ޚަބަރު

"ހޭންޑް ފުޓް އެންޑް މައުތު" ބަލި ޖެހިއްޖެނަމަ ކުއްޖާ ޑީ-ހައިޑްރޭޓްވޭތޯ ބެލުން ވަރަށް މުހިއްމު


ކުޑަކުދިންގެ އަނގައާއި އަތާއި ފައިގައި ބިހިތަކެއް ނަގައިގެން ޖެހޭ "ހޭންޑް ފުޓް އެންޑް މައުތް" ބަލި ރާއްޖޭގައި ފެތުރޭ މިންވަރު އިތުރުވެ، ބައްޔާއިމެދު ސަމާލުވުމަށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން އިލްތިމާސްކުރައްވައިފިއެވެ.

ހޭންޑް ފުޓް އެންޑް މައުތު ބައްޔަކީ ޢާއްމު ގޮތެއްގައި ތުއްތު ކުދިންގެ ތެރޭގައި ފެތުރޭ މޫސުމީ ބައްޔެކެވެ.

މިދުވަސްވަރު ހޭންޑް ފުޓް އެންޑް މައުތް ބަލި ހަލުވިކަމާއެކު ފެތުރެމުން ދިޔުމުގެ ކަންބޮޑުވުން ފާޅުކުރައްވާ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ވަނީ ބަލީގެ ޢަލާމަތްތަކާމެދު ސަމާލުވުމަށް އެދިވަޑައިގަންނަވާފައެވެ. ލޮލާއި އަނގަ އަދި ނޭފަތުގެ ޒަރީއްޔާއިން ޖެހޭ މިބައްޔަކީ ވައިރަސްއެއްގެ ސަބަބުން ޖެހޭ ބައްޔެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ބަލި ވަރަށް ހަލުވިކަމާއެކު މާލެއާއި އަތޮޅު ތެރޭގެ ރަށްރަށުގައި ފެތުރެމުންދާކަން އެޗްޕީއޭއިން ހާމަކުރައްވާފައިވާއިރު ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ، ޑރ.އަޙްމަދު ފައިސަލް ވިދާޅުވީ މިއީ ބަލީގެ ޒާތުގައި ފުރާނައަށް ނުރައްކާވާ ބައްޔެއް ނޫންކަމަށެވެ.

ޑރ.ފައިސަލް ވިދާޅުވީ ބަލީގައި ބޮޑުވަރު ވަނީ، އަނގައިގައާއި ކަރުގައި ބިހި ނަގަން ފެށުމުން ކުދިން ކެއިން ބުއިމުން ދުރުހެލިވެ، ހަށިގަނޑުގެ ފެން މަދުވެ ޑީހައިޑްރޭޓްވެގެންކަމަށެވެ. އަދި މިބައްޔަކީ އޭގެ ޒާތުގައިވެސް ޢާއްމު ހުމުގައި ފެންނަ ބައެއް ޢަލާމަތްތައް ފެންނަ ބައްޔަކަށްވުމާއެކު ކުޑަކުދިންގެ ހަށިގަނޑުގެ ފެން މަދުވަމުންދާއިރު ހުން ގަދަވެއްޖެނަމަ ކުއްޖާ ޝޮކަކަށް ދިޔުމުގެ ފުރުސަތު ބޮޑުކަން ޑރ.ފައިސަލް ވަނީ ފާހަގަކުރައްވާފައެވެ.

"އަސްލު ގިނަ ބޭފުޅުންނަށްވާގޮތަކީ ހުން އަންނަން ފެށުމާއެކު ހުމަށް ފަރުވާދޭން އުޅެގަނެވެނީ. ބޭސްދީ ހުން މަޑުކުރަން ބޮޑަށް މަސައްކަތްކުރަނީ. އެކަމަކު އަސްލު ސަމާލުވާންވީ ކުއްޖާގެ ހައިޑްރޭޝަންއަށް. ކާންދޭން ދިޔާތަކެތި ދޭން ވަރަށް އުނދަގޫވާނެ. ހުން އައިސްފައި ހުންނަ ގަޑީގައި ހައިޑްރޭޝަން ދަށްވެއްޖެނަމަ ކުއްޖާ ޝޮކަކަށްވެސް ހިނގައިދާނެ." ޑރ.ފައިސަލް ވިދާޅުވިއެވެ.

މިބަލި ޖެހިފައިވާ ކުއްޖެއްގެ ހަށިގަނޑުގައި ފެން މަދުވޭތޯ ބެލުމަކީ މުހިއްމުކަމެއްކަން ފާހަގަކުރައްވާ އެކަން ދެނެގަންނާނެ ބައެއް ގޮތްތައްވެސް ޑރ.ފައިސަލް ވަނީ ވިދާޅުވެދެއްވާފައެވެ. އެގޮތުން ކުޑަކުދިންނަމަ 6 ގަޑިން ނުވަތަ މަދުވެގެން 8 ގަޑިން ކުޑަކަމު ނުދެވޭނަމަ އެއީ އެކުއްޖެއްގެ ހަށިގަނޑުގައި ފެން މަދުކަމުގެ ޢަލާމާތެއްކަމަށް ޑރ.ފައިސަލް ވިދާޅުވިއެވެ. މީގެއިތުރުން ލޯވަޅުވަނުމާއި، ނުވަތަ އަނގަ ހިކުމާއި، ކުޑަކަމު ދެވޭއިރު ކުލަ ގަދަވުން ނުވަތަ މަދުން ފާޚާނާއަށް ދެވުން، އަދި ރޯއިރުވެސް ލޮލުން ފެން ނައުންފަދަ ކަންކަމަށް ސަމާލުވުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ. އަދި ވަރަށް ތުއްތު ކުއްޖެއްނަމަ ބޮލުގެ މަތީ މަޑުބައި އަޑިއަށް ދިޔުންފަދަ ޢަލާމާތްތަކެއް ކުއްޖާގެ ހަށިގަނޑުގައި ފެންމަދުވާނަމަ ފެންނާނެކަމަށް ޑރ.ވަނީ ވިދާޅުވެފައެވެ.

އާދައިގެ ހުމަކުން ފެތުރޭ މިބަލީގައި ޢާއްމުކޮށް އަތާއި ފަޔާއި އަނގައިގައި ބިހިތަކެއް ނަގައެވެ. އަދި ބައެއް ފަހަރު މުޅި ހަށިގަނޑުގައިވެސް ބިހިނަގާކަމަށް ޑރ.ފައިސަލް ވިދާޅުވިއެވެ. އަދި މާބޮޑު ނުރައްކަލެއް ނެތްނަމަވެސް ބަލީގެ ސަބަބުން ހޮސްޕިޓަލުގައި ބާއްވަންޖެހެނީ 5 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ފިޓު ޖެހޭ ކުދިންނާއި ހަޑިގަނޑުވެ ވަރުދެރަވެގެން އައިވީއެޅުމަށްކަމަށް ޑރ.ފައިސަލް ވަނީ ވިދާޅުވެފައެވެ. ޢާއްމުގޮތެއްގައި ހަފްތާއެއް ތެރޭގައި ބިހިތައް ފިލާކަން ފާހަގަކުރައްވާ ޑރ.ފައިސަލް ވިދާޅުވީ ބިހިތައް އެއްކޮށް ފިލާ ރަނގަޅުވުމުގެ ކުރިން އެއްކުއްޖެއްގެ ފަރާތުން ބަލި އެހެންކުދިންނަށް ޖެހުމުގެ ފުރުސަތު އޮންނަކަމަށެވެ.

އެހެންކަމުން ވައިރަހުގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ފަދައިން މިބަލިވެސް އެއްފަހަރަށްވުރެ ގިނަ ފަހަރު ޖެހުމުގެ ފުރުސަތު ބަލީގެ އެކި ވޭރިއެންޓާއެކު އޮންނަކަން ޑޮކްޓަރ ފައިސަލް ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ބައްޔާއި މެދު ސަމާލުވުމަށް ޢާއްމު ސާފުތާހިރުކަމަށް އިސްކަން ދިނުމަށްވަނީ އިލްތިމާސްކުރައްވާފައެވެ.