ޚަބަރު

ފަލަސްޠީނުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެ އަބަދުވެސް އޮންނާނެ: ރައީސް


ފަލަސްޠީނުގެ ރައްޔިތުންނަށް ޞުލްޙަވެރިކަމާއި ތަނަވަސްކަމާއި އަބުރުވެރި ދިރިއުޅުމެއް ލިބެންޖެހޭކަމަށާއި، ފަލަސްޠީނުގައި ތިބި އަޚުންނާއި އުޚުތުންނަށް ލިބެންޖެހޭ ޙައްޤުތައް ހޯދައިދިނުމުގައި ދިވެހިރާއްޖެ، ފަލަސްޠީނާއެކު އޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ފަލަސްޠީނުގެ ރައްޔިތުންނާއެކު އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްއަށް ފޮނުއްވި މެސެޖުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެމަނިކުފާނު ވަނީ ދުވަހުގެ މުނާސަބަތުގައި ފަލަސްޠީނުގެ ރައްޔިތުންނާ، ފަލަސްޠީނުގެ ސަރުކާރު، އަމިއްލަ އިޚްތިޔާރުގެ ޙައްޤު ޙާޞިލުކުރުމަށް ކުރާ މަސައްކަތުގައި، ދިވެހި ރައްޔިތުންނާއި، ދިވެހި ސަރުކާރު އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ހަމަ އެއާއެކު ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ފަލަސްޠީނުގެ މައްސަލައިގައި ޞުލްޙަ ޤާއިމުކުރުމަށްޓަކައި ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރެވޭ ދެދައުލަތުގެ ދެމެދު އޮންނަންޖެހޭނެ ޙައްލަކީ، ދެމެހެއްޓެނިވި އަދި ދިގު މުއްދަތުގެ ޙައްލެއްކަމަށް ޤަބޫލުފުޅުކުރައްވާކަމުގައި ފާހަގަކުރައްވާފައިވެއެވެ.

އަދި އެމަނިކުފާނު ވަނީ، މިކަމަށްޓަކައި، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްޠީނުގެ ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، ފަލަސްޠީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ޤާއިމުކުރުމަށް ގޮވާލައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރެވޭ މި އިންތިޒާމާއި ޚިލާފަށް އެކަން އެއްފަރާތްކޮށް އަޅާ ފިޔަވަޅުތަކަކީ ޣައިރު ޤާނޫނީ ފިޔަވަޅުތަކެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖް ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ޙާލަތާއި ޙައްޤުތަކަކީ ބައިނަލްއަޤްވާމީ ގޮތުން އިސްކަންދޭ ކަމެއްގެ ގޮތުގައި ރާއްޖެއިން ދެކޭކަން ހާމަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ މިކަމުގެ އަލީގައި، މިރާއްޖެއިން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ މެންބަރެއްގެ ހައިސިއްޔަތުން، ފަލަސްޠީނަށް ފުރިހަމަ ދައުލަތެއްގެ ދަރަޖަ ހޯދުމަށް ވަރަށް ބޮޑަށް ވަކާލާތުކޮށް، ފަލަސްޠީނުގެ ރައްޔިތުންގެ އަސާސީ ޙައްޤުތައް ފުރިހަމައަށް ލިބިގަތުމާއި، ޙިމާޔަތްކުރުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢަށް އަދާކުރަންޖެހޭ މަސްއޫލިއްޔަތު ހަނދާންކޮށްދެމުން ގެންދާނެކަން ފާހަގަކުރައްވާފައެވެ.