ޚަބަރު

އައު ޕަސެންޖަރ ޓާރމިނަލުގެ މަސައްކަތް ނުހުއްޓޭ: މިޢްވާން


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު އިންޓަރނޭޝަނަލް ޕަސެންޖަރ ޓާރމިނަލުގެ މަސައްކަތް ނުހުއްޓިކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިޢްވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ރާއްޖެ ހިމެނޭ ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން އެންމެ ބާރުބޮޑު އެއް އެއަރޕޯޓެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ ތެރެއިން އައު ޓަރމިނަލްގެ މަސައްކަތް ސަޢޫދީ އަރަބިއްޔާގެ، ސަޢުދީ ބިންލާދިން ގްރޫޕާއި ހަވާލުކޮށްފައިވަނީ 2016 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހުއެވެ.

މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެކުންފުނިން ފަށާފައިވަނީ 2017 ވަނަ އަހަރުގެ މެދުތެރޭގައެވެ. އިމާރާތް ޑިޒައިންކުރުމުގައި ޓެކްނިކަލް ގޮތުން ދިމާވި އެކި ކަހަލަ ގޮންޖެހުންތަކާއި، ޕްރޮޖެކްޓަށް ފައިނޭންސް ކުރުމުގައި ދިމާވި މައްސަލަތަކެއްގެ ސަބަބުން މި މަޝްރޫޢުގެ މަސައްކަތް ވަރަށް ބޮޑަށް މަޑުޖެހިގެންދިޔައެވެ. ނަމަވެސް އެކަންކަން ޙައްލުކޮށް މި މަޝްރޫޢުގެ ޑިޒައިނަށް ބައެއް ބަދަލުތައް ގެނެސް އަލުން މަސައްކަތްތައް ފަށާފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.

ވީ.އައި.އޭގެ އައު އިންޓަރނޭޝަނަލް ޕަސެންޖަރ ޓަރމިނަލުގެ މަސައްކަތް މަޑުޖެހިފައިވާކަމަށް ދެކެވޭ ވާހަތަކާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބަައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާން މިޢްވާން މުޙައްމަދު ވިދާޅުވީ، އައު ޓަރމިނަލުގެ މަސައްކަތް ނުހުއްޓޭކަމަށެވެ.

މުޅި މަޝްރޫޢަށް ބަލާއިރު ގާތްގަނޑަކަށް 35 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް މިޢްވާން ވިދާޅުވިއެވެ.

"ޕަސެންޖަރ ޓަރމިނަލުގެ މަސައްކަތް ހަމައެބަ ކުރިއަށްދޭ. ޕަސެންޖަރ ޓަރމިނަލުގެ މަސައްކަތުގެ %35 މިވަނީ ނިމިފައި. ފަސާޑުގެ މަސައްކަތް މިމަހުގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައި. ރޫފިންގގެ މަސައްކަތް ހިނގަމުން އެބަދޭ. ކުރިން ހަދާފައިވާ ޑިޒައިނުގައި ހުރި މައްސަލަތައް ޙައްލުކޮށް ކޮންޓްރެކްޓަރާއެކީ އެކަމުގައި އެއްބަސްވުމަކަށް އާދެވި، އެ މަސައްކަތް ކުރިއަށްއެބަދޭ" މިޢްވާން ވިދާޅުވިއެވެ.

ވީ.އައި.އޭގައި މިހާރު ބޭނުންކުރާ އިންޓަރނޭޝަނަލް ޓަރމިނަލަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓާރމިނަލެކެވެ. އެހެންނަމަވެސް އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު އަލަށް ތަރައްޤީކުރާ ޓަރމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރާ ޓަރމިނަލެކެވެ. މި ޓަރމިނަލަކީ 78 ހާސް އަކަ މީޓަރުގެ ޖާގައިގެ ޓަރމިނަލެކެވެ.

އައު ފަސިންޖަރ ޓާރމިނަލް ތަރައްޤީކުރެވިގެންދާނީ އެންމެފަހުގެ ޒަމާނީ ވަޞީލަތްތަކާއެކުއެވެ. އެގޮތުން އެއިރޯ ބޯޑިން ބްރިޖްތަކާއި، އެންމެ ފަހުގެ ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމްތައް މިތަނުގައި ހުންނާނެއެވެ. އައު ޓާރމިނަލް އިމާރާތުގެ ސަބަބުން މިހާރު ހުރި ޓަރމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ފިލުވައިދީ، "އެފް އެންޑް ބީ"ގެ ގިނަ އައުޓްލެޓްތަކާއި، ރީޓެއިލް ސްޕޭސްތަކާއި، ލައުންޖްތަކާއި އެހެނިހެން ޚިދުމަތްތައް މިތަނުގައި ޤާއިމުކުރެވިގެންދާނެއެވެ.