ޚަބަރު

އައްޑޫސިޓީ ހިތަދޫ އިސްލާމިކް ސެންޓަރުގެ މަސައްކަތް ބީލަމަށް


އައްޑޫސިޓީ ހިތަދޫގައި ސަރުކާރުން ތަރައްޤީކުރުމަށް ނިންމާފައިވާ އިސްލާމިކް ސެންޓަރުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ، މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންކަން ކުރިއަށްގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުޞޫލުގެ މަތިން ކަމަށެވެ.

ބީލަން ކުރިއަށްގެންދިއުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދާއި، ނޭޝަނަލް ޓެންޑަރުން ކުރިއަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑްކުރެވޭނެ އަދަދު ކަނޑައަޅާނެގޮތުގެ އުޞޫލާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީއަށް ބެލޭނެކަމަށެވެ.

މި މަސައްކަތް ކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެގޮތުގައި 235،000 (ދެލައްކަ ތިރީސް ފަސް ހާސް) ރުފިޔާ ހުށަހަޅަންޖެހޭނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. މި ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއްވެސް ދައްކަންކެޖެހޭނެއެވެ. ބިޑް ހުޅުވުން އޮންނާނީ މިމަހުގެ 22 ވަނަ ދުވަހުކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

އައްޑޫސިޓީ ހިތަދޫގައި އިސްލާމިކް ސެންޓަރެއް އެޅުމަށް ބީލަމަށް ހުޅުވާލާފައިވާއިރު، އަންނަ އަހަރުގެ ބަޖެޓުގައި މި މަޝްރޫޢަށް 5.2 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. ހިތަދޫގައި އިސްލާމިކް ސެންޓަރެއް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގެ 5 ސަރަހައްދެއްގައި މިފަދަ މަރުކަޒުތައް ތަރައްޤީކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މި ސެންޓަރުތައް ތަރައްޤީކުރެވިގެންދާނީ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާނެ ވަޞީލަތްތަކާއެކުކަމަށް އިސްލާމިކް މިނިސްޓްރީން މީގެކުރިން ވިދާޅުވެފައިވެއެވެ.