ޚަބަރު

"ވިނަރެސް" ފްލެޓް ގަތުމަށް ޝަރުތު ހަމަވަނީ މަދު ބައެއް


ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ "ވިނަރެސް" ފްލެޓް ގަތުމަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ވަގުތީ ލިސްޓު ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން އާއްމުކޮށްފިއެވެ.

ވިނަރެސް އެޕާޓްމަންޓްތައް ގަތުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް ހެދި ފޯމު ހުށަހެޅުމަށް އެޗް.ޑީ.ސީން ހުޅުވާލީ މިދިޔަ ޖުލައިމަހުގެ 17 ވަނަ ދުވަހުއެވެ.

ވިނަރެސް ހައުސިން މަޝްރޫޢުގެ ތެރޭގައި ހިމެނެނީ 10 ޓަވަރެވެ. އެއީ ޖުމްލަ 1344 ހައުސިންގ ޔުނިޓެވެ. މި ޕްރޮޖެކްޓްގައި ހިމެނޭ ހައުސިންގ ޔުނިޓްތަކުގެ ޢަމަލީ މަސައްކަތްތައް މިހާރު ވަނީ މުޅިންހެން ނިމިފައެވެ. މިހާރު ކުރިއަށްދަނީ ބައެއް ޓަވަރުތަކުގެ އެތެރޭގެ ފިނިޝިންގ މަސައްކަތްތައް އެކަންޏެވެ. މިއީ މުޅިންވެސް 3 ކޮޓަރީއާއި 3 ފާޚާނާ ހިމެނޭ ފްލެޓްތަކެކެވެ. މި ފެލްޓްތައް ތަރައްޤީކޮށްފައިވަނީ ހުޅުމާލޭ ފޭސް ދޭއްގެ ހިތިގަސްމަގުގައެވެ.

މި ފްލެޓްތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އެޗް.ޑީ.ސީން އެ ފުރުޞަތު ހުޅުވާލީ މިދިޔަ ޖުލައިމަހުގެ 17 ވަނަ ދުވަހުއެވެ. އަދި ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހަށް މުއްދަތު ހަމަވިއިރު، ޖުމްލަ 1413 ފަރާތަކުން ފްލެޓްތައް ގަތުމަށް ކުރިމަތިލާފައިވާކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ.

މި ފްލެޓްތައް ގަތުމަށް ހުޅުވާލެވުނު ފުރުޞަތުގައި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޕްއިންޓް ދިނުމުގައި ބަލާ މިންގަނޑުތަކަށް މިނިސްޓްރީ އޮފް ނޭޝެނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބެލުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކާއި، ޝަރުތު ހަމަނުވާ ފަރާތްތަކުގެ މަޢުލޫމާތު އެޗް.ޑީ.ސީން މިހާރު ވަނީ އާއްމުކޮށްފައެވެ.

ވިނަރެސް ފްލެޓްތައް ގަތުމަށް 2 ކެޓެގަރީއަކުން އެޗް.ޑީ.ސީން ހުޅުވާލިއެވެ. އެއީ މާލޭގައި ދިރިއުޅެމުންގެންދާތާ 15 އަހަރުވެފައިވާ ފަރާތްތަކުގެ ކެޓެގަރީއާއި، މާލޭގެ ރަށްވެއްސަކަށްވެފައިވާތާ 15 އަހަރު ވެފައިވާ ފަރާތްތަކުގެ ކެޓެގަރީއެވެ.

މީގެ ތެރެއިން މާލޭގައި ދިރިއުޅެމުންގެންދާތާ 15 އަހަރު ވެފައިވާ ފަރާތްތަކުގެ ކެޓެގަރީއަށް ޖުމްލަ 1118 އެޕްލިކޭޝަނެއް ހުށަހަޅާފައިވާއިރު، އެޗް.ޑީ.ސީގެ ވަގުތީ ލިސްޓު ދައްކާގޮތުން މީގެ ތެރެއިން ޝަރުތު ހަމަވަނީ 475 ފަރާތެއްގެއެވެ. އަދި މާލޭގެ ރަށްވެއްސަކަށްވެފައިވާތާ 15 އަހަރު ވެފައިވާ ފަރާތްތަކުގެ ކެޓެގަރީއަށް ޖުމްލަ 295 އެޕްލިކޭޝަނެއް ހުށަހަޅާފައިވާއިރު، ޝަރުތު ހަމަވަނީ 248 ފަރާތެއްގެއެވެ.

އެޗް.ޑީ.ސީން ވިދާޅުވީ، އާއްމުކޮށްފައި ލިސްޓުގައި ޝަރުތުހަމަވާ ފަރާތްތަކުގެ މާލީ ޤާބިލުކަން ބެލުމާއި ގުޅޭގޮތުން އެޗް.ޑީ.ސީން މަޢުލޫމާތު ހިއްސާކުރާނެކަމަށެވެ. އަދި މައި-އެޕްލިކަންޓާއި ކޯ-އެޕްލިކަންޓުގެ ގޮތުގައި އެއް ފޯމަށްވުރެ ގިނަ ފޯމުގައި ބައިވެރިވެފައިވާ ފަރާތްތަކަށް ކުރިއަށް ދެވޭނީ އެންމެ ފޯމަކާއެކުކަމަށް އެޗްޑީސީން ބުނެއެވެ.

ވަގުތީ ލިސްޓުގައި ޝަރުތު ހަމަވާ ފަރާތްތަކުގެ މާލީ ޤާބިލުކަން ބެލުމަށްޓަކާ ފޯނުން ގުޅާނެކަމަށާއި، އެޗް.ޑީ.ސީން ހަމައެކަނި ގުޅާނީ 3353535 ނަންބަރުންކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ. އަދި އީމެއިލްކުރާނީ ހަމައެކަނި [email protected] މެއިލުންކަމަށްވެސް އެ ކޯރޕަރޭޝަނުން ވިދާޅުވެއެވެ.

ވިނަރެސް ހައުސިންގ މަޝްރޫޢާބެހޭގޮތުން އެއްވެސް ފަރާތަކާއި އެސް.އެމް.އެސްގެ ޒަރިއްޔާއިން މުއާމަލާތެއް ނުކުރާނެކަމަށްވެސް އެޗް.ޑީ.ސީން ވިދާޅުވެއެވެ. އަދި ވަގުތީ ލިސްޓާގުޅޭގޮތުން އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ މައިހުޅުމާލެ ހައުސިންގ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މި މަޝްރޫޢުގެ ދަށުން ފްލެޓްތައް ޑިޒައިންކޮށްފައިވަނީ 4 ކޮންސެޕްޓަކަށެވެ. އެއީ އިނާ ވިއު، އައުޓާ ވިއު، މެރީނާ ވިއު އަދި ސްޓޭންޑާޑް ވިއު އެޕާޓްމެންޓްތަކެވެ. މެރީނާ ވިއު ފްލެޓްތަކުގައި ހިމެނެނީ 172 އެޕާޓްމަންޓެވެ. އައުޓާ ވިއުގައި 372 އެޕާޓްމެންޓް ހިމެނެއެވެ. އިނާ ވިއުގައި ހިމެނެނީ 352 އެޕާޓްމަންޓެވެ. އަދި ސްޓޭންޑާޑް ވިއުގައި 448 އެޕާޓްމެންޓް ހިމެނެއެވެ.

އަކިސީ

ހިނގާރެއް ނެތް އޭޓީއެމެއް ނެތް ޞީއްހީ މަރުކަޒެއް ނެތް މަގުބައްތި އެއް ނެތް