ހދ. ހަނިމާދޫގައި 30 އެނދުގެ އައު ހޮސްޕިޓަލެއް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ހަނިމާދޫ ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ހަނިމާދޫ ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ހޮސްޕިޓަލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ސިއްޙަތާއި ބެހޭ ވަޒީރު އަބްދުﷲ ނާޒިމްއެވެ. އަރިހުގައި ރޯޑް ޑިވްލޮޕްމަންޓު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޘީމް އަދި ހަނިމާދޫ ކައުންސިލްގެ ރައީސްވަނީ ބައިވެރިވެފައެވެ.
ހަނިމާދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ހަނިމާދޫގައި ތަރައްޤީކުރާ 30 އެނދުގެ ހޮސްޕިޓަލު ނިމޭއިރު، ރަށުގެ ސިއްޙީ ދާއިރާގެ ޚިދުމަތް ވަރުގަދަވާނެކަމަށާއި، އޭގެ ކުރިންވެސް މިހާރު ހުރި ސިއްޙީ މަރުކަޒުގެ ޚިދުމަތް ފުޅާކުރުމަށް މަަސައްކަތްކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ހަނިމާދޫ ސިއްޙީ މަރުކަޒުގައި ޑައިލިސިސްގެ ޚިދުމަތާއި، ކުޑަކުދިންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރަކާއި އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރެއްގެ ޚިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވައިދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އައު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް އަޕްގްރޭޑުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެއެވެ. ރަށުގައި ތިބިގެން ނުވަތަ އަތޮޅުން ބޭސް ފަރުވާގެ އެންމެހާ ކަންކަން ކުރެވުމަކީ ސަރުކާރުގެ މުހިންމު މަސައްކަތެކެވެ.