ޚަބަރު

އެޗްޑީސީއާއި ރިދަމް ފިޓްނަސް ގުޅިގެން ހިލޭ ކަސްރަތު ޕްރޮގްރާމްތަކެއް


ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށްގެން ހިލޭ ކަސްރަތު ޕްރިގްރާމްތަކެއް ހިންގުމަށް ރިދަމް ފިޓްނަސްއާއެކު ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗްޑީސީން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެވެ. އަދި ރިދަމް ފިޓްނަސްގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ވެރިޔާ އަޒީރާ ސޯދިގެވެ.

އެޗް.ޑީ.ސީން ވިދާޅުވީ، މި އެއްބަސްވުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ، ހުޅުމާލެގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނަށް ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމުގެ މަގުފަހިކޮށްދިނުމެވެ. އެގޮތުން، މި އެއްބަސްވުމުގެ ދަށުން ދޮށީ އުމުރުގެ އަންހެނުންނަށް ހިލޭ ކްލާސްތަކެއް ރިދަމް ފިޓްނަސްއިން ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ޕްރޮގްރާމާބެހޭ މަޢުލޫމާތު ރިދަމް ފިޓްނަސްގެ އިންސްޓަގްރާމް ޕޭޖުން އާންމުންނަށް ފޯރުކޮށްދެވިގެންދާނެއެވެ.

ހުޅުމާލެގައި ދިރިއުޅޭ ފަރާތްތަކަށް ދުޅަހެޔޮ ޞިއްޙަތެއް ފޯރުކޮށްދިނުމަށްޓަކައި އެޗް.ޑީ.ސީގެ ފަރާތުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، އެޗް.ޑީ.ސީން ވަނީ ރައްޔިތުންގެ ދުޅަހެޔޮކަމާއި ގުޅިގެން މަޢުލޫމާތު ދިނުމުގެ އިތުރުން ތަފާތު ޕްރޮގްރާމްތައް މީގެކުރިންވެސް ހިންގާފައެވެ. ދޮށީ އުމުރުގެ މީހުންނަށް ޚާއްސަކޮށްގެން މިދިޔަ އޮގަސްޓްމަހު އެޗް.ޑީ.ސީގެ ފަރާތުން ވަނީ ދޮށީއުމުރާއި ޞިއްހަތުގެ ނަމުގައި ޚާއްސަ މަންސައެއް ވެސް ބާއްވާފައެވެ.

އެޗް.ޑީ.ސީން ވިދާޅުވީ، ހުޅުމާލެގައި ދިރިއުޅޭ ރައްޔިތުންނަށް ސިއްހަތާއި ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދީ، އާންމުން މިކަމަށް ހޭލުންތެރިކުރުވުމަށް އެ ކޯޕަރޭޝަންގެ ފަރާތުން އަބަދުވެސް މަސައްކަތްކުރަމުންދާކަމަށެވެ. އެގޮތުން ރިދަމް ފިޓްނަސްއާއެކު މިވެވުނު އެއްބަސްވުމަކީ ދޮށީ އުމުރުގެ ބޭފުޅުންނަށް ވަރަށް ބޮޑު ފައިދާއެއްވާނެ ކަމެއްކަމަށް ޤަބޫލުކުރާކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ.