޫ އަދި އޮޅުވެލިފުއްޓަށް ކުރާނެއެވެ.

އެމް.ޓީ.ސީ.ސީން ވިދާޅުވީ، ހިލޭ މި ދަތުރުތައް ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ މައިގަނޑު މަޤުޞަދަކީ އާއްމުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށް، މި ޚިދުމަތް ރަނގަޅަށް ތަޖުރިބާކޮށްދިނުމުގެ ފުރުޞަތު އާއްމުންނަށް ދިނުންކަމަށެވެ. އަދި އާއްމުންގެ ޚިޔާލާ އެއްގޮތަށް ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތް ހަރުދަނާކޮށްދިނުމަށްކަމަށެވެ. ދަތުރުތައް ހިލޭ ކޮށްދޭ މުއްދަތުގައި، އެރަށެއްގެ ރަށު ކައުންސިލު މެދުވެރިކޮށް ފެރީން ޖާގަ ހޯދޭނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ރަސްމީކޮށް އަގު ނަގައިގެން ދަތުރުތައް ފެށުމާއެކު، ކައުންސިލް މެދުވެރިކޮށް ފެރީގެ ޖާގަ ދޫކުރުން ހުއްޓާލެވޭނެއެވެ. އަދި އާރް.ޓީ.އެލްގެ ވެބްސައިޓް އަދި ޓްރެވަލް އެޕް ޓިކެޓް ގަތުމަށް ބޭނުންކުރެވޭނެކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ. ޅ. އަތޮޅުގައި އާރް.ޓީ.އެލްގެ ފެރީ ޚިދުމަތުގެ އަގުތައް އުޅެނީ 35 ރުފިޔާއާއި 125 ރުފިޔާއާއި ދެމެދުގައެވެ.

އެމް.ޓީ.ސީ.ސީން އާރް.ޓީ.އެލް ފެރީގެ ޚިދުމަތް ޒޯން އެކެއްގެ ހއ، ހދ އަދި ށ. އަތޮޅުގައި މިހާރު ފޯރުކޮށްދެމުން އަންނައިރު، މި ޚިދުމަތް ވެފައިވަނީ އާއްމުންގެ އިތުބާރާއި ލޯބި ލިބިފައިވާ ޚިދުމަތަކަށެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް އާރް.ޓީ.އެލްގެ ފެރީ ޚިދުމަތް އެކި ސަރަހައްދުތަކަށް ފުޅާކޮށް، ހަރުދަނާ ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމެވެ.