ޚަބަރު

މ. މުލިން 135 ގޯތި ދޫކުރަނީ


މ. މުލިން 135 ގޯއްޗަށް ކުރިމަތިލާން އެ ރަށުގެ ކައުންސިލުން ހުޅުވާލައިފިއެވެ. މުލިން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ 2 ކެޓެގަރީއަކަށް ބަހާލައިގެންނެވެ.

މުލީ ކައުންސިލުން ވިދާޅުވީ، އެރަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގަބުރުސްތާނުގެ ދެކުނުން 5 ގޯއްޗާއި، ރަށުގެ އިރުވައިފަރާތު ބިމުން 130 ގޯއްޗާއެކު މުޅި ޖުމްލަ 2000 އަކަފޫޓުގެ 135 ގޯތިކަމަށެވެ.

މި 135 ގޯތީގެ ތެރެއިން 125 ގޯތި ޚާއްސަކޮށްފައިވަނީ މުލީގެ ރައްޔިތުން ނުވަތަ މުލީގައި ދިރިއުޅޭ ރައްޔިތުންނަށެވެ. ބާކީ 10 ގޯތި ޚާއްސަކޮށްފައިވަނީ ރަށުގެ އާބާދީ އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން އެރަށަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށެވެ.

މުލިން ގޯތި ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާފައިވާއިރު، "މުލިން ދިރިއުޅުމަށްޓަކާ ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު" ކައުންސިލުގެ ފަރާތުން ވަނީ އާއްމުކޮށްފައެވެ. މި އުޞޫލުގައިވާގޮތުން ގޯތި ދިނުމުގެ މަސައްކަތް ވިލަރެސްކޮށް ގޯތިލިބޭ މީހުން ކަނޑައެޅުމަށްޓަކާ މަދުވެގެން 5 މެންބަރުންގެ ވަގުތީ ކޮމެޓީއެއް ކައުންސިލްގެ ބެލުމުގެ ދަށުން އެކުލަވާލަންޖެހޭނެއެވެ.

ގޯއްޗަށް އެދޭ ފަރާތުގެ ހުންނަންޖެހޭނެ ޝަރުތުތަކުގެ ގޮތުގައި އުޞޫލުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި ދިވެހި ރައްޔިތެއް ކަމުގައިވާންޖެހޭނެކަމަށާއި، 18 އަހަރު ފުރިފައިވާ ފަަރާތަކަށް ވާންޖެހޭނެއެވެ. އަދި ގޯއްޗަށް އެދި ހުށަހަޅާ ފަރާތަށް ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ނުވަތަ ލިބިފައިނުވުން ހިމެނެއެވެ. ހަމައެހެންމެ އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން ބައެއް ލިބިފައިނެތުން ނުވަތަ ލިބިފައިވާ މިފަދަ ބައެއް މި އުޞޫލުގައިވާގޮތުން ދޫކޮށްލަންޖެހޭނެއެވެ.

މީގެ އިތުރުން ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް ނުވަތަ އެއްމެދު އިމާރާތެއް ނުވަތަ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ނުވަތަ އެފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ އެތަން ދޫކޮށްލާ ނުވަތަ ވިއްކާލާފައިވާތާ 2 އަހަރަށްވުރެ ގިނަ ދުވަސްވެފައިވުންވެސް މި އުޞޫލުގައި ހިމެނެއެވެ. އަދި ޕޮއިންޓް ލިބޭނެ ބައިތަކާއި، ޕޮއިންޓް ލިބޭ ބައިތަކަށް ރިއާޔަތްކުރާނެގޮތުގެ ތަފްޞީލުވެސް މި އުޞޫލުގައި ހިމަނާފައިވެއެވެ.

މުލިން ގޯތިބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާފައިވާއިރު، ފޯމު ބަލައިގަތުން މިމަހުގެ 4 ފެށިގެން 12 ޖެނުއަރީ 2023 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 9 އިން މެންދުރު 2 އަކަށް ކައުންސިލް އިދާރާގައި ކުރިއަށްދާނެކަމަށް މުލީ ކައުންސިލުން ވިދާޅުވެއެވެ.