ޚަބަރު

7 ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލު ޢިމާރާތްކުރުން ބީލަމަށް


7 ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލް ޢިމާރާތްކޮށްދޭނެ ބަޔަކު ހޯދުމަށް ބިޑް ހުށަހެޅުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ހުޅުވާލައިފިއެވެ. މިއީ ކުވެއިތް ފަންޑް ފޯރ ޢަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭ.އެފް.އޭ.އީ.ޑީ)ގެ އެހީގެ ދަށުން ސްޓްރެންތެނިންގ އޮފް ހެލްތް ސެކްޓަރ ޕްރޮޖެކްޓުގެ ތެރެއިން ތަރައްޤީކުރާ ހޮސްޕިޓަލްތަކެކެވެ.

30 އެނދުގެ ހޮސްޕިޓަލް އިމާރާތްކުރުމަށް ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލާފައިވާ 7 ރަށަކީ ހދ. ހަނިމާދޫއާއި، ށ. މިލަންދޫއާއި، ނ. ވެލިދޫއާއި، ކ. ތުލުސްދޫއާއި، އދ. މާމިގިއްޔާއި، ވ. ފެލިދޫގެ އިތުރުން ތ. ވިލުފުށްޓެވެ. މިއިން ކޮންމެ ރަށެއްގެ ހޮސްޕިޓަލު ޢިމާރާތްކުރުމުގެ މަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 35،000 އެމެރިކާ ޑޮލަރު ހުށަހަޅަންޖެހެއެވެ. އެއީ 539،700 (ފަސްލައްކަ ތިރީސް ނުވަ ހާސް ހަތް ސަތޭކަ) ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ، މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންކަން ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުޞޫލުން ކަމަށެވެ. އަދި މިކަމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ކުރާ ފަރާތްތަކުގެ ޤަވާއިދާއި، މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޑިވެލޮޕްމަންޓުގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީއަށް ބެލޭނެކަމަށެވެ.

މި ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ. މި މަޝްރޫޢުތަކުގެ ބިޑް ހުޅުވުން އޮންނާނީ އަންނަ ޖެނުއަރީމަހުގެ 2 ވަނަ ދުވަހެވެ.

މި 7 ހޮސްޕިޓަލުގެ މަސައްކަތަށް ކުވައިތު ފަންޑުން ލިބެންޖެހޭ އެހީ ލިބިފައިވާކަން ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް މީގެކުރިން ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށްޓަކާ ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހެލްތު މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 4 އަހަރުގެ ތެރޭގައި ޞިއްޙީ ދާއިރާގައި ހިމެނޭ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ ތެރެއިން 21 މަޝްރޫޢެއް ވަނީ ނިމިފައެވެ. މީގެ ތެރޭގައި ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުގެ ޖާގަ އިތުރުކުރުމަށް ހިންގި މަޝްރޫޢުތައް ހިމެނެއެވެ. އަދި މިވަގުތުވެސް 32 މަޝްރޫޢެއްގެ މަސައްކަތް ކުރަމުންދާއިރު، ޓެންޑަރ މަރުހަލާގައި 25 މަޝްރޫޢެއް ހިމެނޭކަމަށް ހެލްތު މިނިސްޓްރީ ވިދާޅުވިއެވެ.

ޞިއްޙީ ދާއިރާގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް ކުރާ މަސައްކަތުގެ ދަށުން އަންނަ އަހަރުގެ ބަޖެޓުގައިވެސް އެކި ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލުގެ އައު ޢިމާރާތް އެޅުމަށް 551 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.