ޚަބަރު

ތިމަރަފުށީ ރޯހައުސްތަކަށް ކުރިމަތިލި ފަރާތްތަކުގެ ވަގުތީ ލިސްޓު އާއްމުކޮށްފި


ތ. ތިމަރަފުށީގައި ސަރުކާރުން ތަރައްޤީކުރަމުންދާ ރޯހައުސްތަކަށް ކުރިމަތިލި ފަރާތްތަކުގެ ވަގުތީ ލިސްޓު ތިމަރަފުށީ ކައުންސިލުން އާއްމުކޮށްފިއެވެ.

ތިމަރަފުށީގައި 100 ރޯހައުސް ތަރައްޤީކުރުމަށް ސަރުކާރުން ޙަވާލުކޮށްފައިވަނީ އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. ޑިޒައިން އެންޑް ބިލްޑް އުޞޫލުން މި މަޝްރޫޢު އެކުންފުންޏާއި ޙަވާލުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ތެރޭގައެވެ. މި ރޯހައުސްތަކުގެ ކޮންސްޓްރަކްޝަން ހުރިހާ މަސައްކަތްތަކެއް ނިމި މިހާރު ކުރަމުންދަނީ ފިނިޝިންގެ މަސައްކަތްތަކެވެ.

މި 100 ރޯހައުސް އިމާރާތްކޮށްފައިވަނީ ތިމަރަފުށީ ދެކުނުން އަލަށް ހިއްކި ސަރަޙައްދުގައެވެ. ރޯހައުސްތަކުގެ މަސައްކަތް ނިމުމަކާއި ގާތްވެފައިވާއިރު، މި ރޯހައުސްތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މިއަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ.

މި ރޯހައުސްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ދެ ކެޓަގަރީއަކަށް ބަހަލައިގެންނެވެ. ކެޓަގަރީ A ގައި ހިމެނެނީ، ތިމަރަފުށީގެ ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ 83 ރޯހައުސްއެވެ. ކެޓަގަރީ B ގައި ހިމެނެނީ ތިމަރަފުއްޓަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ އެހެން ރަށްރަށުގެ މީހުންނަށް ދޫކުރުމަށް ނިންމާފައިވާ 15 ރޯހައުސްއެވެ. އަދި ބާކީ 2 ރޯ ހައުސް، ހައުސިންގ މިނިސްޓްރީން ކަނޑައަޅާފައިވަނީ ރަށު ކައުންސިލްގެ ބޭނުމަށް ޚާއްސަކުރުމަށެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ތިމަރަފުށީ ކައުންސިލުގެ ރައީސް އިސްމާޢީލް އިބްރާހީމް ވިދާޅުވީ، ރޯހައުސްތަކަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި 320 އަށްވުރެ ގިނަ އެޕްލިކޭޝަން ފޯމު ލިބިފައިވާކަމަށެވެ. އަދި ރޯހައުސްތަކަށް ކުރިމަތިލީ ފަރާތްތަކުގެ ވަގުތީ ލިސްޓާމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ، އަންނަމަހުގެ 5 ވަނަ ދުވަހާއި އެ ފުރުޞަތު ހުޅުވާލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ތިމަރަފުށީ ކައުންސިލުގެ ރައީސް ވިދާޅުވީ، ވަގުތީ ލިސްޓު އާއްމުކުރިނަމަވެސް، ފޯމުތަކުގެ އިވެލުއޭޝަން މަރުހަލާ ނިންމާ ރޯހައުސްތައް ދޫކުރަން ފެށޭނެ ސީދާ ތާރީޚެއް ދަންނަވަން ނޭނގޭކަމަށެވެ.

މި ރޯހައުސްތަކުގެ މަސައްކަތް ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން ކައުންސިލުގެ ރައީސް ވިދާޅުވީ، ރޯހައުސްތައް އިމާރާތްކުރާ ސަރަހައްދަކީ އަލަށް އާބާދުވާ ސަރަޙައްދެއްކަމުން އެ ސަރަޙައްދަށް ފެނާއި ކަރަންޓާއި ނަރުދަމާ ކަނެކްޝަންތައް ގުޅުމުގެ މަސައްކަތް ފެނަކައިން މިހާރު ކުރަމުންދާކަމަށެވެ. އަދި ރޯހައުސްތަކުގެ ހުރިހާ މަސައްކަތެއް ނިންމާލެވޭނެކަމަށް ލަފާކުރެވެނީ އަންނަ ފެބްރުއަރީމަހަށްކަމަށްވެސް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

"އެންމެ ބޮޑުކަމަކަށް މިއޮތީ މިހާރު ފެނާއި ނަރުދަމާއާއި ކަރަންޓުގެ ކަންތައްތައް. އެއީ ވަކިން ހިއްކާފަައި އޮތް ސަރަޙައްދެއްވީމަ އަދި ހިސާބަށް ކަރަންޓާއި ފެނާއި ނަރުދަމާ ނުދޭ. މިހާރު އެ މަސައްކަތްވެސް އެދަނީކުރިއަށް. އެކަމަށް ބޭނުންވާ ތަކެތި ފެނަކައިން ހޯދައިގެން އެ މަސައްކަތް ފަށައިގެން އުޅެނީ" ތިމަރަފުށީ ކައުންސިލުގެ ރައީސް އިސްމާޢީލް އިބްރާހީމް ވިދާޅުވިއެވެ.

ތިމަރަފުށީގައި ސަރުކާރުން ތަރައްޤީކުރާ 100 ރޯހައުސްގައި މުޅިންވެސް ހިމެނެނީ 3 ކޮޓަރީގެ ގެތަކެވެ. އެގޮތުން 3 ކޮޓަރިއާ 3 ފާޚާނައާއި ބަދިގެ، ސިޓީންގ ރޫމް އަދި ލޯންޑްރީ އޭރިއާއާއި، ސްޓޯރ ރޫމްވެސް ހިމެނެއެވެ. މި މަޝްރޫއަކީ ސަރުކާރުން 71.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މިއިން ކޮންމެ ރޯހައުސްއަކީވެސް 1000 އަކަފޫޓުގެ ގެތަކެވެ. މި ތަންތަން ދޫކުރަނީ 20 އަހަރަށް ބަހާލައިގެން ފައިސާ ދައްކާގޮތަށްކަމަށް ހައުސިންގ މިނިސްޓްރީން މީގެކުރިން ވަނީ ވިދާޅުވެފައެވެ.