ޚަބަރު

އަމީނީމަގު ދެވަނަ ސެގްމަންޓުގެ މަސައްކަތް ފަށައިފި


އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން ދެވަނަ ސެގްމަންޓުގެ މަސައްކަތް، ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އާރް.ޑީ.ސީން ފަށައިފިއެވެ.

މާލޭގެ ހުރިހާ އަވަށްތަކެއް ގުޅުވައިދޭ މައި އެއް މަގުކަމަށްވާ އަމީނީމަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ.

އެގޮތުން ފުރަތަމަ ސެގްމަންޓުގެ ޢަމަލީ މަސައްކަތް އާރް.ޑީ.ސީން ފަށާފައިވަނީ ސެޕްޓެމްބަރުމަހުގެ 12 ވަނަ ދުވަހުއެވެ. މި ސެގްމަންޓުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ ހޭންވާރު ސަރަޙައްދުން ބޮޑުތަކުރުފާނުމަގާއި އަމީނީމަގު ގުޅޭ ހިސާބުން ފެށިގެން އިރުދޭމާ ހިނގުމާއި ހަމައަށެވެ. އެއީ ގާތްގަނޑަކަށް 105 މީޓަރުގެ ސަރަޙައްދެކެވެ.

މި މަޝްރޫޢުގެ ދަށުން އަމީނީމަގުގެ ފުރަތަމަ ސެގްމަންޓުގައި މަގުގެ ދެފަރާތުގައި ޖެހުމަށް ބޭނުންވާ ކާބްސްޓޯން އެޅުމުގެ މަސައްކަތާއި ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ އިތުރުން ކޭބަލްޓްރޭ އެޅުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި ސްޓޯމް ވޯޓަރ ސިސްޓަމް ޤާއިމުކޮށް، ތާރުއެޅުމުގެ ކުރިން ވާންޖެހޭ ހުރިހާ ތާއްޔާރީތަކެއް އާރް.ޑީ.ސީގެ ފަރާތުން ވަނީ ވެފައެވެ.

އަމީނީމަގުގެ ދެވަނަ ސެގްމަންޓުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އިރުދޭމާ ހިނގުމާ އަމީނީމަގު ގުޅޭ ކަންމަތިން ފެށިގެން ކަލާފާނު ހިނގުމާ އަމީނީމަގު ގުޅޭ ކަންމައްޗާއި ހިސާބަށެވެ. އެއީ ގާތްގަނޑަކަށް 136 މީޓަރުގެ ސަރަޙައްދެކެވެ. މި ސެގްމަންޓުގެ މަސައްކަތް ފެށުމުގެގޮތުން އެ ސަރަޙައްދުގެ ގާތައް ނެގުމުގެ މަސައްކަތް އާރް.ޑީ.ސީން އަންނަނީ ކުރަމުންނެވެ. އަދި އެއަށްފަހު އެ ސަރަޙައްދު ކޮނެ، ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް އެކުންފުނިން ކުރިއަށްގެންދާނެއެވެ.

އާރް.ޑީ.ސީއިން ވިދާޅުވީ، މަގުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ތާރުއެޅުން ފިޔަވާ، ކޮންމެ ސެގްމަންޓެއްގެ މަސައްކަތް ނިމުމުން އެސަރަޙައްދެއްގެ ވެލިގަނޑު ލެވެލްކޮށް ޢާއްމުނަށް ހުޅުވާލާގޮތަށްކަމަށެވެ. އަދި ތާރު އަޅާނީ ބިލަބޮންގ ހިސާބަށް ހުރިހާ މަސައްކަތެއް ނިންމުމަށްފަހުކަމަށް އާރްޑީސީއިން ވިދާޅުވެއެވެ.

އަމީނީ މަގުގައި އެކިދުވަސްވަރު އަޅާފައިވާ ކޭބަލްތަކާއި ހޮޅިތައް ހުރިގޮތް މިހާރު އެނގިފައިވާކަމަށާއި ފުރަތަމަ ސެގްމަންޓްގެ މަސައްކަތްކުރިއިރު ގިނަ ތަޖުރިބާތަކެއް ލިބިފައިވާކަމަށް އާރްޑީސީއިން ވިދާޅުވެއެވެ. އެހެންކަމުން މިހާރު މަސައްކަތްކުރިއަށްގެންދަންވީ ގޮތް އެނގި ކުރިއަށް އޮތްތަނުގައި މަސައްކަތުގެ ސްޕީޑު އަވަސްވާނެކަމަށް އާރް.ޑީ.ސީއިން ވިދާޅުވެއެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުޅި މި މަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގު ހިމެނެއެވެ. މި މަސައްކަތް ސަރުކާރުން އާރް.ޑީ.ސީއާއި ޙަވާލުކޮށްފައިވަނީ 7 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫޢުގެ އަގު 84 މިލިއަން ރުފިޔާއަށް އަރައެވެ.