ޚަބަރު

ހިތާދޫ ފެނާއި ނަރުދަމާގެ މަސައްކަތް އަންނަ ޖަނަވަރީ މަހަށް ނިންމާލެވޭނެ: ކައުންސިލް


ބ.ހިތާދޫގައި ސަރުކާރުން ގާއިމް ކުރާ ރައްކާތެރި ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތް އަންނަ ޖަނަވަރީމަހަށް ނިންމާލެވޭނެ ކަމަށް އުންމީދު ކުރާކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. ކުރިން މި މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާކޮށްފައިވަނީ މިއަހަރުގެ އޯގަސްޓް މަހަށެވެ. އެހެން ނަމަވެސް މަސައްކަތައް ބޭނުންވާ ބައެއް ސާމާނު ލިބުމުގައި ލަސްތަކެއް ކުރިމަތިވުމުން މަސައްކަތް ނުނިމި ދިޔައީ ކަމަށް ހިތާދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒު ވިދާޅުވިއެވެ. ހިތާދޫގައި ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތް ކުރަމުންދަނީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓް ކުންފުނިންނެވެ.

ހިތާދޫގައި ރައްކާތެރި ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތް ފެށީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެތެރޭގައެވެ. ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މަސައްކަތް ކުރުމުގައި ކުރިމަތިވި ގޮންޖެހުންތަކާ އެކުވެސް އެމަސައްކަތް މިހާރު މިވަނީ ނިމުމަކާ ގާތްވެފައެވެ.

ހިތާދޫގައި ޤާއިމް ކުރާ ފެނުގެ ނިޒާމްގެ މަސައްކަތުގެ ތެރެއިން ފެން އުފެއްދުމަށް އާރުއޯ ދެޕްލާންޓް އިންސްޓޯލްކޮށް ނިމި، އެއިން އުފައްދާ ފެން ރައްކާކުރުމަށް ބަހައްޓާ ތާންގީތަކުގެ މަސައްކަތްވެސް ނިމިފައިވާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. އާރްއޯ ޕްލާންޓުން އުފައްދާ ފެން ރައްކާކުރުމަށް ބަހައްޓާ 2 ތާންގީގެ އިތުރުން ވާރޭފެން ރައްކާކުރުމަށް 1 ތާންގީ ވަނީ ބަހައްޓާފައެވެ. އަދި ވާރޭފެން ނެގުމަށް އަޅާ ހޮޅިލައިންގެ މަސައްކަތްވެސް އެއްކޮށް ނިމިފައިވާއިރު، ގެތަކަށް ފެނުގެ ޚިދުމަތް ގުޅައިދީ މީޓަރު ހަރުކުރުމާއި، ފެން ނެގުމަށް ޤާއިމް ކުރާ ބޯހޯލް ތަކުގެ މަސައްކަތްވެސް ނިމިފައިވާކަމަށް ކައުންސިލުން ވިދާޅުވެއެވެ.

ފެނުގެ މަސައްކަތުގެ ތެރެއިން ނުނިމިވަނީ ސީއައުޓްފޯލް އެޅުމުގެ މަސައްކަތް އެކަންޏެވެ. ކައުންސިލުން ބުނީ އެމަސައްކަތްވެސް ފެށިގެން ކުރިއަށްދާކަމަށެވެ.

ނަރުދަމާ ގެ މަސައްކަތައް ބަލާއިރު ރަށުގައި ނަރުދަމާގެ މައި ނެޓްވޯކެއް އަޅައި ގެތަކަށް ކަނެކްޝަން ގުޅައިދީ މައި ޖަންގްޝަން ނުވަތަ އެސްޓީޕީގެ މަސައްކަތް ވަނީ ނިންމާލާފައެވެ. މި މަސައްކަތުގެ ދަށުން މިހާރު ކުރަމުންދަނީ އެރަށުގެ ދެ ސަރަހައްދެއްގައި ބަހައްޓާ ޕަންޕް ސްޓޭޝަން ތަކުގެ މަސައްކަތާއި ސީ އައުޓްފޯލް އެޅުމުގެ މަސައްކަތެވެ. މި ދެ މަސައްކަތުގެ ތެރެއިން ޕަންޕިން ސްޓޭޝަންތަކުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާކަމަށް ހިތާދޫ ކައުންސިލުން މައުލޫމާތުދެއެވެ.

މި މަޝްރޫގެ މަސައްކަތުގެ ދަށުން ރަށުގެ 290 ގެއަށް ޚިދުމަތް ގުޅައިދީ ނިމިފައިވާކަމަށާއި، އަދި ލީކް ޓެސްޓިންގެ މަސައްކަތްވެސް ނިމިފައިވާކަމަށް ހިތާދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒު ވިދާޅުވިއެވެ. އަޒީޒު ވިދާޅުވީ މިއީ ހިތާދޫ ރައްޔިތުންނަށް ބޭނުން ޖެހިފައި އޮތް އެންމެ މުހިމުން އަސާސީ އެއް ޚިދުމަތެވެ. އެއީ ހިތާދޫއަކީ ފެން ތިލަ ރަށަކަށް ވުމާއެކު ރަށުގެ ހުރިހާ ސަރަހައްދެއްގެ ފެން ތަޣައްރުވެފައިވުމެވެ.

"މީ ބ.އަތޮޅުގައި އެންމެ ފުރަތަމަ ފެނުން ނުބައިވަސްދުވާ ބޭނުން ކުރުމަށް ރައްކާތެރި ފެން ނޫންކަމަށް ކަނޑައެޅި އެއްރަށް، އެފަދަ ޚިދުމަތެއް ލިބުމަކީ ރައްޔިތުންނަށް ލިބޭނެ ކިހާބޮޑު އުފަލެއްތޯ، މިހާރު ކެއްކުމަށާ އެހެނިހެން ބޭނުންތަކަށް ފެނުގެ ގޮތުގައި ބޭނުން ކުރަނީ ވާރޭފެން، އެފެން ހުސްވީމާ ދެން ފިހާރަތަކުގައި ވިއްކަން ހުންނަ ފެން ބޭނުން ކުރަނީ، އެފަދަ ހާލެއްގައި ރައްޔިތުން ދިރިއުޅެމުން މިދަނީ، މި މަސައްކަތާއެކު ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަމަށާ ފެން ގަތުމަށް އަތުން ކުރާ ހޭދައަށް ބޮޑު ލުޔެއް ލިބިގެންދާނެ" ހިތާދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒު ވިދާޅުވިއެވެ.

ބ.ހިތާދޫގެ ބައެއް ސަރަހައްދު ތަކުން ނަގާ ފެނަކީ އެއްވެސް ބޭނުމަކަށް ރަނގަޅު ފެނެއް ނޫންކަމަށް ކަނޑައަޅާފައިވަނީ 1998 ވަނަ އަހަރުއެވެ. އެއަހަރުން ފެށިގެން މިއަދާ ހަމައަށް އައިއިރުވެސް މިކަމަށް އެދެވޭ ހައްލެއް ހޯދައިދެވިފައި ނެތުމަކީ ރަށު ރައްޔިތުންގެ ބޮޑުކަންބޮޑުވުމެކެވެ. އެރަށު މީހުން ބިމުން ނަގާފެން ބޭނުން ކުރަނީ ފެންވެރުމަށް އެކަންޏެވެ. އެވެސް އޮކްސިޖަން ޕަންޕް ބޭނުންކޮށްގެން ފެނުންވަސް ކަނޑުވައިގެންނެވެ.

ރައްކާތެރި ފެނާއި ނަރުދަމާ ނިޒާމެއް ނެތް ހުރިހާ ރަށެއްގައި މިޚިދުމަތް އަންނަ އަހަރުގެ ތެރޭގައި ޤާއިމް ކުރުމަކީ ސަރުކާރުގެ އަމާޒެވެ. އެގޮތުން ހިތާދޫ ފެނާއި ނަރުދަމާގެ މަސައްކަތްވެސް އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ކައުންސިލުން އުންމީދު ކުރެއެވެ.