ޚަބަރު

ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލުގެ ގްލޯބަލް ސަމިޓުގައި ރާއްޖެއިން ބައިވެރިވެއްޖެ


ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލް (ޑަބްލިއު.ޓީ.ޓީ.ސީ)ގެ ގްލޯބަލް ސަމިޓުގައި ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީން ބައިވެރިވެއްޖެއެވެ.

މި ސަމިޓު ކުރިއަށްގެންގޮސްފައިވަނީ ސަޢުދީ ޢަރަބިއްޔާގެ ވެރިރަށް ރިޢާޟުގައި މިދިޔަމަހުގެ 28 އިން 30 ގެ ނިޔަލަށެވެ.

މި ސަމިޓުގެ ފުރަތަމަ ދުވަހު ބާއްވާފައިވާ "ގްލޯބަލް ލީޑަރސް ޑައިލޮގް"ގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ޓޫރިޒަމް ދާއިރާގެ ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ޑައިލޮގް ފެއްޓެވުމުގެގޮތުން ސަޢުދީ ޢަރަބިއްޔާގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަލް ޚަތީބާއި، ޑަބްލިއު.ޓީ.ޓީ.ސީ ކައުންސިލުގެ ސީ.އީ.އޯ އަދި ރައީސް ޖޫލިއަރ ސިންޕްސަންގެ އިތުރުން ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ ސެކްރެޓަރީ ޖެނެރަލް ޒުރާބް ޕޮލޮލިކަޝްވިލީ ވާހަކަފުޅުދެއްކެވިއެވެ. މި ޑައިލޮގްގައި ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް ބައިވެރިވެވަޑައިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތާގުޅޭ މަޢުލޫމާތު ޙިއްސާކުރެއްވިއެވެ.

"ގްލޯބަލް ސަމިޓް 2022" ކުރިއަށްގެންގޮސްފައިވަނީ މަޝްވަރާ ބައްދަލުވުންތަކާއި، ތަޤްރީރުތަކާއި، ޕެނަލް މަޝްވަރާތައް ހިމެނޭގޮތަށެވެ. މި ޕެނަލް މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ މައިގަނޑު 4 ބަޔަކަށް ބަހާލައިގެންނެވެ. އެއީ ތިމާވެށީގެ ގޮންޖެހުންތަކުގެ ޙައްލެއްގެ ގޮތުގައި ފަތުރުވެރިކަން، ސާދާ ދިރިއުޅުމަކަށް ފަތުރުވެރިކަން، ފަތުރުވެރިކަން ފަހިކުރުމަށް ޓެކްނޮލޮޖީއާއި އީޖާދުތައް އަދި ގުޅިގެން މުސްތަޤުބަލު ބިނާކުރުމުގެ ފަތުރުވެރިކަމެވެ.

މި ސަމިޓުގެ ތެރޭގައި ސަމިޓްގެ ޝިއާރާ ގުޅޭ ތަފާތު ތަޤުރީރުތައް ދުނިޔޭގެ ސިޔާސީ ލީޑަރުންނާއި، ދުނިޔޭގެ ކުންފުނިތަކުގެ އިސްވެރިން ދެއްވާފައިވެއެވެ. މި ބޭފުޅުންގެ ތެރޭގައި އދ.ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫނާއި، ހިލްޓަން ވޯލްޑް ވައިޑްގެ ރައީސް އަދި ސީ.އީ.އޯ ކްރިސްޓޮފަރ ޖޭ ނަސެއްޓަރއާއި، ޔޫރަޕިއަން ޔޫނިއަންގެ ޕާލިމެންޓް މެންބަރ އެލީނާ ކޮންޓޯރާއާއި، ދުބާއީ އެއަރޕޯޓް އިންޓަރނޭޝަނަލްގެ ސީ.އީ.އޯ ޕޯލް ގްރިފިތްސް ހިމެނިވަޑައިގަންނަވައެވެ.

ސަމިޓުގެ ހަވާސާގައި ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް އެހެން ޤައުމުތަކުގެ ޓޫރިޒަމް މިނިސްޓަރުންނާއި ދުނިޔޭގެ ފަތުރުވެރިކަމާގުޅުންހުރި ޖަމިއްޔާ ޖަމާތްތަކާއި، ކުންފުނިތަކުގެ އިސްފަރާތްތަކާ ބައްދަލުކުރައްވާފައިވެއެވެ. މީގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަލް ޚަތީބާއި، ބަޚްރެއިންގެ ޓޫރިޒަމް މިނިސްޓަރ ފާތިމާ ޖޭ އަލް ސައިރާފީއާއި މެރިއަޓް އިންޓަރނޭޝަނަލްގެ ރައީސް އާއި ހޮޓެލް ބެޑްސްގެ ސީ.އީ.އޯއާއި، ފޯވަރޑް ކީސްގެ ސީ.އީ.އޯ އަދި ހޮޓެލް ޕްލޭނާރޒްގެ ސީ.އީ.އޯ ހިމެނިވަޑައިގަންނަވައެވެ.

ޑަބްލިއު.ޓީ.ޓީ.ސީ ކައުންސިލުގެ ގްލޯބަލް ސަމިޓުގައި ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމާއެކު ދިވެހިރާއްޖެއިން ސަޢުދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޚަލީލާއި، ޓޫރިޒަމް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ ފާތިމަތު ނިލްފާއާއި، ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ ތައްޔިބު ޝަހީމް އާއި ލީގަލް އޮފިސަރ އާމިނަތު ޝިއުނާ ބަޝީރު ބައިވެރިވެވަޑައިގެންނެވިއެވެ.