ޚަބަރު

ހއ. ދިއްދޫ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން 19 މަގެއްގައި ތާރުއަޅަނީ


ހއ. ދިއްދޫ މަގުތައް ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފަށައިފިއެވެ. ސަރުކާރުން މި މަސައްކަތް ކުރަމުންދަނީ ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އާރް.ޑީ.ސީއާއި ޙަވާލުކޮށްގެންނެވެ.

ހއ. ދިއްދޫ މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިނިސްޓްރީން އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އާރް.ޑީ.ސީއާއި ޙަވާލުކޮށްފައިވަނީ މިއަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ. މި މަޝްރޫޢުގެ ދަށުން ދިއްދޫގެ 5.4 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށް ހަމަޖެހިފައިވެއެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާއިރު، މި ވަގުތު ކުރިއަށްދަނީ، އެރަށު ޣާޒީމަގުގައި ކޭބަލް ޖަންކްޝަން އެޅުމާއި ހޮޅި ވަޅުލުމުގެ މަސައްކަތްކަމަށް އާރް.ޑީ.ސީން ވިދާޅުވެއެވެ. ޣާޒީ މަގަކީ އެރަށުގެ ވަށައިގެން އޮންނަ ބޭރު މަގެވެ. މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ގިނަ ސާމާނުވެސް އާރް.ޑީ.ސީން ވަނީ ދިއްދޫއަށް ގެންގޮސްފައެވެ.

ދިއްދޫ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން އެ ރަށުގެ ޖުމްލަ 19 މަގެއްގައި ތާރު އަޅައިގެން ތަރައްޤީކުރާނެއެވެ. މީގެ ތެރޭގައި ރަށުގެ ބަނދަރު މަގުން ފެށިގެން، މައި މަގުތަކާއި، އަލަށް ހިއްކި ސަރަޙައްދުގެ މަގުތައްވެސް ހިމެނޭކަމަށް ދިއްދޫ ކައުންސިލުން ވިދާޅުވެއެވެ.

ކުރީ ސަރުކާރުންވެސް ދިއްދޫ މަގުތައް ތާރު އަޅައިގެން ތަރައްޤީކުރުމުގެ މަޝްރޫޢެއް ކުރިއަށްގެންގޮސްފައިވެއެވެ. އެ މަސައްކަތް އޭރު ކުރިއަށްގެންގޮސްފައިވަނީ މޯލްޑިވްސް ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން، އެމް.އާރު.ޑީ.ސީއާއި ޙަވާލުކޮށްގެންނެވެ.

ފުރަތަމަ ފިޔަވަހީގެ ދަށުން ދިއްދޫގެ 14 މަގެއް ތާރުއަޅައިގެން ތަރައްޤީކޮށްފައިވެއެވެ. ނަމަވެސް އެ މަސައްކަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން ބައެއް މަގުތައް މަރާމާތުކުރަން ޖެހޭ ޙާލަތަށް ގޮސްފައިވާކަމަށާއި، ތަފާތު މައްސަލަތައް ވަކިން ޚާއްސަކޮށް ރަށުގެ ނަރުދަމާ ނިޒާމަށް ކުރިމަތިވެފައިވާކަން ދިއްދޫ ކައުންސިލުން ފާހަގަކުރައްވައެވެ.

މިފަހަރުގެ މަޝްރޫޢަކީ މިފަދަ ކަންކަން ތަކުރާރުނުވާނެހެން ރަށުގެ ކައުންސިލާއި ރައްޔިތުންގެ މަޝްވަރާއާއެކު ކުރިއަށްގެންދާ މަޝްރޫޢެއްކަމަށް ދިއްދޫ ކައުންސިލުން ވިދާޅުވެއެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން ދިއްދޫގެ 5.4 ކިލޯމީޓަރު މަގުގައި ތާރު އެޅުމާއި، މަގުތަކުގައި ފެން ހިންދާ ނިޒާމް ޤާއިމްކުރުމާއި، މަގުތަކުގައި މަގުބައްތި ޖެހުމުގެ މަސައްކަތް އާރް.ޑީ.ސީން ކުރާނެއެވެ.

4700 އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ދިއްދޫއަކީ ހއ. އަތޮޅުގެ ވެރިކަން ކުރާ ރަށަށްވެފައި، ދުވާލެއްގެ މައްޗަށް އެކި ބޭނުންތަކުގައި ގިނަ ބަޔަކު އަރާފައިބާ ރަށެކެވެ. އެހެންކަމުން ރަށުގެ މަގުތައް ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުން ވެގެންދާނީ، ރަށުގެ ރައްޔިތުންގެ އިތުރުން ރަށަށް އަރާފައިބާ ފަރާތްތަކަށްވެސް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމެއްކަމަށް ދިއްދޫ ކައުންސިލުން ވިދާޅުވެއެވެ.

ދިއްދޫ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް އާރް.ޑީ.ސީއާއި ސަރުކާރުން ޙަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫޢަށް ގާތްގަނޑަކަށް 108 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.