ޚަބަރު

ކުޅުދުއްފުށީ ރައްޔިތުންގެ އިންތިޒާރަށް ނިމުމެއް، ރޯހައުސްތައް ޙަވާލުކުރަން ފަށައިފި


ކުޅުދުއްފުށީ ސިޓީގައި ސަރުކާރުން ތަރައްޤީކުރި 105 ރޯހައުސް ލިބުނު ފަރާތްތަކަށް ރޯހައުސްތައް ޙަވާލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ކުޅުދުއްފުށީ ސިޓީގައި ޖުމްލަ 165 ރޯހައުސް ތަރައްޤީކުރުމުގެ މަސައްކަތް ފެށީ މީގެ 11 އަހަރު ކުރިން 2011 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް މީގެތެރެއިން މަސައްކަތް ނިންމާ، މީހުން ދިރިއުޅެން ފަށާފައިވަނީ 60 ރޯހައުސްގައެވެ.

މި ސަރުކާރުން ވަނީ މީގެ ތެރެއިން އެކި ސަބަބުތަކާއި ހުރެ މަސައްކަތް ހުއްޓިފައިވާ 105 ރޯހައުސްއެއްގެ މަސައްކަތް ނިންމުމަށް މިދިޔަ އޭޕްރީލްމަހުގެ ތެރޭގައި ވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައެވެ. މި ރޯހައުސްތަކުގެ މަސައްކަތް ނިންމާ، ރޯހައުސްތައް ލިބުނު ފަރާތްތަކަށް ތަންތަން ޙަވާލުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ކުޅުދުއްފުށީގެ މޭޔަރ މުޙައްމަދު އާޠިފް ވިދާޅުވީ، ރޯހައުސްތައް ލިބުނު ފަރާތްތަކަށް ތަޅުދަނޑި ޙަވާލުކުރުމުގެ މަސައްކަތް އިއްޔެ ފަށާފައިވާކަމަށާއި، މިހާތަނަށް 27 ފަރާތަކަށް ތަޅުދަނޑި ޙަވާލުކޮށްފައިވާކަމަށެވެ. ކުޅުދުއްފުށީގައި ތަރައްޤީކުރާ ރޯހައުސްތަކުގެ ތެރެއިން މި ބުރުގައި 85 ފަރާތަކަށް ރޯހައުސް ޙަވާލުކުރެވޭނެކަމަށް އާޠިފް ވިދާޅުވިއެވެ. އަދި ރޯހައުސްތަކުގެ ތަޅުދަނޑިތައް ޙަވާލުކުރުމުގެ ކަންކަން ކުރިއަށް އޮތް ތިން ދުވަހެއްގެ ތެރޭގައި ނިންމޭލެވޭކަމަށް މޭޔަރ ވިދާޅުވިއެވެ.

އާޠިފް ވިދާޅުވީ، މި ރޯހައުސްތަކުގެ ތެރެއިން އެކި ސަބަބުތަކާހެދި މިހާތަނަށް އާއްމުންނަށް ދޫނުކުރެވި ހުރި 102 ރޯހައުސްއެއް ޙަވާލުކުރުމުގެ ކަންކަން އަންނަމަހުގެ ތެރޭގައި ނިންމާލެވޭކަމަށެވެ.

"85 ފަރާތަކަށް މިފަހަރު ތަޅުދަނޑި މި ދެވެނީ. މީގަ އެބައުޅޭ ޙަވާލުކުރަންޖެހޭ 102 ރޯހައުސްއެއް. އެކި ސަބަބުތަކާހުރެ، މިސާލަކަށް ލިސްޓުން އުނިވި ފަރާތްތަކާ، ޝަރުތު ހަމަނުވުމާއި ދޫކޮށްލަން ބޭނުންވި ފަރާތްތައްވެސް އެބައުޅޭ. އެހެންވީމަ މިހުރިހާ ރޯހައުސްއެއްގެ ކަންތައްތައް އަދި ނިންމާލެވޭނީ މި އަންނަ މަހުގެ ތެރޭގައި" އާޠިފް ވިދާޅުވިއެވެ.

ކުޅުދުއްފުށީގައި 165 ރޯހައުސް ތަރައްޤީކުރުމުގެ މަސައްކަތް 2011 ވަނަ އަހަރު ފަށާފައިވަނީ ރަށުގެ 3 ސަރަޙައްދަކުންނެވެ. އެއީ އެ ރަށުގެ ހިއްކި ސަރަޙައްދާއި، ޖަލާލުންދީން ސްކޫލު ކައިރީގެ އިތުރުން ހަސަނާތު މިސްކިތް ކައިރީގައެވެ. މީގެ ތެރެއިން މަސައްކަތް އެންމެ ބޮޑަށް ހުއްޓިފައި ހުރީ ހިއްކި ސަރަހައްދުގައި ތަރައްޤީކުރަމުންދިޔަ 100 ރޯހައުސްގެއެވެ.

މިތަންތަނުގެ މަސައްކަތް ހުއްޓާލިއިރު ހުރީ ގެތަކުގެ މުޅި ސްޓްރަކްޗަރ ނިންމާ، ފުރާޅުތައްވެސް ގިނަ ގެތަކުގައި ނިންމާފައެވެ. ގެތަކުގެ މަސައްކަތް މުޅިން ހުއްޓިފައި ވަނިކޮށް، ގެތަކަށް މީހުން ހޮވީ 2015 ވަނަ އަހަރުއެވެ. އެ ރައްޔިތުން މިދިޔަ 7 އަހަރު ދުވަހުވެސް ތިބީ އެމީހުގެ ގެތަކަށް ދިރިއުޅުން ބަދަލުކުރެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.

ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވަނީ 3 ކޮޓަރީގެ ރޯހައުސްތަކެކެވެ. ކޮންމެ ރޯ ހައުސްއެއްވެސް ހުންނާނީ ދެ ފަންގިފިލާއަށެވެ. މި ޕްރޮޖެކްޓްގެ ދަށުން މީގެ ކުރިން ދޫކުރި 60 ރޯހައުސްގެ ކުއްޔަކީ 3000 ރުފިޔާއެވެ.

ކުޅުދުއްފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކޮށްދިނުމުގެ ގޮތުން މި ސަރުކާރުން ވަނީ 400 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢެއްވެސް ފަށާފައެވެ. މި 400 ހައުސިންގ ޔުނިޓްގެ މަސައްކަތްވެސް ސަރުކާރުން ޙަވާލުކޮށްފައިވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާއެވެ. މިއިން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރިއާއި 3 ފާޚާނާ ހުންނާނެއެވެ.

ޑިޒައިން އެންޑް ބިލްޑް އުޞޫލުން ތަރައްޤީކުރާ މި 400 ހައުސިންގ ޔުނިޓް އެޅުމަށް ޙަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫޢަށް ގާތްގަނޑަކަށް 443.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.