ޚަބަރު

ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫޢުގައި އިތުރު މުހިންމު ސާރވޭތަކެއް


ށ.ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅާލުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތުގައި ލަސްތަކެއް އުޅެނީ، އެ މަސައްކަތަށް ބޭނުންވާ އިތުރު މުހިންމު ސަރވޭތަކެއްގެ މަސައްކަތް ކުރިއަށްދާތީކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އާޒިމް މިހެން ވިދާޅުވީ ސަރުކާރަށް 4އަަހަރު ފުރުމާ ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަަދައްކަދައްކަވަމުންނެވެ.

ށ.ކޮމަންޑޫއަކީ ގިނަ އާއިލާތައް ތޮއްޖެހި ދިރިއުޅެން މަޖުބުރުވެފައިވާ އެއް ރަށެވެ. އާބާދީ ކުޑަނަމަވެސް، ބޯހިޔާވަހިކަމާއި އިޤްތިޞާދީ ފުދުންތެރިކަމަށް އިންތިހާއަށް ބޭނުންވެފައިވާ ރަށެކެވެ. ރަށުގައި ކުރިން ހިއްކާފައިވާ ސަރަޙައްދެއް އޮތް ނަމަވެސް، އެތަންވެސް އޮތީ ބޭނުން ކުރެވޭ ޙާލަތުގައެއް ނޫނެވެ.

ކޮމަންޑޫގެ ބިމުގެ މައްސަލަ ޙައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ނިންމެވީ، ކޮމަންޑޫއާއި އެއް ފަޅެއްގައި އޮތް މަތިކޮމަންޑޫ ހިއްކާ، ދެ ރަށް ކޯޒްވޭއަކުން ގުޅާލުމަށެވެ. މި ޕްރޮޖެކްޓްގައި ކޮމަންޑޫގައި ކުރިން ހިއްކާފަ އޮތް ސަރަޙައްދުގެ ރިވެޓްމަންޓް އާކުރުން ހިމެނެއެވެ.

މި މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށް ފެށީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. މި ޕްރޮޖެކްޓްގައި 16.7 ހެކްޓްޓަރު ހިއްކާނެއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ޖެނުއަރީގައި ފެށި ނަމަވެސް، މަސައްކަތްތަކަށް ލަސްތަކެއް ވަނީ އައިސްފައެވެ.

ސަރުކާރަށް 4 އަހަރު ވުމާއި ގުޅިގެން ޕީއެސްއެމްއިން ގެނެސްދިން ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ ޢާދަމް އާޒިމް ވިދާޅުވީ ކޮމަންޑުއާއި މަތިކޮމަންޑޫ ހިމެނޭ ސަރަޙައްދަކީ، ފުން ހިސާބަކަށްވުމާއެކު އިތުރު ސަރވޭތަކެއްގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެމްޓީސީސީގެ އިތުރުން ރާއްޖެއިން ބޭރުގެ ސަރވޭ ޓީމެއްގެ އެހީތެރިކަންވެސް މި މަސައްކަތުގައި ހޯދަމުންދާކަމަށެވެ. މި ޕްރޮޖެކްޓް ކުރިއަށްދަނީ ކޯޒްވޭއެއްވެސް ހިމެނޭހެންކަމުން، އެކަމަށް ބޭނުންވާ މުހިންމު ދިރާސާތަކެއް ކުރަމުންދާކަމަށް އާޒިމް ވިދާޅުވިއެވެ.

"އެމްޓީސީސީން މިހާރު ކުރިއަށްގެންދާ ބިން ހިއްކުމުގެ މަސައްކަތްތައް އަންނަ އަހަރު ނިންމާނަން. ކޮމަންޑޫ މަތި ކޮމަންޑޫ ޕްރޮޖެކްޓްގެ ބައެއް ސަރވޭތައް ދަނީ ކުރިއަށް. މި ސަރވޭއާއެކު ޕްރޮޖެކްޓްގެ ޑިޒައިންއަށް ބައެއް ބަދަލު ގެންނަމުން ދަނީ." އާޒިމް ވިދާޅުވިއެވެ.

މި ޕްރޮޖެކްޓްގައި ދެ ކޮމަންޑޫ ގުޅާލާނީ 200މީޓަރުގެ ކޯޒަވޭއަކުންނެވެ.

އާޒިމް ވިދާޅުވީ ކޯޒްވޭތަކުގެ މަސައްކަތްތަކަކީ އުނދަގޫ މަސައްކަތެއްކަމަށެވެ. ކޯޒްވޭގެ ޑިޒައިންތަކަކީ، އެތަނެއްގެ ވެއްޓަށް ވަރަށް ބޮޑަށް ބަލަންޖެހޭ މަސައްކަތެއްކަމަށާއި، ކޮންމެ ޕްރޮޖެކްޓަކަށް ވަކި ފަރުމާތަކެއް ހަދަންޖެހޭކަމެއްކަމަށް އާޒިމް ވިދާޅުވިއެވެ.

ކޮމަންޑޫ ހިމެނޭހެން 5 ރަށެއްގެ ކޯޒްވޭ ހެދުމުގެ މަސައްކަތް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ . އޭގެތެރޭގައި މަޑަވެލި-ހޯނޑެއްދޫ، ފަރެސްމާތޮށާ، ހޯރަފުށި އަދި މާފުށި ހިމެނެއެވެ.

"އެކި ސަރަޙައްދުތަކުގެ މޫދުގެ ފުން މިން، ރާޅާ އޮއިވަރު ތަފާތު. އަދި ބިމުގެ އަޑީގެ ޙާލަތުވެސް އެކި ގޮތަށް ހުންނަނީ. އެހެންވީމާ އެއް ރަށް އަނެއް ރަށް، ޑިޒައިން އެއްގޮތެއް ނުވޭ." އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެމްޓީސީސީން މިހާރު ކުރިއަށްގެންދާ ބިން ހިއްކުމާއި ކޯޒްވޭތަކުގެ މަސައްކަތްތައް އަންނަ އަހަރުގެ ތެރޭގައި މުޅިން ނިންމާނެކަމަށެވެ.

ކޮމަންޑުއާއި މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫޢުއަށް 249މިލިއަން ރުފިޔާ ހޭދަކުރެއެވެ.