ޚަބަރު

ބަޖެޓަރީ ސަޕޯޓުގެ ގޮތުގައި އިންޑިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ މާލީ އެހީ


ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިކަމުން އަރައިގަތުމަށް، ބަޖެޓަރީ ސަޕޯޓްގެ ގޮތުގައި އިންޑިއާއިން 100 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ފޯރުކޮށްދީފިއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އިންޑިއާގެ ފަރާތުން މި އެހީ ފޯރުކޮށްދިނުމުގެ ރަމްޒީ ޗެކު ދިވެހި ސަރުކާރާއި ޙަވާލުކޮށްދެއްވީ، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނު މަހާވަރާއި ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ސީ.އީ.އޯ ޑޯރާބާބޫ ޑަޕަރްތީއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެހީއާއި ޙަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި، ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ. މި ރަސްމިއްޔާތުގައި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. ޖައިޝަންކަރު ވަނީ ވަރޗުއަލްކޮށް ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ، އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަމަޖައްސައިދިން 100 މިލިއަން އެމެރިކާ ޑޮލަރުގެ މާލީއެހީއަކީ ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމަށް މިއަދުގެ ސަރުކާރުން ކުރަމުންގެންދާ އަގުހުރި މަސައްކަތްތަކަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއްކަމަށެވެ. އަދި މިކަމުންވެސް ރަމްޒުކޮށްދެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ހިކުމަތްތެރި ވިސްނުންފުޅާއެކު ތަންފީޒުކުރަމުންދާ ޚާރިޖީ ސިޔާސަތުގެ ކާމިޔާބީކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރ ވިދާޅުވީ، ރާއްޖެއަށް އެހީތެރިކަން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި، އެކަންކަމަށް އިޖާބަދީ އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ޤައުމަކީ އަވަށްޓެރި އިންޑިއާކަމަށެވެ. އެގޮތުން ކޯވިޑް-19ގެ ދަތި ދުވަސްވަރު ރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ފާއިތުވި 4 އަހަރުގެ ތެރޭގައި ރާއްޖެއަށް ހިލޭ އެހީއާއި ލޯނު އެހީގެ ގޮތުގައި އިންޑިއާއިން އެކަނިވެސް 2.75 ބިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދީފައިވާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

"ރާއްޖެއަށް ލިބެމުންދާ މިފަދަ އެހީތައް ހެކިކޮށްދެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޚިކުމަތްތެރި ވިސްނުންފުޅާއެކު ތަންފީޒުކުރަމުންގެންދާ ޚާރިޖީ ސިޔާސަތު ދުނިޔޭގެ ޤައުމުތަކުން ވަރަށް ފުރިހަމައަށް ބަލައިގެންފައިވާކަން. އަދި އެ ސިޔާސަތުގެ ސަބަބުން ބައިނަލްއަޤްވަމީ މަޝްރަހުގައި ޤައުމުތަކުގެ އިޙްތިރާމާއި ގަދަރު ދިވެހިރާއްޖެއަށް ލިބިފައިވާ މިންވަރު" މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ އިޤްތިޞާދީ އިޖްތިމާޢީ ތަރައްޤީގައި އިންޑިއާއަކީ އެންމެ މުހިއްމު އެއް ބައިވެރިޔާގެގޮތުގައި ފާހަގަކުރެއްވިއެވެ. އެގޮތުން އިންޑިއާގެ އެހީގައި މިވަގުތުވެސް ރާއްޖޭގައި 1 ބިލިއަން ޑޮލަރަށްވުރެ އަގުހުރި މަޝްރޫޢުތައް ކުރިއަށްދާކަމަށާއި، މިއީ ދިވެހިންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނުވާނެ މުހިއްމު މަޝްރޫޢުތަކެއްކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

"އިންޑިއާގެ ހިލޭ އެހީއާއި ލޯނުތަކުގެ ގޮތުގައި ޖުމްލަ 1 ބިލިއަން ޑޮލަރަށްވުރެ އަގުހުރި މަޝްރޫޢުތައް މިވަގުތުވެސް ރާއްޖޭގައި ކުރިއަށްއެބަދޭ. މީގެ ތެރޭގައި ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖުގެ މަަސައްކަތާއި، ގުޅީފަޅުގައި އިންޓަރނޭޝަނަލް ޕޯޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓާއި، ލ. ގަމު ކެންސަރ ހޮސްޕިޓަލާއި، ހަނިމާދޫއާއި ގަން އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ އިތުރުން ފެނާއި ނަރުދަމާގެ އެކި މަޝްރޫޢުތައް ހިމެނޭ. މިއީ ދިވެހިންގެ ދިރިއުޅުމުގެ ޙާލަތައް އިންޤިލާބީ ބަދަލުތަކެއް ގެނުވާނެ ފަދަ މަޝްރޫޢުތަކެއް. އަދި އިޖްތިމާޢީ އިޤްތިޞާދީ ގޮތުން ފައިދާތަކެއްވެސް ލިބިގެންދާނެ" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވަރޗުއަލްކޮށް ބައިވެރިވެވަޑައިގެން އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. ޖައިޝަންކަރު ދެއްކެވި ވާހަކަފުޅުގައި، މި އެހީގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ދަތިކަމުން އަރައިގަނެ އިޤްތިޞާދު ހަލުވިކަމާއިއެކު ކުރިއެރުވުމުގެ މަސައްކަތްފަހިވެގެންދާނެ ކަމުގައި އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި އިންޑިއާގެ ނެއިބަރހުޑް ފަސްޓް ސިޔާސަތާއި، ރާއްޖޭގެ އިންޑިއާ ފަސްޓް ސިޔާސަތުގެ ދަށުން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ކުރާ މަސައްކަތުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

"މި މަސައްކަތަކީ އޭގެ ނަތީޖާ އަބަދުމެ ފެންނަ؛ ޙާއްސަކޮށް ކުރިމަތިވާ ބޮޑެތި ގޮންޖެހުންތަކުގައި، އަދި ދެޤައުމުގެ ރައްޔިތުންގެ އެދުމާއި އުއްމީދުތައް އަދި ބޭނުންޖެހިފައިވާ ކަންކަމަށް އިޖާބަދޭ މަސައްކަތެއް" ޑރ. ޖައިޝަންކަރު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ސަރުކާރުން ބަޖެޓަރީ ސަޕޯޓްގެ ގޮތުގައި 100 މިލިއަން އެމެރިކާ ޑޮލަރު ފޯރުކޮށްދިނުމަށް އެދިފައިވަނީ ރަޢީސް އިބްރާޙީމް މުޙައްމަދު ސާލިޙް އޮގަސްޓް 2022 ގައި އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ބޮޑު ވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވުނު މަޝްވަރާތަކުގެ ތެރެއިންނެވެ.

މި ފައިސާގެ އެހީ ފޯރުކޮށްދީފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ، އެސް.ބީ.އައި އަށް ދޫކުރެވޭ ޓްރެޝަރީ ބޮންޑް ސޭލްއެއް މެދުވެރިކޮށެވެ. އަދި އިންޑިއާއިން މި އެހީ ދީފައިވަނީ އެއްވެސް ޝަރުތަކާއިނުލާ، ސަރުކާރަށް ފެންނަ ގޮތުގައި އިސްކަންދީގެން ޤައުމަށް މިވަގުތު ދިމާވެފައިވާ އިޤްތިޞާދީ ދަތިކަމުން އަރައިގަތުމަށް ޙަރަދުކުރުމަށެވެ. މި ފައިސާގެ އެހީއަށް އިންޑިއާއިން ވަނީ އެސް.ބީ.އައިއަށް ސޮވެރެއިން ގެރެންޓީ ފޯރުކޮށްދީފައިއެވެ.